ސަޢޫދީ ޢަރަބިއްޔާއިން, އަންނަ 4 އަހަރުގެ ތެރޭގައި އެމެރިކާއާއެކު 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި ވިޔަފާރި ފުޅާކުރުމަށް ރާވާފައި ވާކަން އެ ޤައުމުން ހާމަކޮށްފިއެވެ.
ސައޫދީން މިކަން ހާމަކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނާއި އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ބޭއްވުނު ފުރަތަމަ ފޯނު މަޝްވަރާއަށް ފަހުގައެވެ.
ސަޢޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނާ ގޮތުގައި، މި މަޝްވަރާ ބޭއްވިފައިވަނީ ޓްރަމްޕް ރައީސްކަމާ ހަވާލުވިތާ ތިން ދުވަސް ފަހުންނެވެ.
މި މަޝްވަރާގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ޓްރަމްޕް ރައީސްކަމާ ހަވާލުވުމުގެ މުނާސަބަތުގައި ހެޔޮ އެދުންތައް ފޮނުވާފައެވެ. އަދި ދެ ޤައުމުގެ ގުޅުމާއި ސަރަޙައްދީ ކަންކަމާ ބެހޭ ގޮތުން ވެސް ދެ ލީޑަރުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، މެދު އިރުމަތީގައި ސުލްޙަ އާއި ހަމަޖެހުން ޤާއިމުކުރުމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ދެ ލީޑަރުން ވާހަކަދައްކާފައިވެއެވެ.
އެސްޕީއޭ އިން ބުނާ ގޮތުގައި، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އަންނަ 4 އަހަރުގެ ތެރޭގައި އެމެރިކާއާއެކު 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި ވިޔަފާރި ފުޅާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ގަސްދުކުރާ ކަމަށް ޓްރަމްޕަށް އަންގާފައެވެ. ނަމަވެސް، މި އިންވެސްޓްމަންޓްތަކުގެ ބާވަތާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި (2017-2021) އޭނާގެ ފުރަތަމަ ބޭރު ދަތުރު ކުރެއްވީ ސަޢޫދީ ޢަރަބިއްޔާއަށެވެ. މިއީ ދެ ޤައުމުގެ ގުޅުން ވަރަށް ބަދަހި ކަމުގެ ހެއްކެކެވެ. އޭގެ ކުރިން ޓްރަމްޕް ވަނީ، ސަޢޫދީ ޢަރަބިއްޔާއިން 500 ބިލިއަން ޑޮލަރުގެ އެމެރިކާގެ އުފެއްދުންތައް ގަތުމަށް އެއްބަސްވެއްޖެނަމަ، އެ ޤައުމަށް އަނެއްކާވެސް ޒިޔާރަތްކުރާނެ ކަމަށް ބުނެފައެވެ.
ސަޢޫދީ އިން އެމެރިކާގައި 600 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ