އިސްރާއީލުން އެއްބަސްވުމާ ޚިލާފުވުމުން ޓްރަމްޕްގެ ނުރުހުން ހުތުރު ބަހުން

އީރާނާއި އިސްރާއިލުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާ މެދުވެރިވެގެން ހެދި އެއްބަސްވުމާ ދެ ގައުމުން ޚިލާފުވުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުރުހުން ފާޅުކުރައްވައި ވަރަށް ހުތުރު ބަހުން ވާހަކަދައްކަވައިފިއެވެ. މިމަހުގެ 13 ވަނަ ދުވަހު އިސްރާއީލުން ކުއްލި ގޮތަކަށް އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ކޮމާންޑަރުންނަށް އަމާޒުކޮށް ހަމަލާ ދިން ފަހުން ދެ ގައުމުން އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. އެ ހަމަލާތަކާ ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދިޔައީ އިސްރާއީލަށް އެއްބާރުލުންދީ، އިސްރާއީލުން ހަމަލާ ދެނީ އަމިއްލަ ދިފާއުގައި ކަމަށް ބުނަމުންނެވެ. އަދި އާދިއްތަ އެމެރިކާއިން އެ ހަމަލާތަކުގައި ބައިވެރިވެ، އީރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާ ދިނެވެ. އެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އިއްޔެ އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައެވެ. އެ ހަމަލާ ދިންތާ މާ ގިނައިރެއް ނުވެ ޓްރަމްޕް ވަނީ އިސްރާއީލާއި އީރާނުން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާކަން އިއުލާންކުރައްވައިފައެވެ. އެހެންނަމަވެސް، އޭގެ ފަހުން ވެސް އީރާނާއި އިސްރާއީލުން ވަނީ ހަމަލާތައް ބަދަލުކޮށްފައެވެ. އީރާނުގެ ވައިގެ ސަރަހައްދުގައި މިސައިލްތަކެއް: ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އިއުލާން ކުރި ފަހުން ވެސް ދެ ގައުމުން ހަމަލާ ބަދަލުކޮށްފައިވޭ -- ފޮޓޯ/ ރޮއިޓާސް އެ މައްސަލައާ ގުޅޭ ގޮތުން އެމެރިކާގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެ ދެ ގައުމަކީ ވަރުގަދައަށް ހަނގުރާމަ ކުރާތާ އެތައް ޒަމާނެއްވީ ދެ ގައުމު ކަމަށާއި މިހާރު ކުރެވޭނުކުރެވޭ ކަމެއް ވެސް ދެ ގައުމަށް ވެސް ނޭނގޭ ކަމަށެވެ. ޓްރަމްޕް އެފަދައިން ވިދާޅުވީ، ލައިވްކުރަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ހުތުރު ބަހެއް ވެސް ވިދާޅުވަމުންނެވެ. "އެއްބަސްވުން ހެދުމާއެކެ އިސްރާއީލުން ވަނީ ބޮންތަކެއް އަޅައިފައި، އަޅުގަނޑަށް މީގެ ކުރިން ފެނިފައިވެސް ނުވާ ވަރަށް ބޮން އަޅައިފައި، އެއީ މިހާތަނަށް އިސްރާއީލުން އެޅި އެންމެ ގިނަ ބޮން. އިސްރާއީލާ މެދު ހިތްހަމައެއް ނުޖެހޭ،" ޓްރަމްޕް ވިދާޅުވިއެވެ. އެއަށްފަހު ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތު'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިސްރާއީލަށް އިންޒާރެއް ވެސް ދެއްވައިފައެވެ. އެގޮތުން އިސްރާއިލުން ބޮން އަޅައިގެން ނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑަށް އެއްބަސްވުމާ ޚިލާފުވުން ކަމަށް ވިދާޅުވެފައިވެއެވެ. އިސްރާއީލުން ފަހުން ވަނީ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ޓްރަމްޕް ފޯނުން ވާހަކަދައްކަވައިފައިވާ ކަމަށާއި، އިސްރާއީލުން ހަމަލާ ނުދޭން ނިންމައިފައިވާ ކަމަށް އިއުލާންކޮށްފައެވެ. އިސްރާއީލާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގައި އެތައް ސަތޭކަ އާންމުން މަރުވެ، އެތައް ހާސް މީހުންނަށް އަނިޔާވެފައިވެއެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ފޫނުބެއްދޭ ގެއްލުމެއް މިހާތަނަށް ލިބިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ