މަރިޔަމް ޒުބައިރުގެ ޖިނާއީ ތަހުގީގާ ސާޖިދާ ހުށަހަޅުއްވާފައިވާ ދައުވާތަކާ ގުޅުމެއް ނެތް: އާޒިމާ

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުށަހަޅުއްވާފައިވާ މަދަނީ ދައުވާތަކާއި، އެ މައްސަލާގައި މަރިޔަމް ޒުބައިރުގެ މައްޗަށް ފުލުުހުން ހިންގަމުންދާ ޖިނާއީ ތަހުގީގުތަކާ ގުޅުމެއް ނެތް ކަމަށް އެ ކަމަނާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލަކު ވޭޕް ބޭނުން ކުރެއްވުމުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން މަރިޔަމް ޒުބައިރު ދެއްކި ވާހަކައެއްގެ މައްސަލައިގައި އޭނާއާ ދެކޮޅަށް ސާޖިދާ ހުށަހެޅުއްވީ މަދަނީ ދައުވާ އެކެވެ. ސިވިލް ކޯޓުގައި އެ ދައުވާ އޮއްވައި ހަމަ އެ މައްސަލާގައި މަރިޔަމް ޒުބައިރުއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ވެސް ފުލުހުން ދަނީ ހިންގަމުންނެވެ.
ބުނީ ކީކޭ؟ - ފުލުހުން ހިންގާ އެ ތަހުގީގާ، ސާޖިދާ ހުށަހަޅުއްވާފައިވާ މަދަނީ ދައުވާތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ ސާޖިދާގެ ފަރާތުން މި މައްސަލާގައި ސިވިލް ކޯޓުގައި ވަކާލާތު ކުރައްވާ އާޒިމާގެ ލޯ ފާމް، 'ރެހެންދި ޗެމްބާސް' އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. 
އެ ބާޔާނުގައި ބުނީ:
މަރިޔަމް ޒުބައިރުގެ މައްޗަށް ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކީ ސާޖިދާގެ އިސްނެންގެވުމުގެ މަތިން ހިންގާ ތަހުގީގެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށް؛ އެއީ ހަގީގަތެއް ނޫން ކަމަށް
މި މައްސަލާގައި ސާޖިދާގެ އިސްނެންގެވުމުގެ މަތިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މަދަނީ ދައުވާއެއް އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަރުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ދައުވާއެއް ކަމަށް ބުނި
ކްރިމިނަލް ކޯޓުން ނުވަތަ ފުލުހުން ހިންގާ ތަހުގީގުތަކާއި ސާޖިދާއާ ގުޅުވައި ދައްކާ ވާހަކަތަކަކީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން
އޭގެ ސަބަބުން މި މައްސަލަތަކުގެ އަސްލު މަގުސަދު އާންމުންނަށް އޮޅޭ
މި މައްސަލަތަކުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ މަގުސަދެއްގައި ކުޑަކުއްޖެއްގެ ހައްގުތަކާއި ކަރާމަތާއި ހުރުމަތް ނަގާލުމުން ރައްކާތެރިކުރުން
"މިއީ ޖިނާއީ މައްސަލަތަކެއް ނޫން. މި ދައުވާތަކުގައި ފުލުހުންގެ އެއްވެސް ތަހުގީގެއް ނުވަތަ ޖިނާއީ ދައުވާތަކެއް ނުހިމެނޭނެ،" ބަޔާނުގައި ވެއެވެ.
އެނގުން މުހިންމު - ފުލުހުން މި މައްސަލާގައި ހިންގާ ތަހުގީގުތަކާއި ސާޖިދާއާ ގުޅުމެއް ނެތް ކަމަށް ބުނެ އެކަމަނާގެ ވަކީލުންގެ ފަރާތުން ބަޔާނެއް ނެރެފައި މިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއް ހިމެނޭ ގޮތަށް ފޮޓޯ ނަގަން ފުލުހަށް ހާޒިރުވުމަށް މަރިޔަމް ޒުބައިރު އާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)އަށް ޗިޓު ފޮނުވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެ ޗިޓުގައި ވާގޮތުން:
މަރިޔަމް ޒުބައިރުއާ ގުޅޭ ގޮތުން ފުލުހުން ބަލަނީ، މިދިޔަ މާޗު މަހު މާލޭގައި އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ "ދަރިފުޅު ވޭޕް ބޯން ފެއްޓީމައޭ ބުނެ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އޮންނަ ގޮތަށް" އޭނާ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
މާޒް ސަލީމްއާ ގުޅޭ ގޮތުން ފުލުހުން ބަލަނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކައަށް ތާއީދުކޮށް، "އެ ވާހަކަ ދެއްކުމަށް ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް" އޭނާ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
އެ ޗިޓުގެ މައްސަލާގައި އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފެށުމުން އިއްޔެ ފުލުހަށް ހާޒިރުވާގޮތަށް އޮތް އެ ޗިޓު ފުލުހުން މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ