ހިތަދުއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން، 1 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކަށް
އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ، ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކޮމްޕެނީއާއެވެ. އެ ކުންފުންޏާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި، ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ރައީސް ޗެން ޝިއައޯހޫއެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު މީޑިއާއަށް މައުލޫމާތު ދެއްވަނީ: ހިތަދޫއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކަށް --- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ބުރިޖުގެ ސާވޭތައް ހެދުމާއި ޑިޒައިން ތައްޔާރުކުރުމާއި ފަންނީ ކަންކަމާއި ޓެންޑަރިންނަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރާނެ ކަމަށެވެ. މުއްތަލިބާ ހަވާލާދީ ދައުލަތުގެ މީޑިއާގައި ވަނީ، މި މަސައްކަތަށް ކޮންސަލްޓަންޓެއް ކަނޑައެޅީ ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ އެންމެ ފައިދާ ހުރި ގޮތަށް ކަމަށާއި މި މަޝްރޫއާ ގުޅުވައި ރައްޔިތުންނާ މަޝްވަރާކުރާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެ ނޫހުގައިވާ ގޮތުން، މި މަސައްކަތް ހަވާލުކުރީ، 1،025،000 ޑޮލަރަށެވެ. އެއީ، 15،805،500 ރުފިޔާ ކަމަށްވާއިރު، މަސައްކަތް ހަވާލުކުރީ ހަ މަހުން ނިންމާ ގޮތަށެވެ. ހިތަދޫއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކުރަން އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ ސާވޭއާއީ ޑިޒައިން ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ 'ދި އަރަބް ކޮންޓްރެކްޓާޒް"އާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19ގައި ސަރުކާރުން ހަވާލުކުރިއެވެ. އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެ ކުންފުނިން ބުރިޖުގެ ސާވޭ ނިންމައި، ޕްރޮޕޯސަލަކާ ހަމައަށް އައިސް އަމަލީ މަސައްކަތް ފެށޭ ވަރަށް ފައިނޭންސް ހަމަޖައްސައިގެން މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އެ ބުރިޖުގެ މަސައްކަތަށް އައު ކުންފުންޏެއް ހޯދަން ނިންމީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އައްޑޫ ބުރިޖުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައި އޮތް މަސައްކަތެވެ. ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ ސާވޭ މަސައްކަތަށް މިދިޔަ އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ. ބުރިޖަކުން ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2018 ވަނަ އަހަރުގެ އިންތިޚާބު ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނު ތާއިދާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ