އީރާނަށް ހަަމަލާދޭން ގުއާމްގެ އަސްކަރީ މަރުކަޒަށް ވުރެ އެެމެރިކާއަށް ހުރިހާ ގޮތަކުން ވެސް ފަސޭހަވީހީ ރާއްޖެއާ ޖެހިގެން އޮތް ފޯޅަވަހި ބޭނުންކުރުމެވެ. ނަމަވެސް ބީ-2 ހަނގުރާމަމަތީ މަތިންދާ ބޯޓުފަހަރުން އީރާނުގެ ބިމު އަޑީގެ ނިއުކްލިއަ މަރުކަޒަށް ހަމަލާދޭން އެމެރިކާއިން ހިޔާރުކުރީ އީރާނާ މާ ދުރުގައި އޮތް ގުއާމްގެ އަސްކަރީ ބޭހެވެ.
އީރާނުގެ ފޯޑޯ ނިއުކްލިއަ މަރުކަޒުގައި ޔޫރޭނިއަމް ފައްކާކުރާ ބައި ހަދާފައި ހުރީ ފަރުބަދައިން ފުރިފައި ހުރި ސަރަހައްދެއްގައި 80-90 މީޓަރު އަޑީގަ އެވެ. އެއީ ގާތްގަނޑަކަށް 30 ފޫޓުގެ ބޯ ބިޔަ ކޮންކްރީޓްގަނޑެއްގެ ވެސް ދަށުގަ އެވެ.
އެހާ ފުނުގައި ހުރި ތަނަކަށް ހަމަލާ ދެވޭވަރުގެ ގާބިލްކަން ލިބިފައި ވަނީ ހަމައެކަނި އެމެރިކާއަށެވެ. އެމެރިކާގެ ބިޔަ ބޮން ޖީބީޔޫ-57ގެ ބަރުދަން 13،600 ކިލޯއަށް ވުރެ މައްޗެވެ. އެވަރުގެ ބަރު ބޮމެއް ބޭނުންކޮށްގެން ހަމަލާދެވޭނެ ގާބިލްކަން ވެސް ލިބިފައި ވަނީ ހަމައެކަނި އެމެރިކާގެ ބީ-2 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓަށެވެ. މިއިން ބޯޓެއްގެ އަގު ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ. ރާޑަރުތަކަށް ނާރާ ދަތުރުކުރެ އެވެ.
އެމެރިކާގެ މިސޫރީގެ އަސްކަރީ ވައިގެ ބަނދަރުން އޭގެ ބޯޓުފަހަރު ފުރަތަމަ ގެންދިޔައީ ގުއާމްއަށެވެ. ހުޅަނގު ޕެސިފިކް ކަނޑުގައި އޮންނަ ގުއާމް އާއި އީރާނާ ދެމެދު 9،200 ކިލޯމީޓަރުގެ ރާސްތާއެއް ހިމެނެ އެވެ. ރޭގެ ހަމަލާގައި އެބޯޓުފަހަރު ދަތުރުކުރީ ވައިގެ މަގުން ތެޔޮ ވެސް އަޅަމުންނެވެ.
އެއާ ހިލާފަށް ފޯޅަވަހި ބޭނުންކުރި ނަމަ އެ ދުރުމިން ދެ ގުނައަށް ކުޑަވެ އެވެ. ފޯޅަވައްސާއި އީރާނާ ދެމެދު ހުރީ ގާތްގަނޑަކަށް 4،200 ކިލޯމީޓަރެވެ.
އީރާނަށް ހަމަލާދޭން ބޭނުންކުރާ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު، އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ވެސް އެ ގައުމުން އޮތީ ދީފަ އެވެ. އެ ދުވަސްވަރު ރާއްޖޭގެ ބައެއް މީހުން ވެސް ސޯޝަލް މީޑިއާގައި އެކަން ބޮޑުކޮށްލި އެވެ. ދެން އީރާނުގެ މިސައިލްތައް ދާނީ ރާއްޖޭގެ މަތިން ކަމަށް ބުނެ ވާހަކަތައް ފެތުރި އެވެ.
ފޯޅަވައްސަކީ އިނގިރޭސި ވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައި އޮތް ތަނެކެވެ. އެހެންކަމުން ފޯޅަވަހީގެ އަސްކަރީ މަރުކަޒު ހަނގުރާމައެއްގައި ބޭނުންކުރާ ނަމަ އިނގިރޭސި ވިލާތުގެ ހުއްދަ ލިބެން ޖެހެ އެވެ. އެ ހުއްދައަށް އެމެރިކާއިން އެދި އަދި އިނގިރޭސި ވިލާތުން ދިން ނަމަ، އީރާނުން ދެކޭނީ އެއީ ހަމަލާގައި އިނގިރޭސިން ވެސް ބައިވެރިވުމެއްގެ ގޮތުގަ އެވެ.
މި ވަގުތު އިނގިރޭސި ވިލާތަށް ހަމަޖެހުމެއްގެ ނޭވާއެއް ލެވިއްޖެ އެވެ. ހަމައެހެން ފޯޅަވައްސާ އެންމެ ކައިރީގައި އޮތް ގައުމުގެ ގޮތުން ރާއްޖެއަށް ވެސް އެއީ ރަނގަޅެކެވެ.
ނަމަވެސް އީރާނާ ދެކޮޅަށް އެމެރިކާއިން ދިން ހަމަލާތަކަށް އީރާނުން ދޭ ރައްދަކާ އެކު މަސްރަހު އިތުރަށް ގޯސްވުން ކައިރި އެވެ. އެހާ ހިސާބުން ދެން ކަންތައް ބަދަލުވާނެ ގޮތް ލަފާކުރާކަށް އަދި ނޭނގެ އެވެ.
އީރާނަށް ހަމަލާދޭން ފޯޅަވަހި ބޭނުންނުކުރުމަކީ އިނގިރޭސި ވިލާތަށް ނޭވާއެއް ލެވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ