ރާއްޖެ-އިންޑިއާ އެފްޓީއޭ އަވަސްކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މަޝްވަރަތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރުގެ ދައުވަތަކަށް މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު މިޔުޝް ގޯޔާލްއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ތަފްސީލް - މިނިސްޓަރު އިރުތިޝާމް ސޯޝަލް މީޑިއާގައި ވިދާޅުވީ މިއަދު ހަވީރު އިންޑިއާގެ ކޮމާސް މިނިސްޓަރާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އަވަސްކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ރާއްޖެ-އިންޑިއާ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ ކުރިއަށް ގެންދިއުމަށާއި ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމުގެ ނިޒާމު ތަރައްގީކުރުމުގެ އިތުރުން ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހަމަ މިއާ އެކު ރާއްޖެ-އިންޑިއާ ވިޔަފާރި ކުރިއެރުވުމަށާއި ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.
ގުޅުން ހުރި - ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު)އަށް ދެ ގައުމުން އެއްބަސްވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
އާންމު ގޮތެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ގިނަ ބާވަތްތަކެއްގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ އުނިކުރުން ހިމެނެ އެވެ. މީގެ އިތުރުން، ހިދުމަތްތަކުގެ ވިޔަފާރި ފަސޭހަކުރުމާއި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް ފިޔަވަޅުތައް އެޅިގެންދާނެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރު:
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރި މިންވަރު %37.11 ދަށްވެ، 56.88 މިލިއަން ޑޮލަރަށް އެރި 
ރާއްޖެއިން އިންޑިއާއަށް އިމްޕޯޓްކުރި މިންވަރު %37.14 އިތުރުވެ، 118.82 މިލިއަން ޑޮލަރަށް އެރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ