އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަން މުއާމަލާތެއް ހިންގަނީ އަމިއްލަ ކުންފުނިތަކަށް ދޭންހުރި ދަރަނި އަދާކުރަން ކަމަށް ބުނެ ހަދަނީ ދޮގެއް ކަމަށާއި އެކަން ކުރަނީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ އާއި އާމްދަނީ ހޯދާނެ ގޮތެއް ނެތިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މަރުކަޒީ ބޭންކް، އެމްއެމްއޭން ޕެންޝަން ފަންޑް މެދުވެރިކޮށް ސަރުކާރުގެ ޓީބިލަކަށް އިންވެސްޓްކުރަން އުޅޭއިރު، ބައެއް މީހުން މިކަން ސިފަކުރަނީ ފައިސާ ޗާޕު ކުރުމުގެ ގޮތުގަ އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއީ ސީދާ ގޮތެއްގައި ފައިސާ ޗާޕުކުރުމެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަބުން މާލީ ނިޒާމުގައި ދައުރުވާ ފައިސާ އިތުރުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އެއީ ރައްކާތެރި ފައިދާ ކުރުވަނިވި މާލީ މުއާމަލާތެއްގެ ގޮތުގައި މިނިސްޓްރީން ސިފަކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - މިރޭ ބޭއްވި ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވެސް އެކަން ސިފަކުރެއްވީ ފައިސާ ޗާޕު ކުރުމުގެ ގޮތުގަ އެވެ.
ޔާމީން ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރަނީ އެކިއެކި އަމިއްލަ ފަރާތްތަކާއި ކޮންޓްރެކްޓަރުންނަށް ނުދެވި ހުރި ފައިސާ ދޭން ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އެ ހަދަނީ ދޮގެއް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން ފައިސާ ދައްކަންޖެހޭ އަމިއްލަ ފަރާތްތަކަށް، ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާށޭ ކިޔާފައެއް، 2.5 ބިލިއަން ރުފިޔާ ޗާޕުކޮށްގެން އެއަކުން ނުވާނެ. އެ ނުވޭ ހުވަނދަކަށް ވެސް،" ޔާމީން ވިދާޅުވި އެވެ.
"އެއީ ދެން އެ ހޫނުގަނޑު އަރައިގެން ދިޔައިމަ ތިމަންނަ މި އުޅެނީ ޕްރައިިވެޓް ސެކްޓަރަށް، ކޮންޓްރެކްޓަރުންނަށް ދައްކަން ހުރި ފައިސާ ދެއްކުމުގެ ބޭނުމުގައޭ މިކަން ކުރަން މި އުޅެނީ [ބުނީ]. އެއީއެއް ނޫން މަގްސަދަކީ."
ތަފްސީލު - ފައިސާ ޗާޕުކުރުމުގެ އަސްލު މަގްސަދަކީ، ޔާމީން ވިދާޅުވާ ގޮތުން ނަމަ ސަރުުކާރު މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ވެސް ދައުލަތުގެ ނެތުމެވެ.
"މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ އެކަމަށް، މިވަގުތުން ވަގުތަށް އޮތް ހައްލަކީ މިއީ ކަމަށް ވާތީ މިކަން މި ކޮށްލަނީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ރަސްމީ ސިފައެއްގައި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ޔާމީން ވިދާޅުވީ ކަމުގެ ހަގީގަތް ހިސާބު އަކުރުތަކުން ފެންނަން އެބަހުރި ކަމަށެވެ.
މި ސަރުކާރުން ރާއްޖެއަށް އިންވެސްޓަރުން ގެނައުމަށް ކުރާ މަސައްކަތްތަކުން ނަތީޖާއެއް ނުނުކުންނާތީ ޔާމީންގެ ވާހަކައިގައި ސަރުކާރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
އެގޮތުން ބޭރުގެ ގައުމުތަކުގައި އިންވެސްޓްމަންޓް ފޯރަމްތައް ބާއްވަމުން އަންނައިރު، ޔާމީން ވިދާޅުވީ އެފަދަ ކަންކަމުން ނަތީޖާއެއް ނުނެރެވެނީ، ސަރުކާރަށް ހީވާ ގޮތުން ގާނޫނުގައި މައްސަލަތަކެއް ހުންނާތީ ކަމަށެވެ. އަދި ގާނޫނުތައް އިސްލާހުކުރިޔަސް، އިންވެސްޓަރުން ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނަކަށް އިސްލާހު ގެނެސްގެން، ފިޗު ރޭޓިންއާ މޫޑީޒް ރޭޓިންއަށް ބަދަލެއް ނާދޭ. ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން މަސައްކަތެއް ނުކޮށް، ދިޔަދޮވިން ފަހިކޮށްލާފައި އޮންނަ ގޮތަށް، ރާސްލާފައި މި ދަނީ ރިކަރަންޓް ހަރަދު. އޭގެ އިކޮނޮމިކް ރިޓާންއެއް ނެތް ކަންތައްތައް މިހިރީ،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - ޕެންޝަން ފަންޑުން މީގެ ކުރިން ގަނެފައި ހުރި ސަރުކާރުގެ 2.4 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް ގަންނަން މަރުކަޒީ ބޭންކް، އެމްއެމްއޭން މިހާރު ވަނީ އެ އޮފީހަށް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅުވައި، ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެ މުއާމަލާތުގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންވެފައި ހުރި ފައިސާ ދައްކާ ހަލާސްކުރުމެވެ.
2.5 ބިލިއަން ރުފިޔާ ޗާޕުކުރަނީ މުސާރަ ދޭނެ ފައިސާ ވެސް ނެތިގެން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ