ތިނަދޫ މޭޔަރާއި ޑެޕިޔުޓީ ސަސްޕެންޑުކުރުން އެމްޑީޕީ އިން ކުށްވެރިކޮށްފި

ތިނަދޫ ސިޓީ ކައުންސިލްއަށް ތުހުމަތުވާ ސީރިއަސް ކަންތައްތަކެއް ބެލުމަށް ފަހު، އެ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ނިންމި ނިންމުން އިދިކޮޅު އެމްޑީޕީ އިން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ -އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތިނަދޫ ކައުންސިލަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން އެލްޖީއޭއިން ހާމަކޮށްފައިވަނީ، މިއަދު އެ އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ތަފްސީލް - އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެލްޖީއޭ އިން ނިންމި ނިންމުމަކީ އަންނަ އަހަރު އޮންނަ ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ތިނަދޫ ކައުންސިލްގެ އަގު ވައްޓާލުމަށް ކުރި ކަމެއް ކަމަށެވެ.
އެ ޕާޓީ އިން ބުނި ގޮތުގައި މިއީ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރު ކަނޑުވާލަން ވެރިކަން ކުރާ ޕީއެންސީ އިން ކޮށްފައިވާ ކަމެކެވެ. އަދި މިއީ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ ބޭނުންވާ ގޮތަށް ކައުންސިލުން ކަންތައް ނުކުރާތީ، އެލްޖީއޭ އަށް ހުށަހެޅި ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.
ކައުންސިލަރުން ސަސްޕެންޑު ކުރީ އަވަސް އަރުވާލައިގެން ކަމަށާއި، ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭ އިން އަންގާފައި ނެތް ކަމަށް ވެސް ތިނަދޫ ކައުންސިލާ ހަވާލާދީ އެމްޑީޕީ އިން ބުންޏެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވާލަން ކަމަށާއި މިއީ ބާރުތައް މަރުކަޒު ކުރުމަށް ސަރުކާރުން ކުރާ މަސައްތަށް އިތުރުވި ބޮޅެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެ ޕާޓީ އިން ބުނީ، ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ސަރުކާރުން އަޅާ ހުރަސްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް  މަސައްކަތް ކުރާނެ ކަމަށެވެ. 
ގުޅުން ހުރި - މިއަދު އެލްޖީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރު ސަސްޕެންޑު ކުރީ ސިޓީ ކައުންސިލްއަށް ތުހުމަތުވާ ސީރިއަސް ކަންތައްތަކެއް ބެލުމަށް ފަހު މައްސަލަތައް ބަލާ އެކުލަވާލި ތަހުގީގު ރިޕޯޓަށް ފަހު ކަމަށެވެ. 
އެ މައްސަލައިގައި ރިޕޯޓް ތައްޔާރުކޮށްފައިވަނީ ޖުމްލަ 19 ކަމެއްގެ މައްޗަށް ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ދައުލަތުގެ އިދާރާތަކުން، ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ
ތިނަދޫއިން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000ރ. ގެ ފީއެއް ނަގާ މައްސަލަ
އެ ފީ ނެގުން ހުއްޓާލުމަށް އެލްޖީއޭއިން އެންގުމުން އެ އަށް އަމަލު ނުކުރާ މައްސަލަ
އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ
އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރާ މައްސަލަ
ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދޭ މައްސަލަ
އެންޓި ކޮްރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަކަށް އެއްބާރުލުން ނުދިން މައްސަލަ
ކައުންސިލުގެ އޮފިޝަލުން ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ
200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރާ މައްސަލަ
ރަށުން ދޫކުރި ފްލެޓްތަކަށް ވަޅު ފެން ނުލިބޭތީވެ، އެކަމާ ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލްގެ މޭޔަރާ ބައްދަލު ކުރަން އެދުމުން ބައްދަލު ނުކުރި މައްސަލަ
މޭޔަރަށް ތުހުމަތުވާ އެހެން ޝަކުވާތަކުގެ ތެރޭގައި ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ ސައުދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ ވެސް ހިމެނޭ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. 
ތިނަދޫއަށް ސިޓީގެ ދަރަޖަ ނުލިބެނީސް ވެސް ސިޓީ ކައުންސިލްގެ މެންބަރަަކަށް ލިބޭ މުސާރަ އާއި އިނާޔަތްތައް އެ މެންބަރުން ނެގި ކަމަށް ބުނާ މައްސަލަ ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ