ޕެރިސް (ޖޫން 25) - ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން، އެ ގައުމުގެ މަޝްހޫރު ކްލަބް، ލިޔޯން، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލަން ނިންމައިފި އެވެ.
ދަރަނި މައްސަލަތައް ހައްލުނުކޮށްފިނަމަ، މި ސީޒަން ނިމުމުން ފްރާންސްގެ ދެ ވަނަ ޑިވިޝަނަށް ލިޔޯން ރެލިގޭޓްކޮށްލާނެ ކަމަށް މިދިޔަ ނޮވެމްބަރު މަހު، ޑީއެންޖީސީން ވަނީ ލިޔޯނަށް އަންގައިފަ އެވެ. ލިޔޯނުގެ އޮފިޝަލުން އިއްޔެ ވަނީ ޑީއެންޖީސީއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެކަމަކު، އެ ބައްދަލުވުމުގައި، އެ ކްލަބްގެ މާލީ ހާލަތު ކަނޑައެޅިފައިވާ ގަވާއިދުގެ ތެރެއިން ކުރިއަށްދާކަން ޔަގީންކޮށްދެވިފައިނުވެ އެވެ. އަދި، އެކަންކަން ރަނގަޅުކުރަން ދިން މުއްދަތުގައި ވެސް އަމަލުކޮށްފައިނުވާތީ، ޑީއެންޖީސީން ގޮތެއް ނިންމީ އެެވެ.
މިދިޔަ އޮކްޓޫބަރު މަހު، ލިޔޯން، ހިންގަމުން އަންނަ، އީގަލް ފުޓްބޯލް ގްރޫޕުން ވަނީ 500 މިލިއަން ޑޮލަރުގެ ދަރަނި އޮތް ކަމަށް ބުނެ، އެ ކުންފުނީގެ މާލީ ރިޕޯޓް އާންމުކޮށްފަ އެެވެ. ލިޔޯނުގެ 77 ޕަސެންޓް ހިއްސާ އޮތް އީގަލް ފުޓްބޯލް ގްރޫޕްގެ އަތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އާއި ބްރެޒިލްގެ ބޮޓަފޯގޯގައި ވެސް ހިއްސާ އޮވެ އެވެ.
ލިޔޯން، ރެލިގޭޓްކޮށްލުމަކީ، ކްރިސްޓަލް ޕެލަސް އަށް ފައިދާ އޮތް ކަމެކެވެ. އެއީ، މި ދެ ޓީމު ވެސް ޔޫރޮޕާ ލީގަށް ކޮލިފައިވެފައިވާއިރު، އެއް މެނޭޖްމަންޓުން ހިންގާ ދެ ކްލަބަކަށް ޔޫރަޕްގެ އެއް މުބާރާތެއްގައި ނުކުޅެވޭ ގޮތަށް ގަވާއިދު އޮންނާތީވެ، އޭގެ ތެރެއަށް ފެތުމަށް ޕެލަސް އިން ކުރާ މަސައްކަތުގައި އަލި މަގެއް ނުފެނި އޮއްވައި، ލިޔޯނަށް މި ފިޔަވަޅު އައުމުންނެވެ. އެކަމަކު، އީގަލް ފުޓްބޯލް ގްރޫޕުން އަންނަނީ، ޕެލަސްގައި އޮތް އެ ކުންފުނީގެ ހިއްސާ ވިއްކާލުމުގެ މަޝްވަރާތައް ކުރަމުންނެވެ.
ފްރާންސްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ލިޔޯނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެހިޖެހިގެން ދެ އަހަރު އެ ކްލަބުން ރަނގަޅަށް ހިންގައި، ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވެފައި އޮއްވައި، އެޑްމިނިސްޓްރޭޓިވް ވަކި ކަންކަމަކަށް ބަލައި، އެ ކްލަބް ރެލިގޭޓްކޮށްލުން ބަލައިނުގަނެވޭ ކަމަށެވެ. އަދި، އެ ޓީމާ މެދު މި އެޅި ފިޔަވަޅާ ދެކޮޅަށް އެޕީލް ކުރާނެ ކަމަށް ލިޔޯނުން ވަނީ ބުނެފަ އެވެ.
ދަރަނީގެ މައްސަލަ ހައްލުނުވުމުން ލިޔޯން ރެލިގޭޓް ކޮށްލައިފި ދަރަނީގެ މައްސަލަ ހައްލުނުވުމުން ލިޔޯން ރެލިގޭޓް ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ