އެމްއެންޑީއެފް އަށް އަލަށް ގެނައީ އަޖްބާން މަރުކާގެ ވެހިކަލްތަކެއް އެމްއެންޑީއެފް އަށް އަލަށް ގެނައީ އަޖްބާން މަރުކާގެ ވެހިކަލްތަކެއް

އެމްއެންޑީއެފްއަށް މި ފަހުން ގެނައީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުންޏަކުން އުފައްދާ އަސްކަރީ އުޅަނދުތަކެއް ކަން އެނގިއްޖެ އެވެ.
ދިވެހި އަސްކަރިއްޔާގެ ބޭނުމަށް "ޓޭންކަރުތަކެއް" މި މަހުގެ ކުރީކޮޅު ރާއްޖެ އެތެރެކުރިކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އެ އުޅަނދުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުންނަ ހުޅުލެއަށް ބާލާ ވީޑިއޯއެއް އާންމުވެ، އެޕްރީލް 11، ގައި މި ނޫހުން އެ ހަބަރު ވާނީ ގެނެސްދީފަ އެވެ.
އިތުރަށް އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މި ވެހިކަލްތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 9 ހިސާބުގަ އެވެ. އެ ތަކެތި ރާއްޖެ ގެނައީ އަވަށްޓެރި ސްރީލަންކާއަށް ގެންދިޔުމަށްފަހު، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ކަނޑު ބޯޓެއްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ބޯޓުން، ކޮޅުވެއްޓިއަކަށް ބަރުކޮށް މި ވެހިކަލްތައް ހުޅުލެއަށް ބޭލީ މޯލްޑިވިއަން ކާގޯ ހުންނަ ދިމާލުން އެ ރަށުގެ ބަނދަރަށެވެ. ވެހިކަލްތައް ގެންގޮސް ބެހެއްޓީ ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒުގަ އެވެ. އެ ވެހިކަލްތައް ރޭ ވަނީ ސިނަމާލެ ބުރިޖު ހުރަސްކޮށް މާލެ ގެނެސްފަ އެވެ.
އެމްއެންޑީއެފްގެ އައު އަސްކަރީ ވެހިކަލްތައް މާލެ އެރި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ޖުމްލަ ފަސް ވެހިކަލެއް ފެނެ އެވެ. މިއީ ޔޫއޭއީގެ އެޖް ގްރޫޕް އިން އުފައްދާ 'އަޖްބާސް' ސީރީސްގެ ވެހިކަލްތަކެއްކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.
އެޖް ގްރޫޕަކީ ޔޫއޭއީގެ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މައި ކުންފުންޏަކީ ހޯލްޑަރަކީ ޔޫއޭއީގެ ސޮވަރިން ވެލްތު ފަންޑު، މުބާދަލާ އިންވެސްޓްމަންޓު ކޮމްޕެނީގެ ދަށުން ހިންގާ އެމިރޭޓްސް ޑިފެންސް އިންޑަސްޓްރީސް ކޮމްޕެނީ (އެޑިކް) އެވެ.
އެޖް ގްރޫޕަކީ 2019 ގައި އުފެއްދި ކުންފުންޏެކެވެ. މިއީ މިހާރު މެދުއިރުމަތީގައި އޮތް އެންމެ ނަން މަޝްހޫރު އެއް ދިފާއީ ކުންފުންޏެވެ. އެ ކުންފުނިން އެކި ދާއިރާތަކުން ދިފާއީ ހިދުމަތްތައް ފޯރުކޮށްދީ އުޅަނދުތައް އުފައްދަ އެވެ. ޔޫއޭއީގެ އަސްކަރިއްޔާއިން ވެސް ގިނަ އަދަދަކަށް މި ކުންފުނީގެ އުފެއްދުންތައް ބޭނުންކުރެ އެވެ.
އެޖް ގްރޫޕުގެ އެންމެ ބޮޑު ކަސްޓަމަރަކީ ޔޫއޭއީގެ އަސްކަރިއްޔާ އެވެ. އެ ގައުމުން އެ ކުންފުންޏަށް ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓުތައް ދީފައިވެ އެވެ. 2023 ގައި އެކަނިވެސް ވައިގެ އަދި އެއްގަމު އެތައް ހާސް އުޅަނދެއް އެޖް ގްރޫޕުން ޔޫއޭއީ އަސްކަރިއްޔާއަށް ވިއްކި އެވެ.
މީގެ އިތުރުން، އެންގޯލާ، ސާބިއާ، ކަޒަކިސްތާނު, ދެކުނު އެފްރިކާ އަދި އިންޑޮނީޝިއާ ފަދަ ގައުމުތަކުން ވެސް އެޖް ގްރޫޕުން ހަތިޔާރާއި އަސްކަރީ އާލާތްތައް ގަނެފައިވެ އެވެ.
އެންމެ ފާހަގަކޮށްލެވެނީ އެންގޯލާއިން 2023، ގައި އެޖް ގްރޫޕާއެކު ހެދި ޑީލެވެ. އިލެކްޓްރިކް ވޯފެއާ ސިސްޓްމަތަކާއި، މިސައިލްތަކުގެ އިތުރުން ރާއްޖެއިން ގެނައިފަދަ އުޅަނދުތައް ހިމެނޭ މި އެއްބަސްވުމުގެ ދަށުން ހަތިޔާރާއި އުޅަނދުތައް ގަންނަން އެންގޯލާއިން ބިލިއަން ޑޮލަރު ހަރަދުކުރި އެވެ.
ރާއްޖެއަށް ގެނައި ޓޭންކަރުތައް ފެންނަ ވީޑިއޯ އާއި މި ނޫހުގެ ޓީމުން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމްއެންޑީއެފުން ގެނެސްފައިވަނީ އެޖް ގްރޫޕުން އުފައްދާ އަޖްބާން މަރުކާގެ 'އަޖްބާން 442އޭ' އެވެ.
އަޖްބާން 442އޭ ގެ ސިފަތައް:
ދިވެހި އަސްކަރިއްޔާގެ ބޭނުންތަކަށް ރާއްޖެ އެތެރެކުރި އުޅަނދުތަކަށް ބަދަލުތަކެއް ނުވަތަ މޮޑިފިކޭޝަންތަކެއް ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ރިމޯޓު ވެޕަންސް ސްޓޭޝަނަކާއި އިތުރު އާމޯ ޕްލޭޓިންގެ އިތުރުން ރޫފް ހެޗަކާއި އިތުރު ހަތިޔާރު ސިސްޓަމްތައް ހަރުކޮށްފައި ހުރިތަން ފެނެ އެވެ.
ތަޖުރިބާކާރުންގެ ބަހާއި އަދި މީގެ ކުރިން އެޖް ގްރޫޕުން އުޅަނދުތައް ވިއްކާފައިވާ އަގުތަކަށް ބަލާއިރު މި މޮޑިފިކޭޝަންސްތަކާއެކު ވެހިކަލެއްގެ އަގު 700،000 ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.
އަސްކަރިއްޔާގެ ބޭނުންތަކަށް ފަސް ވެހިކަލެއް ގެނެސްފައިވާއިރު، މި ތަކެއްޗަށް ހަރަދުކުރީ ކިހިނެއް ކަމެއް ނޫނީ މިއީ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތި ކަމަށް ސަރުކާރުން ނުބުނު އެވެ. މާކެޓު އަގުތަކުން ހިސާބުކުރާއިރު، މި ވެހިކަލްތައް ގަތުމަށް ދައުލަތުގެ ބަޖެޓުން 3.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެއީ 54 މިލިއަން ރުފިޔާ އެވެ.
ނަމަވެސް، މި ސަރުކާރުން މިހާތަނަށް އަސްކަރީ ގޮތުން ކުރި އެންމެ ބޮޑު އިންވެސްޓުމަންޓު ކަަމަށްވާ ޑްރޯންތަކެއް ގަތުމަށް މާކެޓު ވެލިއުއަށްވުރެ ބޮޑު އަދަދެއް ހަރަދު ކުރި އެވެ. ތުރުކީގެ ބައިކާރު ކުންފިން އުފައްދާ ބައިރަކްތާރު ޓީބީ2 ޑްރޯންތަކެއް ގަތުމަށް ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު ނުވަތަ 570 މިލިއަން ރުފިޔާ ހަރަދުކުރިކަން މި ނޫހަށް އެނގިފައިވެ އެވެ.
އާންމުކޮށް ލިބެންހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި މަރުކާގެ ޑްރޯންތައް ވިއްކާ އެންމެ ބޮޑު އަގަކީވެސް ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ އެވެ.
މިއީ މި މަހުގެ ތެރޭ ދިވެހި އަސްކަރިއްޔާއާ ގުޅުވާ އާންމުވި ދެވަނަ ހަބަރެވެ. މިސައިލް ފޮނުވާ މަނަވަރެއް ތުރުކީއިން ރާއްޖެއަށް ހަދިޔާކުރަން ނިންމައި، އެ މަނަވަރު އޮޕަރޭޓުކުރަން ސިފައިން ތަމްރީނުކުރާކަން އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ އެޕްރީލް 12، ގަ އެވެ.
އަންނަ މަހު 44 އަހަރު ފުރޭ ތުރުކީ އަސްކަރިއްޔާއިން ޑޮލްގަން ކްލާސްގެ ޓީސީޖީ ވޮލްކަން ރާއްޖެއަށް ގެންނާނެ ކަމަށް ރިޕޯޓުތަކުން ބުނަނީ އަންނަ ޖުލައި މަހު އެވެ. ބެލެވޭ ގޮތުގައި މި އަހަރު މިނިވަން ދުވަހާ ދިމާކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިލޭ އެހީގެ ދަށުން މަނަވަރު ހަދިޔާކުރި ނަމަވެސް ތުރުކީގެ ސަރުކާރުން މިސައިލްތައް ފޯރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް، އެ ގައުމުގެ އަސްކަރީ ކުންފުންޏެއް މެދުވެރިކޮށް ދިވެހި ސަރުކާރުން ދަނީ މިސައިލްތައް ގަތުމުގެ މަސައްކަތް ކުރަމުންނެވެ.
ވޮލްކަންގައި ތުރުކީން ހަރުކޮށްފައިހުރީ އާރުޖީއެމް-84 ހާޕޫން އެންޓި ޝިޕް މިސައިލް ސިސްޓަމެކެވެ. އޭގެފަހުން އެ މަނަވަރުގައި ހާޕޫން ބްލޮކް-2 ގެ މިސައިލްތަކެއް ހަރުކުރި ކަމަށް ވެސް ވެ އެވެ.
އަސްކަރީ ހަބަރުތައް ގެނެސްދޭ ނޫސްތަކާއި އިންޓަނެޓުގެ އެހެން ވަސީލަތްތަކުގެ އެނގޭ ގޮތުގައި ހާޕޫން މިސައިލަކަށް އެވެރެޖުކޮށް ދެ މިލިއަން ޑޮލަރު ނުވަތަ 30 މިލިއަނެއްހާ ރުފިޔާ އަރާނެ އެވެ. މި ހިސާބުން ބަލާ ނަމަ ސަރުކާރުން މިސައިލުތައް ގަތުމަށް ބޮޑު ހަރަދެއް ކުރަންޖެހޭނެ އެވެ.
ގިނަ ދުވަސްވެފައިވާ މި މަނަވަރު މާލެ ގެނެސް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންކުރަށް ފެށުމާއެކެ އޮޕަރޭޝަނަލް އަދި މަރާމާތުގެ ހަރަދަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ.
އަސްކަރިއްޔާއިން މިފަދަ ބޮޑު ހޭދަތަކަކާ ދިމާލަށް މިސްރާބު ޖަހާފައި މިވަނީ ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް ދޫކުރާ ގޮތަށް ހުޅުވާލުމަށްފަހު އެވެ.
ސަރުކާރުން މިހާތަނަށް އެއްވެސް ތަފުސީލެއް އާންމުކޮށްފައި ނުވާ މި މަޝްރޫއުގެ މައުލޫމާތު ހިމަނައި ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ އިއުލާނުކުރީ 15 މިލިއަން ޑޮލަރު ހޯދުމަށެވެ. އޭގެ ހަފުތާއެއް ފަހުން އެ އަދަދު ވަނީ 100 މިލިއަން ޑޮލަރަށް މަތިކޮށްފަ އެވެ. މިސައިލްތައް ގެނައުމަކީ މީގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ