ސިނާން ދަރަނި ދެއްކީ ގޮނޑީގެ މައްސަލަ ހުށަހެޅި ދުވަހު، މައްސަލަ ހުކުމާ ހަމައަށް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ދެއްކީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހުކަން މިއަދު އެ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ބުނެފިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ 13 ގައެވެ. ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ އޭނާއާއި ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމް ބައިވެރިވެގެން ނެގި ލޯނެއްގެ ފައިސާ ދައްކާފައިނުވާތީއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި އެ މައްސަލައިގައިވަނީ އެމްއައިބީން ނަގައިފައިވާ ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން އެ ތިން މީހުން އެ ބޭންކަށް 2.52 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ފެސިލިޓީގެ ބާކީގައި ހުރި 2.44 މިލިއަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 75،789.01 ރުފިޔާއެވެ. އެހެންވެ، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާ އެކު ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް އެމްއައިބީއަށް ދައްކަމުން ގޮސް އެ ފައިސާ ޚަލާސްކުރަން ވަނީ އަންގައިފައެވެ. އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯންޏާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވެއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުން އެނގުނު ގޮތުގައި އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން އެދި ފެބްރުއަރީ 13ގައި މައްސަލަ ހުށަހެޅުމުން، ހަމަ އެ ދުވަހު އެ ފައިސާ ވަނީ އެއްކޮށް ދައްކާ ޚަލާސްކޮށްފައެވެ. https://sun.mv/202551 އެހެންވެ، އެ ހުކުމް ތަންފީޒުކުރަން ހިތަދޫ ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ ވެސް ކުރިއަށް ނުގެންދަން ވަނީ ނިންމައިފައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ޣާލިބު ސަލީމްގެ ވަކީލު އިބްރާހިމް ޝިޔާމް މިއަދު ވިދާޅުވީ، ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް ވަކި ވަރެއް ދައްކަންޖެހޭ ކަމަށް ހުކުމުގައިވާތީ، ހުކުމާ އެއްގޮތަށް ދަރަނި ދައްކާފައިނުވާކަން ސާފުކޮށް އެނގޭ ކަމަށެވެ. އެ ގޮތުން، ހުކުމްކުރިތާ ތިން މަސްވީއިރު ވެސް އެ ފައިސާ ދައްކާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު، ސިނާންގެ ވަކީލު މޫސާ އަލީމް ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ހުކުމް އިއްވީ ގައިރުހާޒިރުގައި ކަމަށާއި އެ ހުކުމް އިއްވިކަން ނޭނގޭ ކަމަށެވެ. އެ ގޮތުން، އެ މައްސަލައިގައި ސިނާންގެ ފަރާތުން ވަކާލާތުކުރެއްވި ގާނޫނީ ވަކީލު މައްސަލައިން ތަނާޒުލުވީ އެންގުމަކައިނުލާ ކަމަށާއި އެ ހުކުމްކުރިކަން އެނގުނީ ވެސް ތަންފީޒީ މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވެސް ވަނީ އެ ފައިސާ މިހާރު އަމިއްލަ އިޚުތިޔާރުގައި ދައްކައި ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ފައިސާ ދެއްކީ ހަ މަހުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށާއި އެހެންވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވާ ކަމަށް އޭނާ ވަކާލާތުކުރެއްވިއެވެ. https://sun.mv/203476 ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު ޝަރީއަތުން ބުނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކަމަށެވެ. ގާނޫނުއަސާސީގައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުން ހިމަނާފައިވެއެވެ. އެހެންވެ، ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން ހުށަހެޅީ ޣާލިބު ސަލީމް ކިޔާ މީހެކެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމުން މި މައްސަލަ ދިގުލައިގެންދިޔައެވެ. އެކަމަކު، ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާދެއްވިއިރު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު ވަނީ މަގާމުން ވަކިކޮށްފައެވެ. އެހެންވެ، އެ ބޭފުޅުންގެ ބަދަލުގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި، އަބްދުﷲ ހަމީދު ވަނީ އައްޔަންކުރައްވައިފައެވެ. އެ ކޯޓުގައި ސިނާންގެ ގޮނޑިއާ ގުޅޭ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ސުޖޫންއާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ