އެގްރިކަލްޗާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން އެބަތިބި: މިނިސްޓަރު

އެގްރިކަލްޗާ އެންޑް އަނިމަލް ވެލްފެއާ މިނިސްޓަރީގައި 40އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިއްބެވި ކަމަށް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ. 
ވީ ކިހިނެއް؟ - މާރިޔާ މިހެން ވިދާޅުވީ މިނިސްޓްރީގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ގޮތުން، ކެޔޮދޫ ދާއިރާގެ އެމްްޑީޕީ މެމްބަރު މުހައްމަދު ނިއުޝާދު މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ބުނީ ކީކޭ؟ - މާރިޔާ ވިދާޅުވީ އެ މިނިސްޓްރީގައި ތިއްބެވީ 48 ސިޔާސީ މުވައްޒަފުން ކަމަށެވެ.
މި ސަރުކާރުން އުވާލަން ނިންމާފައިވާ އެގްރޯނެޓްގެ މުވައްޒަފުންތަކެއް މުސާރަ ނަގައިގެން ކުރާނެ މަސައްކަތެއް ނެތިފައި ތިބި ކަމަށް ވިދާޅުވެ، އެ މުވައްޒަފުންނާ ބެހޭ ގޮތުން ވެސް މިއަދުގެ މަޖިލިސް ޖަލްސާގައި މާރިޔާއާ ބައެއް މެމްބަރުން ސުވާލުކުރެއްވި އެވެ.
ޖަވާބުގައި މާރިޔާ ވިދާޅުވީ ރުއް އާލާކުރުމަށް ހަމަޖައްސާފައިވާ އދ. އަރިޔާދޫގެ މަސައްކަތްތަކުގައި އެ މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ.
"މީގެ އިތުރުން އެގްރޯ މުވައްޒަފުންނަށް ކުޑަ ތަމްރީނެއް ދީގެން އެކި ރަށްރަށަށް ފޮނުވާ މަސައްކަތްކުރާނެ،" މާރިޔާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އެގްރިކަލްޗާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން ތިއްބެވި ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ސިޓީސް، ލޯކަލް ގަވަނަންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގައި ޖުމްލަ 81 ސިޔާސީ މުވައްޒަފުން ތިއްބެވި ކަމަށް އެ މިނިސްޓްރީން ވަނީ މިދިޔަ ހޯމަ ދުވަހު ބުނެފަ އެވެ.
އެކިއެކި މިިނިސްޓްރީތަކުންނާއި ރައީސް އޮފީހުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މެއި 2024ގެ ނިޔަލަށް 1100އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އެވެ. 
ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރު ނުކުރާނެ ކަމަށް މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ބުނެފައި އޮތަސް، މިހާތަނަށް ވެސް ސަރުކާރުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.
އެ ޝަކުވާތައް ބޮޑުވެފައި އޮއްވާ، މިފަހުން ރައީސް މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އަދިވެސް އެ އަދަދު ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ