މެދުއިރުމަތީގެ ހާލަތުން އިގްތިސާދަށް ކުރާ އަސަރުތައް އެބަ ބަލަން: ޒަމީރު

މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ސަރުކާރުން ފުޅާ ދާއިރާއެއްގައި ބަލަމުުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިޒްރޭލުން އީރާނަށް ހަފްތާއެއްހާ ދުވަސް ކުރިން ދިން ހަމަލާތަކާ ގުޅިގެން އެ ދެ ގައުމުގެ ދެމެދު ހަމަލާތައް ބަދަލުކޮށް، އެމެރިކާ އިން ވެސް ވަނީ އީރާނަށް ހަމަލާއެއް ދީފަ އެވެ. އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު މިއަދު ހެނދުނާ ޖެހެންދެން ބަންްދުކުރި އެވެ.
އެ ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރޭ ފަތިހު އިއުލާނުކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - ރޭ ފަތިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއި ކާބޯތަކެތި ލިބުން ކަށަވަރު ކުރުމާއި މުޅި މާލީ ނިޒާމުގެ ހަމަޖެހުމަށް ދިމާވެދާނެ ކަންކަން ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށެވެ.
ޒަމީރު ވިދާޅުވީ:
ބާޒާރުގެ އަގުތަކާއި ވިޔަފާރީގެ މުއާމަލާތްތަކަށް ކުރިމަތިވެދާނެ އުނދަގޫތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދޭ 
މިކަންކަން ބެލެހެއްޓުމަށް ގުޅުންހުރި މުއައްސަސާތަކާ އެކު ގުޅިގެން މަސައްކަތް ކުރަމުންދޭ
"ދިވެހިންގެ މަސްލަހަތު ރައްކާތެރިކުރުމަށާއި މިފަދަ ކަންކަމަށް ތައްޔާރުވެފައި ތިބުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެނގުން މުހިންމު - އިޒްރޭލާއި އީރާނުގެ ހަމަލާތަކުގެ އިތުރަށް، އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި އަދިވެސް ލާއިންސާނީ އަމަލުތައް ކުރިއަށް އެބަގެންދެ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުވެފަ އެވެ. އަދި ވައިގެ ދަތުރުފަތުރަށް އަސަރުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރުކޮށްފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ