ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް އެ ސިޓީއަށް އިޖާބަ ނުދީ އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކޮށްފި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން އެއްބަސްވީ މިދިޔަ އޮކްޓޯބަރުގަ އެވެ. އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ދީފަ އެވެ.
އެކަން ހާމަކުރުމާ އެކު މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު 10، ގައި ބޭއްވި ރަސްމިއްޔާތެއްގައި އެފަދަ ސިޓީއެއް ފޮނުވިކަން ފުރަތަމަ ފަހަރަށް ރައީސް މުއިއްޒު ހާމަކުރެއްވި އެވެ.
"ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސް އަށް ޗާގޯސް ހަވާލުކުރުމާ ބެހޭ ވާހަކަތަކެއް ދެކެވުނީމަ އަޅުގަނޑުމެންގެ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަން ވާތީ، ރަސްމީކޮށް، ލިޔެކިޔުމުން، ސިޓީއިން، ދިވެހި ސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ،" ރައީސް އެ ރޭ ވިދާޅުވި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރި އެވެ.
މިކަން ރައީސް ފާހަގަކުރެއްވީ، ޗާގޯސްގެ ސިޔާދަތީ ބާރުގެ ހައްގު އޮންނަނީ މޮރިޝަސް އަށް ކަމަށް ބަލާ، މި މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ. މި ސަރުކާރުން ވެރިކަމަށް އައީ އޭރު ބައިކުރި ކަނޑުގެ ބަޔަކީ ކުރީ ސަރުކާރުން ގެއްލުވާލި ބައެއް ކަމަށް ބުނެ އެތަން އަނބުރާ ހޯދާނެ ކަމަށް ވައުދުވަމުންނެވެ.
"އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާއެކުގައި، ފެންނާންހުރި ލިޔެކިޔުންތަކާއެކުގައި، އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަންބޮޑު ރާއްޖޭގެ ތަނެއްގެ ގޮތުގައި ވެސް ބެލިދާނެ ކަމަށް ތާރީހީ ގޮތުން ފެންނަން ހުރުމާއެކީގައި، އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ މިހާރު ސިޓީ ފޮނުވާފަ," އެ ރޭ ރައީސް ވިދާޅުވި އެވެ.
އެ ސިޓީގެ ކޮޕީއަކަށާއި އެކުގައި ފޮނުވި ކަމަށް އެމަނިކުފާނު ވިދާޅުވި ލިޔެކިޔުންތަކުގެ ކޮޕީތަކަށް މި ނޫހުން ވާނީ އެދިފަ އެވެ. އެ ހުށަހެޅުމަށް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ. އިނގިރޭސި ސަރުކާރުން މިފަދަ ސިޓީއެއް ލިބުނުކަން އަދި ސިޓީއަށް ޖަވާބު ދިންކަމެއް ވެސް ހާމަކޮށްފައި ނުވެ އެވެ.
ފުރަތަމަ 100 ދުވަސް ތެރޭ އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް އެކަން ވަނީ ނުކުރެވިފަ އެވެ. އެ މަސައްކަތް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ކަމަށާއި މި ސަރުކާރު ފެށުނީއްސުރެ މިކަމަށް ހާއްސަކޮށް އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފަކު އދ. ގައި ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަދި، ކަނޑުގެ ސަރަހައްދު މިދިޔަ ސަރުކާރުން 'ގެއްލުވާލީ' ގާނޫނާ ހިލާފަށް ކަމަށްވެސް ވިދާޅުވި އެވެ. އެކަން އެގޮތަށް ހިނގި ކަމަށް ބުނެ ރައީސް އަދި މި ސަރުކާރުގެ ވެރިން ފާހަގަކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އެވެ. ނަމަވެސް މި ސަރުކާރުން އެ ސިޓީ ހާމަކޮށް، ކަނޑު ދޫކޮށްލުމާ ގުޅޭ ވާހަކައެއް އެ ސިޓީގައި ނެތްކަމަށް ވަނީ ބުނެފަ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން އަހަރެއްގެ މައްޗަށް އެވެރެޖު ގޮތެއްގައި 101 މިލިއަން ޕައުންޑް މޮރިޝަސްއަށް އިނގިރޭސިވިލާތުން ދައްކާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ބީބީސީއިން ބުނެ އެވެ. ފުރަތަމަ ތިން އަހަރު 165 މިލިއަން ޕައުންޑް ދައްކަން ޖެހޭ މި އެއްބަސްވުމުގެ ޖުމުލަ އަގު 3.4 ބިލިއަން ޕައުންޑަށް އަރާނެ އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި މޮރިޝަސްގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ޓްރަސްޓު ފަންޑެއް މެދުވެރިކޮށް އިނގިރޭސިވިލާތުން ހޭދަކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުން އިތުރު 40 އަހަރަށް ދަންމާލުމުގެ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ.
މޮރިޝަސްއާ ޗާގޯސް ހަވާލުކުރީ ރައީސް މުއިއްޒު ފޮނުވި ކަމަށް ވިދާޅުވި ސިޓީއަށް އިޖާބަ ނުދީ މޮރިޝަސްއާ ޗާގޯސް ހަވާލުކުރީ ރައީސް މުއިއްޒު ފޮނުވި ކަމަށް ވިދާޅުވި ސިޓީއަށް އިޖާބަ ނުދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ