ސީމަނުން ފުރައްސާރައިން އެއްކިބާކުރަން މެރިޓައިމް އޮތޯރިޓީތަކުން އިސް ދައުރެއް އަދާކުރަންޖެހޭ: އަމީން
ސީމަނުން ފުރައްސާރައިން އެއްކިބާކުރުމަށް ޓަކައި މެރިޓައިމް އޮތޯރިޓީތަކުން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސީފެއަރާސް ދުވަހާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ޚިތާބެއްގައެވެ. މި އަހަރުގެ ސީފެއަރާ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މައި ހެރޭސްމަންޓް ފްރީ ޝިޕް" ނުވަތަ "ފުރައްސާރައިން އެއްކިބާވެފައިވާ އަހަރެންގެ އުޅަނދު"އެވެ. ސީމަނުންނަކީ ދުނިޔޭގެ އިގުތިސާދު ކުރިޔަށް ގެންދިއުމަށް ޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، ބުރަ މަސައްކަތްތަކެއް ކުރާ ބައެއްކަން އަމީންވަނީ ފާހަގަ ކުރައްވައިފައެވެ. އަމީން ވިދާޅުވި ގޮތުގައި ކަނޑުދަތުރުފަތުރު ދާއިރާ ވަރަށް ޚާއްސައެވެ. އެކަހެރި އަދި ބަންދު މާހައުލެއްގައި އެ މީހުން އާއިލާތަކާއި ގެދޮރާއި ދުރުގައި އެތައް ދުވަސްތަކެއް ބުރަ މަސައްކަތުގައި ހޭދަ ކުރެއެވެ. އެއާއެކު އެކުވެރިކަމާއި އެހީތެރިކަމާއި އަޅައިލުން ލިބޭ މަސައްކަތުގެ މާހައުލެއްގެ މުހިންމު ކަމުގެ މައްޗަށް އަމީންވަނީ އަލިއަޅުއްވާލައްވައިފައެެވެ. އެ ގޮތުން ފުރައްސާއިން އެ މީހުން އެއްކިބާނުވާނަމަ، އެ މީހުންގެ އިތުރުން، އެހެން ފަރުދުންނަށް ވެސް ދިގުދެމިގެންދާ ގެއްލުންތައް ލިބޭނެކަން އޭނާ ފާހަގަ ކުރައްވާއިފައިވެއެވެ. "ފުރައްސާރަ ކުރުން، އެއީ ކޮންމެ ބާވަތެއްގެ ފުރައްސާރައެއް ކަމުގައި ވިޔަސް، އަނގަބަހުން ކުރާ ފުރައްސާރަ، ޖިސްމާނީ ފުރައްސާރަ، ނުވަތަ ޖިންސީ ފުރައްސާރަ، މިއިން ކޮންމެ ކަމަކުން ވެސް ހިތްވަރު ގެއްލު ރައްކާތެރިކަމަށް ނުރައްކާވެ، އަދި ފަރުދުންނަށް ދެމިގެންދާ ގެއްލުން ލިބެއެވެ. މިއީ އިންސާނީ ކަތާމާތަށް ކުރެވޭ ފުރައްސާރަައެކެވެ. އަދި ކަނޑުދަތުރުފަތުރުގެ ޕްރޮފެޝަނަލިޒަމްގެ އަސްލަށް ކުރިމަތިވާ ނުރައްކަލެކެވެ،" އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވި ގޮތުގައި ފުރައްސާރައިން އެއްކިބާވެފައިވާ އުޅަނދެއް ޔަގީން ކުރުމަކީ ހަމަ އެކަނި އަޚުލާގީ ގޮތުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނަމަ އެ މީހުންގެ އުފެއްދުންތެރިކަން އިތުރުވެ، ސަމާޅުކަން ބޮޑުވެ، އަދި އެ މީހުންގެ މަސައްކަތުގެ ގޮންޖެހުންތަކާ ކުރިމަތިލިމަށް ރަނގަޅަށް ތައްޔާރުވެފައި ތިބޭނެ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އިތުރަށް ވިދާޅުވީ ފުރައްސާރައިން އެއެކިބާވެފައިވާ އުޅަނދެއްގެ ޝިއާރަކީ ހަމައެކަނި ރާއްޖެއަށް އަމާޒުކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ. އެ ގޮތުން ކުންފުނިތަކާއި ބަނދަަރުތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި މެރިޓައިމް އޮތޯރިޓީތަކުން ވެސް މި މަސައްކަތުގައި އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ސީފެއަރާސް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ 25ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ