އީރާނަށް ހަމަލާދޭން އެމެރިކާއިން 125އަށް ވުރެ ގިނަ މަތިންދާބޯޓު ބޭނުންކުރި

އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ރޭ އެމެރިކާއިން ދިން ހަމަލާތަކުގައި 125އަށް ވުރެ ގިނަ މަތިންދާބޯޓު ބޭނުންކުރި ކަމަށް ޕެންޓަގަންއިން މިރޭ ބުނެފި އެވެ.
އެމެރިކާގެ ބީ-2 ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އެޅި ބިޔަ ބޮންތަކުން އީރާނުގެ ބިމު އަޑީގެ ނިއުކްލިއަ މަރުކަޒު ފޯޑޯގައި ބޮޑު ހަ ލޯވަޅު އެޅިފައި ހުރި ތަން، ސެޓެލައިޓް ފޮޓޯތަކުން ފެނެ އެވެ. މުޅި ސަރަހައްދު އޮތީ ބުރައިގެން ދިޔަ ހިރަފުސްތަކުން ފުރިފަ އެވެ. އެއީ ބިމު އަޑީގައި އަޅާފައި އޮތް ގާތްގަނޑަކަށް 30 ފޫޓުގެ ބޯމިނުގެ ކޮންކްރީޓްގަނޑު ފުނޑުފުނޑުވެގެން ބުރި ހިރަފުސްތައް ކަމަށް ބެލެވެ އެވެ. 
އެކަމަކު 80-90 މީޓަރު އަޑީގައި ހުރި ޔޫރޭނިއަމް ފައްކާކުރާ މަރުކަޒަށް ސީދާ ލިބުނު ގެއްލުންތަކެއް ނޭނގެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޕެންޓަގަންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާއީ ވަޒީރު ޕީޓޭ ހެގްޒެތު ވިދާޅުވީ ރޭގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ފުނޑުފުނޑުކޮށްލެވިއްޖެ ކަމަށެވެ.
މި ހަމަލާތަކުގައި ބޭނުންކުރީ އެންމެ ބޮޑު ބޮން ޖީބީޔޫ-57 ބޮން އެކަންޏެއް ނޫނެވެ. ކަނޑު މަގުންނާއި ހަނގުރާމަމަތީ އެހެން މަތިންދާބޯޓުތަކުން ވެސް އެތައް މިސައިލެއް، އީރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް އަމާޒުކުރި އެވެ.
އެމެރިކާއިން ބުނީ ބީ-2 ބޯޓުފަހަރު ޕެސިފިކް ކަނޑުގައި އޮންނަ ގުއާމްއަށް ދަތުރުކުރި ކަން ދެއްކީ އޮޅުވާލަން ކަމަށެވެ. ޕެސިފިކް ކަނޑަށް މިސްރާބު ޖެހީ ވެސް އަސްލު ހަމަލާގައި ބައިވެރިވި ބޯޓުފަހަރުން ބައެކެވެ. އެ ބޯޓުތައް އީރާނަށް މިސްރާބު ޖެހީ ޕެސިފިކް ކަނޑު މަތިން އަނބުރާލައިފަ އެވެ. އެހެންކަމުން އެ ހުރިހާ ބޯޓުފަހަރެއް ވެސް ނައްޓާލީ އެމެރިކާގެ މިސޫރީ ވައިގެ ބަނދަރުންނެވެ.
މި ބޯޓުފަހަރާ އެކު ޖައްވުގައި އެ އެއްޗިއްސަށް ތެޔޮ އަޅާނެ ހާއްސަ މަތިންދާބޯޓުފަހަރާއި ފާރަވެރިންގެ ޒިންމާ ނެގި ބޯޓުތައް ވެސް ދަތުރުކުރި އެވެ.
ޕެންޓަގަންއިން ބުނީ މިއީ ބީ-2ގެ ބޯޓުފަހަރު ބޭނުންކޮށްގެން މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ.
ޖީބީޔޫ-57 ބޮމަކީ ބިމު އަޑީގެ ތަންތަނަށް ހަމަލާދޭން ތައްޔާރުކުރި އެންމެ ބޮޑު ބޮމެވެ. ބަރުދަނުގައި 13،600 ކިލޯ ހުންނަ މި ބޮން ބޭނުންކޮށްގެން ހަމަލޭ ދިނުމުގެ ގާބިލްކަން ލިބިފައި ވަނީ ވެސް ބީ-2 ބޯޓުފަހަރަށް އެކަންޏެވެ.
ޕެންޓަގަންއިން ބުނީ ޖީބީޔޫ-57ގެ 14 ބޮން، އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް އެޅި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ