ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް "ހާޖީ އެމްވީ"ގެ ނަމުގައި ޚާއްސަ އެޕެއް!

ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް "ހާޖީ އެމްވީ"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން މިއަދު ޚާއްސަ އެޕެއް ތައާރަފުކޮށްފިއެވެ. މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރު ޙަސަންއެވެ. އެ އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި، ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ކުރިއަށް އޮތް ތަނުގައި ފޯނު އެކަނި ބޭނުންކޮށްގެން ދީނީ ތަފާތު މައުލޫމާތު ހޯދޭނެއެވެ. މިއީ އުމްރާވެރިންނާއި ހައްޖާޖީންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެކެވެ. ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް 'ހާޖީ އެމްވީ' ނަމުގައި ޚާއްސަ އެޕެއް ނެރެފި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހާޖީ އެމްވީ އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. އޭގެ އިތުރުން ޒިކުރުކުރުމާއި، ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެ ގޮތާއި، ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތައް އެ އެޕް މެދުވެރިކޮށް ލިބޭނެއެވެ. އަދި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް އެ އެޕް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި މިއަދު ނެރުނީ އެ އެޕްގެ ފުރަތަމަ ވާޝަންއެވެ. އެހެންކަމުން އެ އެޕް އިތުރަށް ތަރައްގީކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. https://x.com/MVIaffairs/status/1936740422459818129 މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެޕަލް އެޕް ސްޓޯއިން "ހާޖީ" އެޕް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ އެޕްގެ މަގުސަދަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. އަދި އެ އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ