ބުރާސްފަތި ދުވަހު ތެހެރާނަށްކުރެއްވި ދަތުރުފުޅެއްގައި ސައުދީ އަރަބިޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން، ކިންގް ސަލްމާންގެ ފަރާތްޕުޅުން "ލިޔުމުން ފޮނުއްވި މެސެޖެއް" އީރާނުގެ ސުޕްރީމް ލީޑަރަށް ރައްދުކުރެއްވި ކަމަށް ސައުދީ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.
ސައުދީ ޕްރެސް އެޖެންސީއިން ބުނެފައިވަނީ ޕްރިންސް ޚާލިދުގެ އީރާން ދަތުރުފުޅުގައި "ދެ ގައުމުގެ ދެމެދުގައިވާ ގުޅުންތަކާއި ދެފަރާތުގެ މަސްލަހަތު އެކުލެވޭ މައްސަލަތައް މަޝްވަރާކުރުމަށް އެތައް ބައްދަލުވުމެއް ހިމެނުނު" ކަމަށެވެ. ޕްރިންސް ޚާލިދު ވަޑައިގަތުމުން އީރާނުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް، ޖެނެރަލް މުހައްމަދު ބަޣޭރީ މަރުހަބާ ދެންނެވިއެވެ.
ފަހުން، އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ޚަމެނެއީ އެކްސްގައި ޕޯސްޓްކުރައްވާފައިވަނީ ޕްރިންސް ޚާލިދާއެކު ބައްދަލުކުރެއްވި ވަގުތު ސައުދީ ކިންގް ސަލްމާންގެ މެސެޖެއް ލިބިވަޑައިގެންނެވި ކަމަށެވެ. "އަޅުގަނޑުމެން ގަބޫލުކުރަނީ އިސްލާމިކް ރިޕަބްލިކް އޮފް އީރާން އަދި ސައުދީ އަރަބިޔާއާ ދެމެދުގެ ގުޅުންތަކަކީ ދެ ގައުމަށްވެސް ފައިދާވާނެ ގުޅުންތަކެއް ކަމަށާއި އަދި ދެ ގައުމަށްވެސް އެކަކު އަނެކަކަށް އިތުރުކޮށްދެވިދާނެ ކަމަށް،" ޚަމެނެއީ ވިދާޅުވި އެވެ.
"އީރާން އަދި ސައުދީ އަރަބިޔާގެ ގުޅުން ފުޅާވަމުން ދިއުމާމެދު ތިލަކަމެއް ދައްކާ ބައެއްވެސް" ތިބިކަމަށާއި "އަޅުގަނޑުމެން އެމީހުންގެ ތިލަކަންތައް ކާމިޔާބުނުކުރުވަން މަސައްކަތްކުރަންޖެހޭ، އަދި އަޅުގަނޑުމެން މިކަމަށް ތައްޔާރު" ކަމަށްވެސް އާޔަތުއްﷲ އަލީ ޚަމެނެއީ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރަހައްދުގެ އަޚުންގެ ގޮތުގައި އެއްބާރުލުން ދިނުމާއި އެހީތެރިވުން އެހެން ފަރާތްތަކަށް ބަރޯސާވުމަށްވުރެ މާ ރަނގަޅު ކަމަށެވެ.
ޕްރިންސް ޚާލިދަކީ، ފައިޓާ ޕައިލެޓެއް ކަމަށްވާއިރު، 1979 ގެ އިސްލާމިކް ރެވޮލިއުޝަނަށްފަހު އީރާނަށް ޒިޔާރަތްކުރި ފުރަތަމަ ސައުދީ ޑިފެންސް މިނިސްޓަރުވެސްމެ އެވެ. އަދި އެއީ އެތައް އަހަރެއްގެ ތެރޭގައި ޒިޔާރަތްކުރި އެންމެ އިސް ސައުދީ ޕްރިންސެވެ. . އެންމެފަހުން ޒިޔާރަތްކުރެއްވީ ކިންގް އަބްދުﷲ ބިން އަބްދުލްއަޒީޒެވެ. އެމަނިކުފާނު ކުރައުން ޕްރިންސްއެއްގެ ގޮތުގައި ހުންނަވައި 1997 ގައި ތެހެރާނުގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ބައްދަލުވުމަކަށް ޒިޔާރަތްކުރެއްވި އެވެ.
އިރާން-ސައުދީ ގުޅުންތައް ވަނީ ޗައިނާގެ މެދުވެރިވުމާއެކު 2023 ގައި ވެވުނު އެއްބަސްވުމަކާއެކު އާވެފަ އެވެ.
ކިންގް ސަލްމާން ލިޔުމުން ފޮނުއްވި މެސެޖެއް ސައުދީ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން އީރާނުގެ ސުޕްރީމް ލީޑަރަށް ރައްދުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ