ޓެރިފް ރޭޓަށް އަމަލުކުރުން ޗައިނާ ފިޔަވަައި، އެހެން ގައުމުތަކަށް 90 ދުވަހަށް މެދުކަނޑައިލަނީ

ޗައިނާގެ މުދަލުން ނަގާ ޓެރިފް އެމެރިކާއިން އިތުރަށް ބޮޑުކުރިއިރު، ޓެރިފް ރޭޓަށް އަމަލުކުރުން ޗައިނާ ފިޔަވަައި، އެހެން ގައުމުތަކަށް 90 ދުވަހަށް މެދު ކަނޑައިލުމަށް ޓްރަމްޕް އަންގައިފިއެވެ. ޓްރަމްޕް ވަނީ، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ނެގުމަށް ކަނޑައެޅި ޓެރިފް ރޭޓު 125 ޕަސެންޓަށް އިތުރުކުރުމަށް ނިންމައިފިއެވެ. އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މި އަހަރު ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ، އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަ ނަމަވެސް އެހެން ބޮޑެތި ގައުމުތަކުން އެތެރެކުރާ އެމެރިކާގެ މުދަލަށް ނަގާ ޑިއުޓީ ބޮޑު ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވަމުންނެވެ. އެހެންވެ، އެ ގައުމުތަކަށް ރައްދު ދިނުމަށް ކަމަށް ވިދާޅުވެ ޓްރަމްޕް އިމްޕޯޓް ޑިއުޓީ ބޮޑު ކުރައްވަމުން ގެންދަވާއިރު، އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ޗައިނާއިން އެތެރެކުރާ މުދަލަށް ނަގާ ޑިއުޓީއަށެވެ. މީގެ ކުރިން ވެސް ދެ ގައުމުން ވެސް ޑިއުޓީ ބޮޑުކޮށްފައިވާއިރު، މިއަދުން ފެށިގެން ޗައިނާގެ މުދަލުން ނަގާ ޑިއުޓީ ވަނީ 104 ޕަސެންޓަށް އިތުރުކޮށްފައެވެ. އެއާއެކު ޗައިނާއިން ވަނީ އެމެރިކާއަށް ރައްދުދީ، އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ 84 ޕަސެންޓަށް އިތުރުކޮށްފައެވެ. ނަމަވެސް، ޓެރިފް ރޭޓަށް އަމަލުކުރުން ޗައިނާ ފިޔަވަައި، އެހެން ގައުމުތަކަށް 90 ދުވަހަށް މެދުކަނޑައިލަން ނިންމުމާ ގުޅިގެން އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ވިދާޅުވެފައިވަނީ ޓްރަމްޕު މި ގޮތަށް ނިންމެވީ ބަދަލު ހިފުމަށް ނުދާން ނިންމި ގައުމުތަކަށް އިނާމެއް ދިނުމުގެ ގޮތުން ކަމަށާއި، މި ކަމުގެ ސަބަބުން އައު ވިޔަފާރީގެ އެއްބަސްވުންތަކެއް އެކުލަވައިލުމަށް ޓަކައި ވާހަކަދައްކަން ވަގުތު ލިބިގެންދާނެ ކަމަށެވެ. ޓްރަމްޕް މި ނިންމެވުން އިއުލާންކުރެއްވުމާ ގުޅިގެން އެމެރިކާގެ ސްޓޮކް މާކެޓް ހަލަބޮލިވެ، ވަރަށް ބޮޑަށް މައްޗަށް ދިޔައެވެ. އަދި ޗައިނާއިން ރައްދުގައި އެޅި ފިޔަވަޅުތަކަށް ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެމެރިކާއާއި ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރީގެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ޗައިނާއިން ވަނީ އެ ގައުމުން އެފަދަ ހަނގުރާމައެއް ފަށަން ބޭނުންނުވާ ކަމަށާއި ނަމަވެސް ޗައިނާގެ މަސްލަހަތުތަކަށް ގެއްލުންވާ ގޮތަށް ފިޔަވަޅު އަޅާނަމަ އެ ގައުމުން ވެސް "މަޑުން ނޯންނާނެ" ކަމަށް ބުނެފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، އެހެން ގައުމުތަކާ ދެމެދު ވިޔަފާރީގެ ހަމަހަމަކަން ގާއިމުވާނެއެވެ. ނަމަވެސް ބައެއް އިކޮނޮމިސްޓުން ވަނީ އޭގެ ސަބަބުން، އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާ ގައުމުތަކާ ވެސް ގުޅުން ގޯސްވެ، ރިސެޝަންއަކަށް ވެސް ގޮސްދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ