ބަންގިގޮވިޔަސް ނަމާދުގެ ޖަމާއަތަށް ދާންޖެހޭނީ މަސައްކަތް ނިންމާފައިކަމަށް ދުށުމަކީ ކުރެވޭ ކިހައި ބޮޑު ކުށެއްކަން އެނގޭތަ؟

ވަޒީފާ އަދާކުރާތީ އޮފީހުގައި މަޑުކުރަން މަޖުބޫރުވެ ޖަމާއަތުގެ ނަމާދަށް ދާން ހުރަސްއެޅޭތީ ކަންބޮޑުވެ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގައި ޢަމަލުކުރަން އޮތް ގޮތް އެނގިލައްވާނެ ލިޔުމެކެވެ، އިން ޝާ ﷲ
އަޅުގަނޑަކީ ޖަމާޢަތުގައި ނަމާދުކުރަން މަސައްކަތްކުރާ މީހަކީމެވެ. ޖަމާޢަތަށް ނުދެވިއްޖެނަމަ ސިކުނޑިއަށް ވަރަށް އުނދަގޫވެއެވެ. އަޅުގަނޑު މަސައްކަތްކުރަނީ ސަރުކާރުގެ އޮފީހެއްގައެވެ. އެހެންކަމުން މެންދުރުނަމާދުގެ ވަޤުތު ޖެހެނީ ރަސްމީގަޑީގައެވެ. ނަމާދަށްދާން ދޫކުރެއެވެ. ނަމަވެސް މައްސަލައަކީ، ދާންވާނީ މިކަން ނިންމާފައި އެކަން ނިންމާފައި، އައިސް ތިބި މީހުންގެ ކަންކަން ނިންމާފައި ކިޔާތީ ގިނަ ދުވަސްތަކުގައި ޖަމާޢަތަށް ނުދެވޭކަމެވެ.
އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ ޖަމާޢަތުގެ ނަމާދަށް ދާން އޮތީ ކުރަންހުރި ހުރިހާ ކަންކަން ނިންމާފައިތޯއެވެ؟
ކިޔުންތެރިޔާއަށް ފުރަތަމަވެސް ބުނެލަން އޮތީ ޖަމާޢަތުގައި ނަމާދުކުރަން ތިއަ ބަހައްޓާ ސަމާލުކަން ކުޑަނުކުރާށެވެ! ވެރިންނާ މަޝްވަރާކުރާށެވެ! ޚިދުމްތަދޭ ވަޤުތުގައި ޚިދުމަތް ހޯދަން އަންނަ މީހުން ހުހެއް ނުވާނެއެވެ. ނަމަވެސް ބަންގިގޮވައި 8-10 މިނިޓްވީމާ ޖަމާޢަތް ފަށާނެއެވެ. ވެރިންގެ ޢަމަލުތައް ތިއަގޮތަށް ހުންނަކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. ސަޖިދަ ނުކުރާ ވެރިން މިހާރު ވަރަށް ގިނަކަން އެއީ ތިއަފަދަ ކަންކަން މެދުވެރިވާ ސަބަބެވެ.
ކޮންމެއަކަސް ޖަމާޢަތުގެ ނަމާދަށްދާން ހުރަސް އަޅާނަމަ އެހެން ވަޒީފާއެއް ހޯދަން މަސައްކަތްކުރާށެވެ! ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
ތިރީގައިވާ ލިޔުމަކީ ހަމަ ތިއަފަދަ މައްސަލަތައް ކުރިމަތިވާވަރުން ކުރިން ލިޔެފައިވާ ލިޔުމެކެވެ.
ޙަދީޘްފުޅުގައި އޮތީ "ތިމަންކަލޭގެފާނުގެ މައްޗަށް ޤަޞްދުގައި ދޮގެއް ހަދައިފި މީހާ ނަރަކައިން ޖާގަ ކަށަވަރުކޮށްގެން ހުންނާށެވެ!" މިފަދައިންނެވެ. ނަމަވެސް އެއްވެސް ބިރެއްނެތި ރަސޫލް ﷺގެ ޙަދީޘްފުޅުތަކާއި ސުންނަތުން ސާބިތުވާ ކަންކަމުގައި ޤަޞްދުގައި ދޮގުހަދައި ކަންކަން އޮޅުވައިލާ މީހުން އެބައުޅެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
މިހާރަކަށް އައިސް ނަމާދުވަގުތު ޖެހުމުން ނަމާދުނުކޮށް ލަސްކުރުމާއިމެދު ފަތުރާ ބައެއް ވާހަކަތަކަކީ ބިރުގަންނަންޖެހޭ ވަރުގެ ވާހަކަތަކެކެވެ. ވީމާ އެކަމުގެ ޙަޤީޤަތް އޮތްގޮތް ބަލައި ދަސްކުރަން އެބަ ޖެހެއެވެ. ރަނގަޅަށް ނުއެނގިތިބެ ދީނުގެ ވާހަކަތައް ފެތުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެނގިހުރެގެން ދީނުގައި ނެތް ގޮތެއްގެ ވާހަކަ ދެއްކުމަކީ ކުރެވޭ ބޮޑުފާފައެކެވެ.
މިސާލަކަށް ބަލާނަމަ ނަމާދު ވަގުތުޖެހުމުން ނަމާދުނުކޮށް އެމީހަކު ބޭނުންހައިރަކު ނަމާދުކުރަން ބުނުމަކީ ކަމުގެ ޙަޤީޤަތް އޮޅުވައިލުމެވެ. ނަމާދުކުރަން އޮތީ ވީހައި އަވަހަކަށެވެ. ވަގުތު ދެމިގެންވަނީ ފަހަރެއްގައި އެމީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން ނަމާދު ވަގުތު ޖެހުމުން ވަގުތުން ނުކުރެވިދާނެ ޙާލަތެއް މެދުވެރިވެދާނެކަމަށެވެ. އެއީ ކޮންމެ ނަމާދެއްގައި ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ. ވީމާ ނަމާދުކުރުމަކީ ތިމާ ދިރިއުޅެން ކުރާ ހުރިހާ ކަމެއްކޮށް ނިންމުމަށްފަހު ކުރަން އޮތްކަމެއް ކަމަކަށް ބުނެވޭނެ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ.
ރަސޫލް ﷺ ގެ ސުންނަތަށްބަލައިފިނަމަ ވަނީ ފަރުޟު ނަމާދުތައް ވަގުތުގެ ކުރީކޮޅު، ވަގުތު ޖެހުމުން ނަމާދުކުރައްވަވައިފައެވެ. ހަމައެކަނި ފަސްކޮށްލެވެންއޮތީ ޢިޝާ ނަމާދެވެ. ޤަމާތް ދީފިނަމަ ޢިޝާނަމާދުވެސް ފަސްކުރުމެއް ނެތެވެ. އޮތީ ޖަމާޢަތުގައި ކުރުމެވެ. ޖަމާޢަތުގައި ޢިޝާނަމާދުކުރުމަކީ ރޭގަނޑުގެ އެއްބައިގައި ރޭއަޅުކަންކުރުންފަދަ ކަމެއްކަމުގައިވަނީ ލައްވަވައިފައެވެ. ވީމާ ޖަމާޢަތުގައި ނަމާދުނުކޮށް އެއްވެސް ނަމާދެއް ފަސްކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
އަދި ކީރިތި ޤުރްއާނުގައި ވަނީ ވަގުތުޖެހުމުން ނަމާދުކުރުމަށްފަހު މަސައްކަތަށް އެނބުރި ދިއުމަށެވެ. ފަތިސްނަމާދުގެ ވަގުތުގައި ނުހޭލެވިއްޖެ މީހާއަށް އޮތީ ހޭލެވުމުން ފުރަތަމަކަށް ތާހިރުވެ ވުޟޫކޮށްގެން ފަތިސްނަމާދު ޤަޟާކުރުމެވެ. އިހުސުންނަތްވެސް ޤަޟާކުރުމާއިއެކުގައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ