ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެ ރޭ ޕޮލިސް ކުލަބާއި ކުލަބު ވެމްކޯ ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ވެމްކޯ އިން މުބާރާތުގެ ޗެންޕިއަންކަން ވިދިވިދިގެން ފަސްވަނަ ފަހަރަށް ހޯދައިފިއެވެ.
ޕޮލިސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީގެ ފުރަތަމަ މެޗުގައި ތިން ސެޓް ދެ ސެޓުން ކުލަބު ވެމްކޯ ބަލިކޮށްފައެވެ. އަދި ވެމްކޯ ފައިނަލުން ޖާގަހޯދީ ސެމީގެ ތިންވަނަ މެޗުގައި ތިން ސެޓް ދެ ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކުލަބު ވެމްކޯ ކާމިޔާބުކުރިއިރު، ދެވަނަ ސެޓާއި ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕައްޓިޔާ ޖުއަންގްޖަން އެވެ.
Advertisement
2019 އަހަރުން ފެށިގެން މިހާތަނަށް ބޭއްވުނު އެސޯސިއޭޝަން ކަޕްގެ ހަތަރު މުބާރާތުގެ ފައިނަލުގައި ވެސް ވެމްކޯ އިން ޕޮލިސް ކުލަބު ބަލިކޮށްފައިވާއިރު، ޕޮލިސް ކުލަބުން މިމުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.
މި އަހަރުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައި ވަނީ، އައިޝަތު މާޖިދާ (ކުލަބު ވެމްކޯ)، އާމިނަތު އަރީޝާ (ޕޮލިސް ކުލަބު)، ހައްވާ ރާޝިދާ (ޕޮލިސް ކުލަބު)، މަރިޔަމް އަޒުމާ (ޕޮލިސް ކުލަބު)، ނަރީމާ އިދުރީސް (ކުލަބު ވެމްކޯ)، ފާތިމަތު ޖޫޒަން ޒަރީރު (ކުލަބު ވެމްކޯ) އަދި ނުހާ ވަހީދު (ކުލަބު ވެމްކޯ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ކުލަބު ވެމްކޯގެ އައިޝަތު މާޖިދާ އެވެ. އަދި މިއީ އޭނާ ޖެހިޖެހިގެން މި މަގާމު ހޯދި ހަތަރުވަނަ ފަހަރެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހުރާގެ އައިޝަތު ދީމާ ނަދީމް ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ. އަދި މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ ހުރާ ކޮމިއުނިޓީ ކްލަބުންނެވެ.
ޖުމްލަ އަށް ޓީމު ވާދަކުރި މި މުބާރާތުގެ ކޮންމެ ގުރޫޕަކުން އެންމެ ގަދަ ތިން ޓީމު، ހޮނިހިރު ދުވަހު ފަށާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވާދަކުރާއިރު، އޭގެތެރޭގައި ހިމެނެނީ ކުލަބު ވެމްކޯ، ޕޮލިސް ކުލަބު، ހުރާ ކޮމިއުނިޓީ ކުލަބު، ފްލެކްސާ ސްޕޯޓްސް ކްލަބް، ސިޓީ ފްރެންޑްސް ކްލަބް އަދި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ (ޖީޖީ) އެވެ.
އެސޯސިއޭޝަން ކަޕްގެ ތަށި ކުލަބު ވެމްކޯ އިން ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ