ޔުއެފާ ޔުރޮޕާ ލީގު ފައިނަލުން ޕްރެމިއާ ލީގު 15 އަދި 16 ވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ބަލިކޮށް 7-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެއެވެ. މިދެޓީމު ބިލްބާއޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު މޭސަން މައުންޓް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ކަސަމީރޯ އަދި ރަސްމުސް ހޮއިލަންޑް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި ބިލްބާއޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މިިކޭލް ޖޮއާގިޒާ އެވެ.
Advertisement
މުބާރާތުގެ ފައިނަލުން ޓޮޓެންހަމް ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރޭ ރަށުން ބޭރުގައި ނޯވޭގެ ބޯޑޯ/ގްލިމްޓް 2-0 ގެ ނަތީޖާއަކުން ބަލިކޮށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެއެވެ. އަދި މިދެޓީމު ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ޓޮޓެންހަމް އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ޑޮމަނިކް ސޮލާންކޭގެ އިތުރުން ސްޕެނިޝް ޑިފެންޑަރު ޕެޑްރޯ ޕޯރޯ އެވެ.
މުބާރާތުގެ ފައިނަލުގައި މިމަހުގެ 22 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ޓޮޓެންހަމް ނުކުންނައިރު، މިސީޒަނުގައި މިދެޓީމުން ވަނީ ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އޭގެ ތެރެއިން ލީގުގައި ކުޅުނު ދެމެޗުން ވެސް ޓޮޓެންހަމް މޮޅުވެފައިވާއިރު ލީގުކަޕްގެ ކުއާޓާ ފައިނަލުގައި ވާދަކުރި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.
ޔުރޮޕާ ލީގު ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމްގެ ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ