ސެމްސަން ގެލެކްސީ އަންޕެކްޑް 2025 ގައި ޒެޑް ފޯލްޑް 7 އަދި ޒެޑް ފްލިޕް 7 ތައާރަފްކުރަނީ
ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އަންޕެކްޑް އިވެންޓް 2025 ޖުލައި ނުވައެއްގައި، ނިއުޔޯކްގެ ބްރޫކްލިންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާއިރު، މި އިވެންޓްގައި ސެމްސަންގެ އެންމެ ފަހުގެ ފޯލްޑަބަލް ސްމާޓްފޯނުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުންހުރި އުފެއްދުންތައް ތައާރަފްކުރާނެ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި މި އިވެންޓްގައި ތައާރަފްކުރާނެ ކަމަށް ބެލެވޭ މުހިންމު އުފެއްދުންތަކުގެ ތެރޭގައި ސެމްސަން ގެލެކްސީ ޒެޑް ފޯލްޑް-7 އަދި ގެލެކްސީ ޒެޑް ފްލިޕް-7 ހިމެނެއެވެ. ގެލެކްސީ ޒެޑް ފޯލްޑް-7 އަކީ މިހާތަނަށް އުފެއްދި އެންމެ ތުނި، އެންމެ ލުއި އަދި އެންމެ ކުރިއަރާފައިވާ ފޯލްޑަބަލް ފޯނު ކަމަށް ބެލެވެއެވެ. އަދި ގެލެކްސީ ޒެޑް ފްލިޕް-7 ގައި އެކްސިނޯސް 2500 އެސް.އޯ.ސީ ޗިޕްސެޓް ބޭނުންކުރާނެ ކަމަށް ވެސް ޚަބަރު ލިބެއެވެ. މީގެ އިތުރުން، އަގުހެޔޮ ގެލެކްސީ ޒެޑް ފްލިޕް އެފްއީ ވެސް ތައާރަފްކުރުމުގެ ފުރުސަތު އެބައޮތެވެ. ސްމާޓްފޯނުތަކުގެ އިތުރުން، ގެލެކްސީ ވޮޗް-8 ސީރީޒް ވެސް މި އިވެންޓްގައި ތައާރަފްކުރާނެ ކަމަށް ބެލެވެއެވެ. މި ސީރީޒްގައި ގެލެކްސީ ވޮޗް-8، ވޮޗް-8 ކްލެސިކް، އަދި ވޮޗް އަލްޓްރާ (2025) ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ސެމްސަންގް ގެލެކްސީ ބަޑްސް ކޯ ވެސް މި އިވެންޓްގައި ތައާރަފްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސެމްސަންގް އަންޕެކްޑް 2025 އިވެންޓް ލައިވްކޮށް ސެމްސަންގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބަލާލެވޭނެއެވެ. މި އިވެންޓްގައި ސެމްސަންގްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފީޗާސްތަކަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް ޓެކް ރިޕޯޓްތައް ބުނެއެވެ. ސެމްސަންގް އަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި، ޚާއްސަކޮށް ސްމާޓްފޯނު މާކެޓުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. ފޯލްޑަބަލް (ފަތްޖެހޭ) ސްމާޓްފޯނުތަކުގެ ބާޒާރުގައި ސެމްސަންގްއަކީ އެންމެ ފުރަތަމަ މި ޓެކްނޮލޮޖީ އާންމުންނާ ހަމައަށް ގެނެސްދިން އެއް ކުންފުނި ކަމުން، އެ ކުންފުނީގެ ޒެޑް ފޯލްޑް އަދި ޒެޑް ފްލިޕް ސީރީޒްއަކީ މި ދާއިރާގައި އެންމެ މަގުބޫލު އުފެއްދުންތަކެވެ. ނަމަވެސް، މިހާރު ގޫގުލް، ވަންޕްލަސް، އަދި ޗައިނާގެ އެހެން ކުންފުނިތަކުންވެސް ފޯލްޑަބަލް ފޯނުތައް ބާޒާރަށް ނެރެމުން އަންނާތީ، ސެމްސަންއަށް ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. މީގެ އިތުރުން، އެކުންފުނީގެ އެސް24 ސީރީޒްއާއެކު ތަޢާރަފްކުރި "ގެލެކްސީ އޭއައި" އަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ވާދަވެރިންނާ އެއް ހަމައެއްގައި ވާދަކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، މި އަންޕެކްޑް އިވެންޓަކީ ހަމައެކަނި އާ އުފެއްދުންތަކެއް ދައްކާލުމުގެ އިތުރުން، އެއީ ފޯލްޑަބަލް މާކެޓްގައި އެ ކުންފުނީގެ ހިއްސާ ދިފާއުކޮށް، އޭއައި ޓެކްނޮލޮޖީން އިތުރު ކުރިއެރުންތަކެއް ދެއްކުމަށް އެ ކުންފުނިން އަޅާނެ މުހިންމު ފިޔަވަޅުތަކެއް ފެނިގެންދާނެ ހަފްލާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ