އަބްދުލްވާހިދު އޭނާ ސިފަކުރީ ސިނގިރޭޓު ބުއިމަށް ދެވިހިފާފައިވާ މީހެއްގެ ގޮތުގަ އެވެ. ޒުވާން އުމުރުއްސުރެ އެގޮތުގައި އޭނާ 48 އަހަރު ދެމިހުއްޓެވެ. އެކަމަކު އޭގެ ނަތީޖާ ނުކުތީ، ވާހިދު ބުނިގޮތުގައި، އެހެން މީހަކު ތަޖުރިބާކުރުމަށް ނޭދޭ، ވޭންދެނިވި ގޮތަކަށެވެ.
"ފުއްޕާމޭގެ ޓެސްޓުތައް ހެދުމުން ޔަގީންވީ އަޅުގަނޑަށް ކެންސަރު ޖެހިފައި ހުރިކަން. އެ ދުވަހު ވަރަށް ދެރަވި. ހިތަށްއެރި ކުރިން ހުއްޓާލެވުނު ނަމަ ހާދަ ރަނގަޅުވީހޭ،" އަބްދުލްވާހިދު ބުންޏެވެ.
ކެންސަރާ ދެކޮޅަށް ވާހިދު ކުރި މި ހަނގުރާމަ އޭނާ ހިއްސާކުރީ، ދުންފަތާ މެދު މީހުން ހޭލުންތެރިކުރުވަން ހެލްތު މިނިސްޓްރީން އާއްމު ކުރަމުން އަންނަ ކުރު ވީޑިއޯ ކްލިޕެއްގަ އެވެ. ސިނގިރޭޓަށް ދެވިހިފައި، އޭގެ ސަބަބުން ކެންސަރު ޖެހުނު މީހެއްގެ ހައިސިއްޔަތުން، އެ އާދަ އޭނާ ސިފަކުރީ 'ކައިރިވާން ހެޔޮނުވާވަރުގެ އެއްޗެއް'ގެ ގޮތުގަ އެވެ.
ވާހިދު ބުނިގޮތުގައި ބައްޔެއްގެ ޝިކާރައަކަށް ވީކަން ވެސް އޭނާއަށް އެނގުނީ ނޭނގުމެއްގެ ތެރެއިންނެވެ. މާލޭ ފަތާ ޓްރެކްގައި އޮތް ބެރެލް ނުވަތަ ފީފާއެއްގައި ޖެހި ފުރަތަމަ މެޔަށް ތަދުވީ އެވެ. އެ ތަދު ނުފިލުމުން ޑޮކްޓަރަށް ދެއްކުމުން އޭނާ އެންގީ ސީޓީ ސްކޭނެއް ހަދާށެވެ. އޭގެ ނަތީޖާ އައީ އެއްގޮތަކަށް ވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ.
ތަދު އެރީ ފީފާގައި ޖެހިގެން ކަމަށް ހީވިޔަސް، ނަތީޖާއިން ދެއްކީ އޭނާއަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ކަމެވެ.
ނަސީބު ރަނގަޅުކަމުން، ވަގުތުން ވާހިދު އެކަމަށް ފަރުވާ ކުރަން ފެށި އެވެ. ގަވައިދުން ކީމޯ ތެރަޕީ އާއި ރޭޑިއޭޝަން ނަގައި، އިތުރު ފަރުވާ ހޯދަން ޖެހުނެވެ. އޭގެ ސަބަބުން ބަލިން އަރައިގަނެވުނު ނަމަވެސް، ވާހިދު ބުނިގޮތުގައި، އެއީ ވަރަށް ހިތި، ވޭންހުރި ދަތުރެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރަށް މަގުފަހިވާ ކަމެއްކަން ކުރިން ވެސް އޭނާއަށް އެނގެ އެވެ. އެކަމަކު އޭނާ އެއަށް ބީރުކަންފަތެއް ދިނީ އެވެ. ސިނގިރޭޓު ބޯ މިންވަރު ގިނަކަމުން، ރަހުމަތްތެރިން އޭނާއަށް ނަސޭހަތްތެރި ވެސް ވި އެވެ. އެކަމަކު އެ ނަސޭހަތްތަކުގެ އަޑުއަހާވަރަށް ވުރެ އޭނާ ހުރީ އެއަށް އަޅުދާސްތުވެފަ އެވެ.
"އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ ދުންފަތާ ދުރުވާށޭ، މިއީ ގާތްކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫނޭ،" އޭނާ ބުންޏެވެ.
ސިނގިރޭޓާއި ދުންފަތާ ގުޅުން ހުރި ބާވަތްތައް މިހާރު ބާޒާރުން ލިބެން ހުރީ އަތްނުފޯރާހާ މަތީގަ އެވެ. އެ 'އުނދަގުލާ' މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް، ސަރުކާރުން ބުނިގޮތުގައި، އެއީ ދުޅަހެޔޮ މުޖުތަމައުއަކަށް ކޮންމެހެން ވެސް ބޭނުން ބަދަލެކެވެ.
އެއާ އެކު މިއީ، އެ ނުބައި އާދައާ ދުރުވުމަށް އެންމެ މުނާސަބާ ވަގުތު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ސިނގިރޭޓާ ދުރުވުމަށް އެއާ ގުޅުން ހުރި ފަރުވާތައް ދޭން ފަށާއިރު އޭގެ ބޭނުން ހިފުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެވެ. އެކަމަށް އެހީވާން ޓޮބޭކޯ ސިޒޭޝަން ކްލިނިކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.
ސިއްހީ ފަރުވާދޭ 'ދަމަނަ'ގެ ޕަބްލިކް ހެލްތު އޮފިސަރު އައިމިނަތު ދީލާ ވިދާޅުވި ގޮތުގައި ބައިތަކަށް ބަހާލައިގެން މި ފަރުވާ މިހާރު އެތަނުން ވެސް ލިބެން ހުންނާނެ އެވެ.
ފަރުވާ ދިނުމުގައި އަމަލު ކުރާ އުސޫލު، ދީލާ ތަފްސީލުކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:
އެންމެ ފުރަތަމަ ޖެހޭނީ، އެކަމަށް ހާއްސަ، 'ޓޮބޭކޯ ކްލިނިކް'ގައި ރަޖިސްޓްރީވާން
އެއަށް ފަހު އެސެސްމެންޓް ހަދާނެ، އޭގައި ބަލާނީ ދުންފަތުގެ އިސްތިއުމާލު ކުރާތާ ކިހާ ދުވަހެއް ވެއްޖެތޯ އާއި އެއަށް އެޑިކްޓުވެފައި ހުރީ ކިހާ މިންވަރަކަށް ކަން
ދެން އޭނާއަށް ކައުންސެލިން ދޭން ފަށާނެ
ދީލާ ވިދާޅުވި ގޮތުގައި އެންމެ ފަހަށް ބަލި މީހާ ފޮނުވާލާނީ ޑޮކްޓަރުގެ ގާތަށެވެ. އެސެސްމެންޓަށް ބަލާފައި އޭނާއަށް ދޭން ޖެހޭ ފަރުވާ އާއި ބޭހުގެ ތަފްސީލު ޑޮކްޓަރު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ދުންފަތުގެ އިސްތިއުމާލުކުރަން ހުއްޓާލަން ބޭނުންވާ ބޭހާއި ޕެޗު ފަދަ އެއްޗެހި އާސަންދަ މެދުވެރިކޮށް ހިލޭ ވެސް ލިބޭނެ،" ދީލާ ވިދާޅުވި އެވެ.
ސިނގިރޭޓަކީ ކައިރިވާން ހެޔޮވާވަރުގެ އެއްޗެއް ނޫން، އެކަމުން އަވަހަށް ދުރުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ