މީގެ 11 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ކުރުމުގައި ކޮންޓްރެކްޓަރަށް ނާޖާއިޒު ފައިދާވާ ގޮތަށް އެތައް ކަމެއް ކޮށް, ހިޔާނާތަށް މަގު ފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އެ މަޝްރޫއުގެ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
ފުލުހުންގެ ހައުސިން ޕްރޮޖެކްޓު ނުވަތަ ބްލޫސް ހައުސިން ޕްރޮޖެކްޓުގެ ނަން ދެވިފައިވާ މަޝްރޫއާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މި މަޝްރޫއަށް އެކި ދުވަސްވަަރުގެ ތެރޭގައި ގެނައި ބަދަލުތަކުގެ ސަބަބުން މުޅި މަޝްރޫއަށް 1.1 ބިލިއަން ރުފިޔާއާ ގާތަށް ހަރަދުކުރަން ޖެހިފައިވާ ކަމަށެވެ.
ފުލުހުންގެ ކޯޕަރޭޓިވް, ޕޮލްކޯއިން މި ފްލެޓުތަކުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޖޫން 30, 2013 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާ 580 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ނޫމަޑިއާ ހަވާލުކޮށްފައިވާ މަސައްކަތް ލަސްވާތީ, އެ އެއްބަސްވުން ބާތިލުކޮށް މާޗު 17, 2017 ގައި އައިލެންޑް އެކްސްޕާޓާ މަސައްކަތް ހަވާލުކުރި އެވެ.
އައިލެންޑް އެކްސްޕާޓާ މި މަސައްކަތް ހަވާލުކުރީ އެންމެ ފުރަތަމަ އަޅަން އެއްބަސްވެވުނު 300 ހައުސިން ޔުނިޓު 361 އަށް ބަދަލުކޮށް, 628.1 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައި ސޮއިކުރި ފަހުން އެއްބަސްވުމަށް އެކި ބަދަލުތައް ގެނެސް 122.1 މިލިއަން ރުފިޔާ ޕްރޮޖެކްޓުގެ އަގަށް އިތުރުކޮށްފައިވެ އެވެ.
އެންމެ ފަހުން އައިލެންޑް އެކްސްޕާޓުގެ މަސައްކަތް ލަސްވެގެން އެ ކުންފުންޏާއެކީ ހަދާފައިވާ އެއްބަސްވުން ވެސް ބާތިލުކުރި އެވެ. އޭރު ޕޮލްކޯއިން އޮތޯ އެ ކުންފުންޏަށް 633 މިލިއަން ރުފިޔާ ދައްކައިފަ އެވެ. އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކުންފުނިން އަސްލު ނިންމާފައިވާ މަސައްކަތުގެ އަގަކީ 448.2 މިލިއަން ރުފިޔާ އެވެ. މިހެންކަމުން އެ ކުންފުނިން ނުކުރާ މަސައްކަތަކަށް 185 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ޓާމިނޭޝަން އެގްރީމަންޓުގެ ދަށުން އައިލެންޑް އެކްސްޕާޓުން ޕޮލްކޯއަށް 129.5 މިލިއަން ރުފިޔާ ދައްކަން އެއްބަސްވި އެވެ. އަދި މިއީ އޮކްޓޫބަރު, 2021 ގެ ކުރިން ދައްކަން އެއްބަސްވެވުނު ފައިސާއެއް ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރާ ހަމައަށް މި ފައިސާގެ ތެރެއިން ޕޮލްކޯއަށް އަނބުރާ ދައްކާފައި ވަނީ އެންމެ 1.9 މިިލިއަން ރުފިޔާ އެވެ. އެއީ އަނބުރާ ދައްކަން ޖެހޭ ފައިސާގެ 0.01 ޕަސެންޓެވެ.
އައިލެންޑް އެކްސްޕާޓު އެއްބަސްވުން އުވާލުވުމަށް ފަހު މި މަޝްރޫއުގެ މަސައްކަތް ސީދާ ސަރުކާރުގެ ދަށަށް ބަދަލުކުރި އެވެ. އަދި ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން އަމީން ކޮންސްޓްރަކްޝަނާ 274.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އެވެ.
އޮޑިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެވަރެޖު ކޮންސްޓްރަކްޝަން އަގުތައް އުޅެނީ އަކަފޫޓަކަށް 1300ރ. އާއި 1500ރ. އާ ދެމެދުގެ އަގުތަކެއް ނަމަވެސް މި މަޝްރޫއަށް އަކަފޫޓަކަށް 1851ރ. ހަރަދުކޮށްފައިވެ އެވެ. އަދި އާންމު އަގުތަކާ އަޅާކިޔާއިރު, ޕޮލްކޯ ފްލެޓުތައް އަޅަން އިތުރަށް 240.1 މިލިއަން ރުފިޔާ އާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެފައިވާ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ފުލުހުންގެ ފްލެޓުތައް ބިނާކުރަން 2013 ވަނަ އަހަރު ނޫމަޑިއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: އައިލެންޑް އެކްސްޕާޓް
ހަމަ އެހެންމެ, މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރެވުނު އަގާ އަޅާކިޔާއިރު, ފްލެޓުތަކުގެ މަސައްކަތް ނިންމަން ގާތްގަނޑަކަށް ދެ ގުނަ އިތުރަށް, 481 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ވެސް އޮޑިޓަރުން ފާހަގަކޮށްފައިވެ އެވެ.
އޮޑިޓުގައި ބުނި ގޮތުގައި މިކަމުން ދައްކައިދެނީ މިފަދަ ބޮޑެތި ޕްރޮޖެކްޓުތައް ހިންގަން ފަންނީ ގާބިލިއްޔަތުކަން ޕޮލްކޯގައި ނެތް ކަމާއި, ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުމަށް ބަދަލުތައް ގެނެސްފައިވުމާއި އަދި ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ގޮތަށް މި މަޝްރޫއުގެ ތެރެއިން ހިނގާފައިވާ ކަމެވެ.
މުޅި މަޝްރޫއަށް ޖުމްލަކޮށް ބަލާއިރު, އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުޅި މަޝްރޫއުގެ ބޮޑު ފައިދާއެއް ނެގީ ނޫމަޑީގެ ރެޕްރެޒެންޓޭޓިވް އަދި އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު "މިސްޓާ އެކްސް" އެވެ. އޮޑިޓުގައި އޭނާގެ ނަން ބަޔާންކޮށްފައި ނެތް ނަމަވެސް އެ މީހަކީ އެނޮން ސޮންޕަންޏާ އެވެ.
އެނޮން އަކީ ނޫމަޑީގެ ހިއްސާދާރެއް އަދި އައިލެންޑް އެކްސްޕާޓުގެ ހިއްސާދާރެއްގެ އިތުރުން ޕޮލްކޯ ފްލެޓުތަކުގެ ލިފްޓުތަކާއި ސީސީޓީވީ ފަދަ މަސައްކަތްތައް ހަވާލުކުރި ދެކޯމަަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ މީހެކެވެ. އަދި އައިލެންޑް އެކްސްޕާޓުން މި މަސައްކަތް ސަބްކޮންޓްރެކްޓުކުރި ގްލޯބަލް އެކްސްޕްރެސް އާއި ފުނާކީ އިމްޕޯޓު އެންޑް އެކްސްޕޯޓުގެ ކޯ އޯނަރު ކަމުގައި ބެލެވޭ ކަމަށް އޮޑިޓަރުން ބުނެފައިވެ އެވެ.
އައިލެންޑް އެކްސްޕާޓާއި ނޫމަޑީގެ ވެރިޔާ އަނޮން
އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި ޕޮލްކޯއިން މި ކޮންޓްރެކްޓަރުންނާ އެކީ ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދީފައިވާ މާލީ ލުއިތަކާއި, އަގު އިތުރުކޮށްދިނުމާއި, ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށްދިނުން ފަދަ ހުރިހާ ފައިދާއެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނީ އެނޮންއަށެވެ.
ޕޮލްކޯ ފްލެޓު މަޝްރޫއާ ގުޅޭ ގޮތުން އޮޑިޓަރުން ދިން ލަފާގައި މިކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ތަހުގީގުކުރުމަށާއި ކޮންޓްރެކްޓަރަށް ފައިދާވާ ގޮތަށް އެއްބަސްވުންތައް ހެދި މަައްސަލައިގައި ޕޮލްކޯގެ ބޯޑުގެ ވެރިންނަށް ފިޔަވަޅު އަޅައި ޒިންމާދާރުކުރުވަން ލަފާދީފައިވެ އެވެ.
އޭގެ އިތުރުން ގެއްލިފައި ހުރި ފައިސާ ހޯދުން އަވަސްކޮށް ގެއްލުމުގެ ބަދަލު ހޯދަން ޕޮލްކޯއިން ކޯޓަށް މައްސަލަ ހުށަހަޅާށާއި އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުނިންމާ ކުންފުނިތަކާ ދެކޮަޅަށް ފިނޭންސުން ފިޔަވަޅު އަޅަން ވެސް އޮޑިޓަރުން ލަފާދީފައިވެ އެވެ.
ބިލިއަން ރުފިޔާ ހަރަދުކުރި ފުލުހުންގެ ފްލެޓުތައް އެޅުމުގެ ނިވަލުގައި ބޮޑު ހިޔާނާތެއް ބިލިއަން ރުފިޔާ ހަރަދުކުރި ފުލުހުންގެ ފްލެޓުތައް އެޅުމުގެ ނިވަލުގައި ބޮޑު ހިޔާނާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ