އައްޑޫގައި ޚިދުމަތްދެނީ ހަމަހަމަކޮށް، އަވަށްތައް ވަކިވެއްޖެނަމަ ޚަރަދުތައް ފޫބައްދަން ދަތިވާނެ: ނިޒާރު
އައްޑޫ ސިޓީ ކައުންސިލުން ހުރިހާ އަވަށެއްގައިވެސް ޚިދުމަތްތައް ދެމުންދަނީ ހަމަހަމަކޮށް ކަމަށް ވިދާޅުވެ، ވޯޓުގެ ފަހުން ހުޅުދުއާއި މީދުއާއި ފޭދޫ އެކަހެރިވެއްޖެނަމަ، އެ ތިން އަވަށުގެ ޚަރަދުތައް އެ އަވަށްތަކަށް ފޫބައްދަން ދަތިވާނެކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. 'އެސްއެސްޓީވީ'ގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫގެ ސިޓީ ކައުންސިލް އޮންނާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ޚިޔާލު ހޯދުމުގެ ވޯޓު ނަގަން ނުޖެހޭ ކަމަށާއި، ގާނޫނުން އެކަމުގައި ހައްލުތައް ބަޔާންކޮށްފައި އެބަހުރި ކަމަށެވެ. ހުޅުދުއާއި މީދުއާއި ފޭދުއަށް އިދާރީ މިނިވަންކަން ލިބި ފައިދާވާނީ އައްޑޫ ސިޓީ ކައުންސިލާ ވަކިން އޮތުމުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނިޒާރު ވިދާޅުވީ، އިދާރީ މިނިވަންކަމުގެ ވާހަކަ ދެކެވޭއިރު، ވަކި އަވަށެއް ތަފާތުކުރުމެއް ނެތި އައްޑޫ ސިޓީ ކައުންސިލުން ޚިދުމަތްތައް ފޯރުކޮށްދެނީ ހަމަހަމަކޮށް ކަމަށާއި، އެއް ކައުންސިލެއްގެ ގޮތުގައި އައްޑޫ ކައުންސިލް އޮތުމުގެ ސަބަބުން އާބާދީ ނިސްބަތުން ހަމަހަމަކަމާއެކު ރަށްވެހިކަމުގެ ޚިދުމަތް ކުރިއަށް ގެންދެވޭ ކަމަށެވެ. https://sun.mv/213049 "އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކެއްގަވެސް ހިތަދޫ ހިމެނޭހެން އައްޑޫ ސިޓީ ކައުންސިލް ހިމެނޭހެން ހުރިހާ އަވަށްތަކެއްގަވެސް މި ދެނީ އެއް ޚިދުމަތެއް، އެއީ އެއް އަވަށުން ނުލިބޭ ޚިދުމަތެއް އަނެއް އަވަށަކުން ނުލިބޭނެ، ހުރިހާ އަވަށެއްގަވެސް ހަމަހަމަކޮށް ޚިދުމަތްތައް މި ލިބެނީ،" އޭނާ ވިދާޅުވިއެވެ. އައްޑޫ ސިޓީ ކައުންސިލުން ހުޅުދުއާއި މީދުއާއި ފޭދޫ ވަކިވުމުން އެ އަވަށްތަކަށް ލިބޭނެ މާ ބޮޑު ފައިދާއެއް ނެތް ކަމަށް ވިދާޅުވެ ނިޒާރު ވިދާޅުވިގޮތުގައި، އެ އަވަށްތަކުގައި ވަކި ކައުންސިލެއް ހަދައި ވަކިކުރަން މަސައްކަތްކުރަނީ ސިޔާސީ ނިންމުމެއްގެ ތެރެއިން އައްޑޫ ރޫޅާލުމުގެ ބޭނުމުގައެވެ. އޭނާ ވަނީ، މި ވޯޓުގައި ސަރުކާރެއްގެ ސްޓޭންޑެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ސަރުކާރުން ބޭނުންވާ ގޮތެއް އޮތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ސްޓޭންޑަކީ އައްޑޫ އިދާރީގޮތުން ރޫޅާލައި، އެކައްޗެއްގެ ގޮތުގައި އައްޑޫ އޮންނަ އޮތުން ނިމުމަކަށް ގެނައުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. https://sun.mv/212860 ނިޒާރު ވަނީ ކައުންސިލްތައް ވަކިވުމުން، ދައުލަތުން ދޭ ހިލޭ އެހީ ނުވަތަ ގްރާންޓް ފައިސާ ލިބޭތީ، އެއީ ވަކި ކައުންސިލެއް އޮންނަން ޖެހޭ ސަބަބު ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކައަށް ވެސް ރައްދު ދީފައެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުން ހަމައެކަނި ސަރުކާރުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ އެހީއަށް ބަރޯސާވާން ނުޖެހޭނެ ކަމަށާއި، ކައުންސިލްތަކަށް ބިމުގެ އިޚްތިޔާރުތަކާއި ކުންފުނިތައް ހިންގުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށެވެ. އަދި، އައްޑުއަކީ މާލީ މަންފާ ހޯދުމުގެ ގާބިލުކަން އޮތް ސިޓީއެއް ކަމަށް ނިޒާރު ވިދާޅުވިއެވެ. ހަމަ އެއާއެކު ސިޓީއެއްގެ ގޮތުގައި އައްޑޫ އޮތުމުން ތަރައްގީއަށް މަސައްކަތްކުރެވެނީ އެއް ޕްލޭނެއްގެ ދަށުންކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ، ބައިބައިކޮށް ރަށްރަށް ހިންގުމުގެ ސަބަބުން އައްޑޫގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށެވެ. "ވަކިވީމަ މި ވާ ގޮތަކީ ކައުންސިލަކަށް އާމްދަނީ ނުލިބޭނެ، ހޯދުމަށް އެބަހުރި އިގްތިސޯދީ ހުރަސްތައް، ބިމުގެ ވެލިއުއެއް ނުހުންނާނެ އެވަރަކަށް، އެހެން ނަމަވެސް އަޅުގަނޑުމެން އެކައްޗެއް ގޮތުގަ އޮތީމަ މުޅި އައްޑޫން އާމްދަނީގެ ހިއްސާ ހުޅުދުއާއި މީދޫއާ ހިއްސާކުރެވޭނެ، ނަމަވެސް ރަށު ކައުންސިލް ހެދީމަ އެ ފުރުސަތެއް ނޯންނާނެ، އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް އެވަނީ،" ނިޒާރު ވިދާޅުވިއެވެ. https://sun.mv/212912 ނިޒާރު ވިދާޅުވީ އައްޑުއަށް ލިބޭ އާމްދަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭ އަށް މިލިއަން ރުފިޔާއިން ގާތްގަނޑަކަށް 40 މިލިއަން ރުފިޔާއާ ހަމައަށް ފަސް ގުނަ އިތުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަތިގަނޑެއްގެ ގޮތުގައި އައްޑޫ އޮތުމުން ލިބޭ ފައިދާ މާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ވަރަށް ބަލިކަށި، ނިކަމެތި ވިސްނުމެއް ވަކިވުމުގެ ވިސްނުމަކީ، އެއްވެސް ހުއްޖަތެއް ނެތް އިލްމީ ބަރުދަނެއް ނެތް ދޯހަޅި ވާހަކަތަކެއް ވަކިވާން ބޭނުންވާ ބޭފުޅުން މި ދައްކަވަނީ،" އޭނާ ވިދާޅުވިއެވެ. ވަކި ކައުންސިލްތައް ހަދަން ނިންމައިފި ނަމަ، އެންމެ ފަހުން ހުރިހާ އުނދަގުލެއް ޖެހޭނީ ވަކިވަކި ކައުންސިލްތައް ހިންގަވަން ތިއްބަވާ ބޭފުޅުންނަށް ކަމަށާއި، އާޚިރުގައި ހުޅުދުއާއި މީދުއާއި ފޭދޫ އޮންނާނީ އެކަނިވެރިވެ އެކަހެރިވެފައި ކަމަށް، ނިޒާރު ވިދާޅުވިއެވެ. "އައްޑޫގެ އެއްވެސް ރަށަކަށް ކަމެއް ކުރެވެންޏާ، އޭގެ ހިއްސާ[ގައި] ހުޅުދުއާއި މީދުއާއި ފޭދޫވެސް ހިމެނޭނެ، ދެން އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ބޭފުޅުން ވަކި ކައުންސިލެއް ހަދާ ހާލަތަށް ގޮސްފިނަމަ ނޫނިއްޔާ އެގޮތަށް ނިންމައިފިނަމަ ވަރަށް އެކަނިވެރި ވަރަށް ވަކިވެފަވާ ކައުންސިލްތަކެއްގެ ގޮތުގަ ހިންގަން ޖެހޭނީ،" ފާހަގަކުރެވޭ ގޮތުގައި އައްޑޫގެ ރަށްތަކުގައި ވަކިން ކައުންސިލެއް އުފައްދަން ފެނޭތޯ ހޮނިހިރު ދުވަހު ވޯޓެއް ނަގާއިރު، އެ ވޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ބަހުސްކުރަމުންނެވެ. ބައިބައިވެގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ބުނެ އެއް ބަޔަކު ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ތާއީދުކުރާއިރު އަނެއް ބަޔަކު ބޭނުންވަނީ ވަކި ކައުންސިލްތައް އުފައްދައިގެން ނަފާ ހޯދާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީއާއި ބަައެއް ޖަމިއްޔާތަކުން ވަނީ އަވަސް އަރުވާލައިގެން ވޯޓު ނަގަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީގެ އިތުރުން ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އައްޑޫ ވޯޓު ބާއްވާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ޕްރޮޖެކްޓް ތިމާވެށްޓާއި މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނާއި ޒީރޯ ވޭސްޓް މޯލްޑިވްސްއިން ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވަނީ، އެ ވޯޓުގެ ނަތީޖާގެ އަސަރު މުޅި ސިޓީގެ އެންމެންނަށް ކުރާނެ ކަމަށާއި، އެހެންވެ ވޯޓުގައި ސިޓީގެ އެންމެން ބައިވެރިނުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ