ޑޮލަރެއްގެ އަގު 23 ރުފިޔާއަށް އަރައިގެން ހިނގައިދާނެ: ނަޝީދު

ރާއްޖެއަށް ކުރިމަތިވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނެތް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ޑޮލަރެއްގެ އަގު 23 ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ, ގައުމީ ބޭންކް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރެއް ނެތް ކަމަށާއި އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ރައްޔިތުންގެ އެބަ އޮތް ކަމަށެވެ. އަދި ހާއްސަކޮށް އިލްމީ ގޮތުން ކަންކަން ދިރާސާކުރާ ބޭފުޅުންނަށް މިކަމުގެ ނުރައްކާ އެނގި, ’ރަތް ބޮކި‘ ދިއްލިފައިވާ ކަމަށް ވިދާޅުވި އެވެ.
”ވެފައި އޮތް ގޮތަކީ ހަނގުރާމައާ ގުޅިގެން ޑޮލަރު އާމްދަނީވެސް މިވީ ދަށް. މި ސަރުކާރުގެ ގާބިލުކަމެއް ނެތް ޑޮލަރެއް ހޯދުމުގައެއް އަދި ޑޮލަރުގެ މައްސަލަ ހައްލުކުރުމުގައެއް. ބައެއް ބޭފުޅުން 21 ރުފިޔާއަށް ޑޮލަރުގެ އަގު ދާނެ ކަމަށް ވިދާޅުވެފައި އެބަވޭ. އަޅުގަނޑުގެ ހިތަށް ވަންނަނީ 23 ރުފިޔާއަށް ހިނގައިދާނެ ކަމަށް,“ ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް ބޮންޑެއް ނުވަތަ ލުއި ލޯނެއް ނަގައިގެންވެސް އެއްވެސް ޑޮލަރެއް ބޭރުން ގެނެވިފައި ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި މަޝްވަރާކުރުމަށް ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ