ހުއްދަ ދިނުމަށްފަހު ބަލައިނުގަތް ޕީއެޗްޑީ ގަބޫލެއް ނުކުރެވޭނެ، އެކަމަކު އެމްކިއުއޭއިން ބަދަލު ދޭން ޖެހޭ: ސުޕްރީމް ކޯޓު

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ގަބޫލުކުރާނެ ކަމަށް ބުނުމުން ބަޔަކު ހެދި ޕީއެޗްޑީ ބަލައިނުގަންނަން އެ އޮތޯރިޓީން ފަހުން ނިންމި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް، ސްރީ ލަންކާ ކޮލެޖަކުން ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެންގުމުންނެވެ. ނަމަވެސް ޖެނުއަރީ، 2018އިން ފެށިގެން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން އެމްކިއުއޭއިން ނިންމިއެވެ. އެކަމަކު އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލުކުރާނެކަން އެމްކިއުއޭއިން އެންގިއެވެ. ނަމަވެސް 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެމްކިއުއޭއިން އެކަމަށް ދެކޮޅު ހެދިއެވެ. އެ މައްސަލަ ތިން މީހެއްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އޮތީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އޭރު ނިންމާފައިވެއެވެ. އެ ތިން މީހުންނަކީ، ގދ. ތިނަދޫ ޓްވައިލައިޓް ޝަމްއޫން އާދަމް، ނ. ވެލިދޫ މަނާމް ނިއުމާ މުހައްމަދު އަދި މ. ސިނައެކަތަ ފާތިމަތު މުމްތާޒުއެވެ. އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ، ކުރިން ހިނގާފައިވާ ކަންކަމަށް، ފަހުން އަންނަ ގާނޫނުތަކާއި އުސޫލުތައް އާންމު އުސޫލުން ނުހިންގޭނެ ކަމަށެވެ. އެހެންވެ، އެ މީހުން ކިޔެވުން ފުރިހަމަކުރި ފަހުން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށް އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ނުކުރަން އެމްކިއުއޫއަށް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެއެވެ. އަދި އެކަމަށް ދައުލަތުން ކޯޓުގައި ވެސް އެއްބަސްވެފައިވާ ކަމަށް ހުކުމުގައިވެއެވެ. ހައިކޯޓުގެ އެ ހުކުމް ދައުލަތުން ދެން ހުށަހެޅީ އެންމެ މަތީ ކޯޓަށެވެ. އެ ކޯޓުން މައްސަލަ މިއަދު ނިންމިއިރުވަނީ އެމްކިއުއޭއިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ކުރި ހުކުމް ބާތިލުކޮށްފައެވެ. ހުކުމުގައިވަނީ އެ ކޯސް ބަލައިގަންނާނެ ކަމަށް އެމްކިއުއޭއިން ކުރިން އަންގާފައިވީ ނަމަވެސް، އޭރު އެގޮތަށް އަމަލުކުރީ ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި ކަމަށެވެ. އަދި ބަލަންޖެހޭ މިންވަރަށް ބެލުމެއް ނެތި ގާނޫނީ އިމުން ބޭރުން އެމްކިއުއޭއިން ދޫކުރި ލިޔުމަކަށް ބިނާކޮށް އެ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ޕީއެޗްޑީ ކޯސް ފަށާފައިވަނީ އެ ކޯސް ގަބޫލު ކުރާނެކަމުގެ ލިޔުމެއް އެމްކިއުއޭއިން ދޫކުރުމުން ކަމަށްވާތީ އެ ކޯހުގެ ސެޓްފިކެޓް ގަބޫލު ނުކުރުމުން، އޭނާއަށް ގެއްލުމެއް ލިބިފައިވާނަމަ އޭގެ ބަދަލު އެމްކިއުއޭއިން އެ މީހާއަށް ދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ