އައްޑޫ ޗަސްބިމުގައި ރޯވި އަލިފާންގަނޑު އިކޯ ގާޑަންއާ ހަމައަށް ނުފެތުރެނީސް ކޮންޓްރޯލް ކުރެވިއްޖެ

އައްޑޫ ސިޓީގެ މީދޫގެ ޗަސްބިމުގައި ރޯވި އަލިފާންގަނޑު ފެތުރެމުން އައިސް މަތިކިޅި އިކޯ ގާޑެންއާ ހަމައަށް އަލިފާންގަނޑު ނުފެތުރެނީސް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފިއެވެ.
މި ހާދިސާއާ ގުޅޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ މި އަލިފާންގަނޑު ރޯވި ކަން އެނގުނީ މެންދުރު ވަނިކޮށް ކަމަށެވެ. އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް އިން އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދިވެސް އެކީ އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.
އެ ސަރަހއްދުގައި ރޯވި އަލިފާނުގެ ދުންގަނޑު ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކަަމަށް ވެސް އެފަރާތުން ބުނެއެވެ. މުޅި ސަރަހައްދުން ވަނީ ދުމުން ފުރިފައި ކަމަށާއި އަލިފާން ރޯވިތާ މިހާރު 10 ގަޑިއިރު ވެއްޖެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ، މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިހާ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެތަނުގައި އަލިފާން ރޯވެގެން ރިޕޯތް ކުރީ މިއަދު ހެނދުނު 11:45 ގައި ކަމަށެވެ. އަލިފާން ނިއްވާލުމަށް އެމްއެންޑީއެފްއާއި ފުލުހުން ހަރަކާތްތެރިވެފައިވާ އިރު، އިކޯ ގާޑަން ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް ވެސް ސޮލިހާ ވިދާޅުވިއެވެ. އެގޮތުން ވަށަގައެން އަލިފާންގަނޑު ފެތުރެމުން އައި ނަމަވެސް އިކޯ ގާޑަންގައި ރޯ ނުވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ވެސް ސޯލިހާ ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިންވެސް ވަރަށް ގިނައިން މި ސަރަހައްދުގައި އަލިފާން ރޯވެފައިވާ އިރު، މިހާރު މި ޗަސްބިމަކީ އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ބޮޑު މަގުބޫ ލުކަމެއް ހޯދާފައިވާ މަތިކިޅި އިކޯ ގާޑަން އޮންނަ ސަރަހައްދެވެ. އިކޯ ގާޑަން އަކީ މަތިކިޅި ބަލައިލަން ދާ މީހުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަ ޕާކެކެެވެ.
އައްޑޫ ސިޓި ހުޅުދޫ އަދި މީދޫގެ ޗަސްބިމަކީ އެއް ސަރަހައްދެއްގެ ގޮތުގައި ވަރަށް ބޮޑު ބަޔަކަށް ފެތުރިފައިވާ ތަނަކަށްވާ އިރު، ބައެއް ފަހަރު އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ދަތިތަކާ ކުރިމަތިވެއެވެ. މީގެ ކުރިން ވެސް މި ޗަބިމުގައި އަލިފާން ރޯވެފައިވާ އިރު އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ދަނޑުގައި ރޯކޮށްލާފައި ދިއުމުން އެފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.
ނަމަވެސް މި ފަހަރު އަލިފާން ރޯވި ސަބަބު އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ