ކުލަބު ވޯލްޑްކަޕް: އެތްލެޓިކޯ އަތުން ބަލިވި ނަމަވެސް، ބޮޓަފޯގޯ ދެވަނަ ބުރުން ޖާގަ ހޯދައިފި

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިރޭ އެތްލެޓިކޯ މެޑްރިޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ބޮޓަފޯގޯ އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި ބޮޓަފޯގޯ ކުޅުނު ފުރަތަމަ މެޗުގައި ސިއެޓަލް ސައުންޑާސް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، ދެވަނަ،މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ޔޫރަޕްގެ ޗެންޕިއަން ޕީއެސްޖީ،ބަލިކޮށްފައެވެ. އަދި އެތްލެޓިކޯގެ ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ޕީއެސްޖީ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ސިއެޓަލް ސައުންޑާސް ވަނީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑުން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ބޮޓަފޯގޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ބޮޓަފޯގޯގެ ކީޕަރު ޖޯން ވިކްޓަރ ވަނީ ދިފާއުކޮށްފައެވެ.
އެތްލެޓިކޯ މެޑްރިޑުން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އެންޓޮން ގްރިޒްމަން އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިއީ މިމުބާރާތުގައި ބްރެޒިލްގެ ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެތްލެޓިކޯ މެޑްރިޑްގެ ގްރިޒްމަން އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އެތްލެޓިކޯ މެޑްރިޑަށް ހަ ޕޮއިންޓް ލިބުނު ނަމަވެސް އެޓީމުން މުބާރާތް ނިންމާލީ ލަނޑުގެ ތަފާތުން ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި ބޮޓަފޯގޯއަށް ވެސް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ