ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވީ ހާއްސަ މަގާމެއް ދޭ ގޮތަށް ނުވަތަ ވަކި ކަމެއް ކުރަން އެއްބަސްވެގެން "ޑީލް"އެއްގެ ދަށުން ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީއަށް މިދިޔަ ރިޔާސީ އިންތިހާބު ގެއްލުމުގެ އެއް ސަބަބު ކަމުގައިވާ ނަޝީދު މިދިޔަ ހޯމަ ދުވަހު އަލުން އެ ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ. ނަޝީދު ގުޅިވަޑައިގަތުމުގެ ކުރިން ފައްޔާޒުއާ އެކު މަޝްވަރާތަކެއް ދިޔަ އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، ނަޝީދު އަލުން ޕާޓީއާ ގުޅިވަޑައިގެންނެވީ ފައްޔާޒުއާ އެކު ހެއްދެވި "ޑީލްއެއް"ގެ ދަށުންނެވެ.
އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - " އަނބުރާ ރައީސް ނަޝީދު އަދި ރައީސް ނަޝީދާ އެކު ތިއްބެވި ބޭފުޅުން ވަޑައިގަތުމުގެ އެންމެ ބޮޑު ސަބަބަކީ އަދި ބޭނުމަކީ ހަމަ ގައުމު މިދާ މިސްރާބުގެ މައްސަލަ. ބަދަލުކުރެވޭނީ، ގިނަ ރައްޔިތުންނަށް ގަބޫލު ކުރެވެނީ، އެ މިސްރާބު ބަދަލުކުރެވޭނީ އެމްޑީޕީ އާއި އެ ބޭފުޅުން [ޑިމޮކްރެޓްސް މެންބަރުން] އެއްކޮށް ވަރުގަދަވެގެންނޭ،" ނަޝީދު އަލުން ގުޅިވަޑައިގެންނެވި ސަބަބު ސާފުކޮށްދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.
"ހަމަ ގައުމު ސަލާމަތް ކުރުން އެންމެ ބޮޑު ބޭނުމަކ.ީ.. ތިބޭފުޅުން ވިދާޅުވާ ގޮތަށް ޑީލްއެއް ހެދިގެން ނޫން ރައީސް ނަޝީދު ވަޑައިގެންނެވީ."
ތަފްސީލު - ފައްޔާޒު ވިދާޅުވި ގޮތުގައި، ނަޝީދާ އެކު ޑިމޮކްރެޓްސް އުފެއްދެވި ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގަތުމުން ޕާޓީއަށް ވަރަށް ބޮޑު ހީނަރުކަމެއް އަ އެވެެ. އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ގަބޫލު ކުރެވޭ ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ގޭތެރެއިން ބައެއް ގެލިގެން ދިޔައިމަ އެ އަންނަ ގޮންޖެހުން ހުންނާނެ. ޗެއާޕާސަން އައިއިރު ވެސް ދުވަހަކު ވެސް ހިތަށްއެރި ކަމެއް ނޫން އެއީ [ނަޝީދު ޕާޓީން ވަކިވުން]،" ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދު ހުންނަވާނީ ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައިތޯ ނުވަތަ އެ މަނިކުފާނަށް މަގާމެއް ދޭނީތޯ އެހުމުން ފައްޔާޒު ވިދާޅުވ އެފަދަ ގޮތަކަށް އަދި އެއްވެސް ކަހަލަ މަޝްވަރާއެއް ނުވަތަ ކަމެއް ހަމަޖެހިފައި ނުވާ ކަމަށެވެ.
"ރައީސް ނަޝީދަކީ ވަރަށް ތަޖުރިބާކާރު އަދި މި ޕާޓީގެ މެންބަރުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް އޮތް ބޭފުޅެއް އަދި މި ހިނގައިދިޔަ ކަންކަމުގައި ނުރުހުން އޮތް ބޭފުޅުން ވެސް އެބަތިބި. އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ރައީސް ނަޝީދުގެ ލަފަ އާއި އިރުޝާދު ހޯދާނަން،" ފައްޔާޒު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ޕާޓީގެ ރަސްމީ މަގާމެއް ރައީސް ނަޝީދު އަދި ހުންނަވާނެ ކަމުގެ އިޝާރާތެއް އަޅުގަނޑުމެންނަކަށް ނެތް."
އެއާ އެކު، ފައްޔާޒު ވިދާޅުވީ "ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭނގޭ" ކަމަށާއި މިވަގުތު ނަޝީދު ހުންނެވީ ބައިނަލްއަގުވާމީ ތިމާވެއްޓާ ބެހޭ ޖަމިއްޔާ، ސީވީއެފްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ކަމަށެވެ.
ނަޝީދު އަބަދު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ އެއް ކަމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ. އެކަން ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެ މަނިކުފާނު ދިޔައީ މީގެ ކުރިން ގޮވާއްލަވަމުންނެވެ.
އެފަދަ ކަމަކަށް ނުވަތަ ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ތާއީދު ކުރުމަށް އެއްބަސްވެފައިވާނެތޯ އެހުމުން ފައްޔާޒު ވިދާޅުވީ ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ "އެފަދަ އެއްވެސް ވާހަކައެއް ދެކެވިގެން ނޫން" ކަމަށެވެ.
"އަބަދު ވެސް ނިޒާމީ ވާހަކައަކީ ރައީސް ނަޝީދު ހުންނަވާ ތަނެއްވިއްޔާ ދައްކަވާ ވާހަކައެއް. އެކަމަކު އަޅުގަނޑުމެންނާ ގުޅުމުގައި އެކަހަލަ އެއްވެސް ޝަރުތެއް، އެއްވެސް ކަމެއް ކޮށްގެން ނޫން [ގުޅުނީ]،" ފައްޔާޒު ވިދާޅުވި އެވެ.
"އެމްޑީޕީ ރިޔާސީ ރޭހުގައި އެއްވެސް ބޭފުޅަކަށް ތާއީދު ކުރުމަށް ނުވަތަ ތާއީދު ހޯއްދެވުމަށް އަދި ރައީސް ނަޝީދު އެކަމުގައި ބައިވެރިވާނެ ކަމަށް، އެކަހަލަ ވާހަކައެއް ވެސް ނުދެކެވޭ."
ނަޝީދު އެމްޑީޕީއާ ގުޅުނީ މަގާމެއް ދޭ ގޮތަށް އަދި 'ޑީލެއްގެ' ދަށަކުން ނޫން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ