ލިޔެކިޔުންތައް ރައްކާކުރުމަށް ޚާއްސަ ލޮކަރަކާއެކު ވަންގަވްގެ ދެވަނަ ވާޝަން ނެރެފި

އަމިއްލަ ލިޔެކިޔުންތައް ރައްކާކުރެވޭނެ ޚާއްސަ ލޮކަރެއް ހިމެނޭހެން، ސަރުކާރު އިދާރާތަކުގެ ޚިދުމަތްތައް އޮންލައިކޮށް ދޭ ޕްލެޓްފޯމް 'ވަންގަވް'ގެ ދެވަނަ ވާޝަން މިއަދު ލޯންޗުކޮށްފިއެވެ. ވަންގަވް އަލަށް ލޯންޗުކޮށްފައި ވަނީ 2023ވަނަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ. މިއަދު ލޯންޗުކުރި ވެދަނަ ވާޝަންގެ ނަމަކީ ވަންގަވް 2.0އެވެ. ވަންގަވްއަށް އަލަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަކަދައްކަމުން އެ ޕްލެޓްފޯމުގެ ބެލެނިވެރި ކުންފުނި ޓްރޭޑްނެޓް މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ، އިންފޮމޭޗަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަހްމަދު ޝަމްއޫން ވިދާޅުވީ، ވަންގަވްގެ ޚިދުމަތަށް އަހަރަކާއި ހަ މަސް ވެފައި ވާއިރު އެ ޕްލެޓްފޯމަށް ގެނެވުނު ބަދަކީ ފާއިތުވި ދުވަސްތަކުގައި ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތްހޯދާފައިވާ ފަރާތްތަކުން ދިން ޚިޔާލަށް ބެލުމަށްފަހު ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. ވަންގަވްއަށް ގެނެވުނު މައިގަނޑު ބަދަލާ ބެހޭގޮތުން ވާހަކަދައްކަމުން ޝަމްއޫން ވިދާޅުވީ ވަންގަވް 2.0ގައި ކުރިއަށްވުރެ ފަސޭހައިން ސާވިސްތައް ހޯދައިލެވޭނެ ކަމަށެވެ. އަދި މި ޕްލެޓްފޯމުގައި މުޅިން އަލަށް ވަންގަވް ލޮކާ ތާރަފުކޮށްފައި ވާއިރު މި ލޮކަރަކީ ވަންގަވް މެދުވެރިކޮށް ދޫކުރާ ލިޔެކުންތައް އެއްތަނަކުން ފެންނާނެ ނިޒާމެއްކަން ޝަމްއޫން ވަނީ ފާހަގަކުރައްވާފައެވެ. ޕާސަނަލް ޑޮކިއުމެންޓްސްތައް ރައްކާކުރެވޭނެ ޚާއްސަ ލޮކަރެއް ހިމެނޭހެން ވަން ގަވްގެ ދެވަނަ ވާޝަން ލޯންޗުކޮށްފި -- ސަން ފޮޓޯ/ މާނިއު މުޙައްމަދު ކުރިން މި ވާގޮތަކީ އަޅުގަނޑުމެން ލިޔެކިޔުންތައް މި ފޮނުވަނީ މެއިލްއަކުން، އެ މެއިލްތައް ބައެއްފަހަރު އެކި ތަންތަނުގަ ހުރީމަ އެ އެއްޗެހިތައް ހޯދަން ތަންކޮޅެއް އުނދަގޫވޭ. އެކަމަކު މިހާރު ލޮކާތެރޭގަ ހުރިހާ އެއްޗެއް އެއްތަނަކުން ފެންނާނެ. ޓްރޭޑްނެޓުގެ ޖެނެރަލް މެނޭޖާ ޖީއެމްއައިސީޓީ އަހްމަދު ޝަމްއޫން ޝަމްއޫން ވިދާޅުވީ މިއަދު ލޯންޗުކުރި ވަންގަވް2.0ގައި މުޅިން އަލަށް ވަންގަވް ވޮލެޓް ވެސް ތާރަފުކޮށްފައި ވާކަމަށެވެ. މި ވޮލެޓަކީ ސަރުކާރަށް ނުވަތަ ވަންގަވްގައި ބައިވެރިވާ އިދާރާތަކަށާއި ވަންގަވް ބޭނުންކުރާ ފަރާތްތަކުން ދައްކަންޖެހޭ ޕޭމެންޓްތައް ދެއްކުމަށް ޚާއްސަކޮށްފައިވާ ވޮލެޓެކެވެ. ޝަމްއޫން ވިދާޅުވީ ވަންގަވް ސަޕޯޓަށް ވެސް މިހާރު ބޮޑު ބަދަލެއް ގެނެސްފައި ވާކަމަށެވެ. ކުރީގައި ނަމަ ޚިދުމަތެއް ހޯދުމަށްފަހު އޭގައި ހުންނަ ޑޮކިއުމެންޓްސްތަކާއި ގައިޑްލައިންސްތައް ބަލާލުމަށް ތަންކޮޅެއް އުނދަގޫ ކަމަށާއި ނަމަވެސް މިހާރު ހުރިހާ ގައިޑްލައިންސްތައް ސަޕޯޓްގެ ތެރެއިން އެއްތަނަކުން ފެންނާނެ ކަމަށް އޭނަ ވަނީ ވިދާޅުވެފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ