އަބަދުވެސް އެދެނީ ވަސީލަތްތަކަށް، ކޯޗުންނާ ރެފްރީންނަށް ތަރުހީބު މަދު: ރާފިއު
ރަށްރަށަށް ކުރާ ދަތުރުތަކުގައި ވެސް ރައްޔިތުންގެ ފަރާތުން އެދެނީ ވަސީލަތްތަކަށް ކަމަށާއި ކޯޗުންނާއި ރެފްރީން އަދި އެސިސްޓުންނަށް އޮންނަ ތަރުހީބު ރަށްރަށުގައި މަދުކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. މިރޭގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުޅިވަރެއް ކުރިއަރާނީ ކޯޗުން އުފެދިގެން ކަމަށެވެ. ކޮންމެ ކުޅިވަރެއް ވެސް ކިޔައިދޭ ކޯޗުންނަކީ މުހިންމު ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ހުރިހާ ކުޅިވަރަކުން ވެސް ކޯޗުން ބިނާކުރުމަކީ ވަރަށް ބޮޑަށް އަޅާނުލެވި ދޫކުރެވިފައިވާ ކަމެއްކަމަށެވެ. "ގިނަ ފަހަރަށް އަޅުގަނޑުމެން ރަށްރަށަށް ދިޔައީމަ ވެސް މިވާހަކަ ވަރަށް މަދުން ދައްކާނީ. ގިނަފަހަރަށް ދެއްކޭނީ ވަސީލަތްތައް ނެތް ވާހަކަ، ކުޅޭނެ ތަނެއް ނެތް ވާހަކަ، ދަނޑެއް ހަދާ ވާހަކަ،" އޭނާ ވިދާޅުވިއެވެ. ރާފިއު ވިދާޅުވީ، ކޯޗުންނެކޭ އެއްގޮތަށް ކުޅިވަރުތަކުގެ ޓެކްނިކަލް ސްޓާފުންނަކީ ވެސް ވަރަށް މުހިންމު ބައެއްކަމަށެވެ. ރަށްރަށުގައި މުބާރާތްތައް ބާއްވާނަމަ ރެފްރީން ގެންދަން ޖެހެނީ މާލޭންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އަތޮޅުތެރޭގައި ގިނަ ރެފްރީންނާއި ޓެކްނިކަލް ސްޓާފުން ތަމްރީނު ކުރެވި، އަތޮޅުތެރޭގެ މުބާރާތްތަކަށް ކައިރި އަތޮޅުތަކުން ރެފްރީން ހަމަޖެއްސުމަކީ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ބައެއް ފަހަރު މުބާރާތްތައް ލަސްކުރަން ޖެހިފައި ވެސް އެބަހުރި ރެފްރީން ނުލިބިގެން. އެހާވެސް ޑިމާންޑު އެބަ އޮތް، މުބާރާތްތައް ވަރަށް ގިނަ،" ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ދާއިރާއަކީ މަސައްކަތް ކުރަން ރަނގަޅު ދާއިރާއެއް ކަމަށެވެ. އެގޮތުން، ބައެއް ރެފްރީންނާއި ކޯޗުން ހަމަ އެކަނި އެކަމަށް ހުސްވެގެން މިހާރު މަސައްކަތް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އައްޑޫގައި ކޯޗިން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައި މިހާރު ވަނީ އިއުލާނު ކޮށްފައެވެ. "ހަމަ އެ ޕްރޮގްރާމް ނިމުމުން އަނެއްކާ ވެސް ރާއްޖޭގެ އެހެން ހިސާބެއްގައި ޓްރެއިނިން ޕްރޮގްރާމުތައް އަޅުގަނޑުމެން ކޮންޑަކްޓް ކުރާނަން، ކޯޗުން ތަމްރީނު ކުރުމާ އަދި އެހެނިހެން ޓެކްނިކަލް ސްޓާފުން ތަމްރީނުކުރުމުގެ ޕްރޮގްރާމުތައް،" މީގެ އިތުރުން ވެސް، ދާދިފަހުން އިނގިރޭސިވިލާތުގެ ލީޑްސް ޔުނިޔާސިޓީއަށް ކުރި ދަތުރުގައި ވެސް، ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް މަޝްވަރާތައް ކޮށްފައި ވާކަމަށް ރާފިއު ވިދާޅުވިއެވެ. އެގޮތުން، ކޮންޑިޝަނިން ކޯޗިން، ސްޕޯޓްސް ފިޒިއޯތެރަޕީ، ސްޕޯޓްސް ނިއުޓްރިޝަންގެ އިތުރުން ސްޕޯޓްސް ސައިކޮލޮޖީ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޝްވަރާތައް ކޮށްފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ