ލޯންޗަކާއި ޑިންގީއެއް ޖެހި ތިން މީހަކަށް ފަރުވާދެނީ

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށާއި އެކްސިޑެންޓުވި ޑިންގީ ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވާގޮތުން މި އެކްސިޑެންޓު ހިނގީ ޅ. މަޑުއްވަރީ އެއާޕޯޓާ ދިމާ ކަނޑުމަތިންނެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8:26 ހާއިރު ކަމަށް ބުންޏެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި:
އަނިޔާވި ތިން މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެ ހާދިސާއަށް ފަހު ވަނީ ގެއްލިފައި؛ ބެލެވެނީ އަޑިއަށް ދިޔައީ ކަމަށް
ޑިންގީ ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް ފެނިފައެއް ނުވޭ
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނިނަމަވެސް، އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެެވެ. 
އެނގުން މުހިންމު - ޅ. އަތޮޅުގައި ޑިންގީއަކާއި ލޯންޗެއް ޖެހި މިދިޔަ މޭ މަސްތެރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވެއެވެ. އެ އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވިއިރު ޑިންގީ ވެސް ބޭނުންނުކުރެވޭ ވަަރަށް ހަލާކުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ