‏ޖީޓީއޭ 6 ގެ އާ ޓްރެއިލާ 475 މިލިއަން ވިއުސްއާއެކު ރެކޯޑެއް‏ ‏ޖީޓީއޭ 6 ގެ އާ ޓްރެއިލާ 475 މިލިއަން ވިއުސްއާއެކު ރެކޯޑެއް‏

‏ޖީޓީއޭ 6 ގެ އައު ޓްރެއިލާނެރުނުތާ ދެ ދުވަސް ނުވަނީސް 475 މިލިއަން ‏‏ވިއުސްއާއެކު ރެކޯޑެއް ގާއިމް ކޮށްފި އެވެ. ‏
‏ރޮކްސްޓާ ގޭމްސްއިން ބުނެފައިވާ ގޮތުގައި ގްރޭންޑް ތެފްޓް އޯޓޯ 6 ގެ ދެވަނަ ‏‏ޓްރެއިލާ ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވިއުއިން ރެކޯޑުތައް ‏‏މުގުރާލާފަ އެވެ. ‏
‏ޑެޑްޕޫލް އެންޑް ވޮލްވަރިން އަދި ފެންޓަސްޓިކް ފޯ ފަދަ މަޝްހޫރު ފިލްމުތަކުގެ ‏‏ޓްރެއިލާތަކަށް ވުރެ މި ޓްރެއިލާ ކުރިއަރައިގެން ގޮސްފައިވާ ކަމަށް ސްޓޫޑިއޯއިން ‏‏ބުނެފައިވެ އެވެ‏‎.‎
‏ޓެރެއިލާ ނެރުނުތާ ދެ ދުވަސް ފުރިހަމަ ނުވާއިރު، ޔޫޓިއުބްގައި އެކަނި ވެސް މި ‏‏ޓްރެއިލާ ވަނީ 85 މިލިއަނަށްވުރެ ގިނަ ފަހަރު ބަލާފައެވެ. އަދި އެކި ސޯޝަލް ‏‏މީޑިއާ ޕްލެޓްފޯމްތަކުގައި ޖުމްލަ 475 މިލިއަން ފަހަރު ބަލާފައިވާކަމަށް ރޮކްސްޓާއިން ‏‏ހޮލިވިވުޑް ރިޕޯޓަރަށް ހާމަކޮށްފައިވެ އެވެ‏‎.‎
‏މީގެ ކުރިން އެންމެ ގިނައިން ބަލާފައިވާ ޓްރެއިލަރަކީ ޑެޑްޕޫލް އެންޑް ވޮލްވަރިންގެ ‏‏ޓްރެއިލާ ކަމަށްވާއިރު، އެ ޓްރެއިލާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ‏‏ބަލާފައިވަނީ 365 މިލިއަން ފަހަރު ކަމަށް ދަ ހޮލީވުޑް ރިޕޯޓަރުން ބުނެފައިވެ އެވެ. ‏‏އަދި ފެންޓަސްޓިކް ފޯ: ފަސްޓް ސްޓެޕްސްގެ ޓްރެއިލަރ ފުރަތަމަ ދުވަހު 200 ‏‏މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ‏‎.‎
‏ޖީޓީއޭ 6 ގެ މި އާ ޓްރެއިލާ ޔޫޓިއުބްގެ އިތުރުން އެކްސް އަދި ‏‏އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ވެސް ވަރަށް ބޮޑަށް ވައިރަލްވެފައިވާ ކަމަށް ‏‏ރޮކްސްޓާއިން ބުނެފައިވެ އެވެ.
‏ޖީޓީއޭ 6 ގެ ފުރަތަމަ ޓްރެއިލާ ވެސް ވަނީ ރެކޯޑުތައް މުގުރާލާފަ އެވެ. މިއުޒިކް ‏‏ވީޑިއޯތައް ފިޔަވައި ޔޫޓިއުބްގައި އެންމެ ބޮޑު ލޯންޗަކަށް ވެގެން ދިޔަ އެވެ. ‏
‏ދަ ހޮލީވުޑް ރިޕޯޓަރުން ބުނާ ގޮތުގައި ފުރަތަމަ ޓްރެއިލާ އެއް މުއްދަތެއްގައި 93 ‏‏މިލިއަން ފަހަރު ބަލާފައިވެ އެވެ. ނަމަވެސް އެ ޓްރެއިލާ ހުރީ ހަމައެކަނި ‏‏ޔޫޓިއުބްގައެވެ. މިހާރު ފުރަތަމަ ޓްރެއިލާ ވަނީ 255 މިލިއަނަށް ވުރެ ގިނަ ފަހަރު ‏‏ބަލާފަ އެވެ.‏
‏ދެވަނަ ޓްރެއިލާގައި ބޭނުންކޮށްފައިވާ "ހޮޓް ޓުގެދާ" މިއުޒިކް ޓްރެކް ‏‏ސްޕޮޓިފައިގައި 182،000 އިންސައްތަ އިތުރުވެފައިވާ ކަމަށް ދަ ހޮލިވުޑް ރިޕޯޓަރުން ‏‏ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ޓްރެއިލަރގައި ބޭނުންކުރި "ލަވް އިޒް އަ ލޯންގް ‏‏ރޯޑް" ވެސް ވަނީ ސްޓްރީމިން ހިޓަކަށް ވެފައެވެ.‏
‏ދެވަނަ ޓްރެއިލާ ވަނީ ކުރިން އިއުލާނު ނުކޮށް މެއި 6 ގައި ޕަބްލިޝްކޮށްފަ އެވެ. ‏‏މި ޓްރެއިލާގައި ޖޭސަން އާއި ލޫސިއާގެ ގުޅުމުގެ ކުޑަ ތަސައްވުރެއް ‏‏ދައްކުވައިދީފައިވެ އެވެ.
މި ޓްރެއިލާ ނަގާފައިވަނީ ޕީއެސް5 ގައި ކަމަށާއި، ގޭމްޕްލޭ ‏‏އާއި ކަޓްސީންތައް ހިމެނިފައިވާ ކަމަށް ރޮކްސްޓާއިން ބުނެފައިވެ އެވެ. ޖީޓީއޭ 6 ‏‏ނެރުމަށް ހަމަޖެހިފައިވަނީ 2026 މެއި 26 ގައި ޕީއެސް5 އަދި އެކްސްބޮކްސް ‏‏ސީރީޒް އެސް/އެކްސް އަށެވެ.‏ ‏
‏މިއީ ގޭމިންގ އިންޑަސްޓްރީގެ ތާރީހުގައި މިހާތަނަށް ފެނިފައިނުވާ ވަރުގެ ‏‏ސަމާލުކަމެއް ލިބިފައިވާ ޓްރެއިލަރެއް ކަމަށް ވެގެން ދާނެ ކަމަށް ލަފާކުރެވެ އެވެ‏‎.‎
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ