މުސްލިމުންގެ އަދުއްވުންނާ ދެކޮޅަށް އެއްބައިވެ، ދީން މަތިވެރިކުރަން ސިޔާމް އިލްތިމާސްކުރައްވައިފި
މުސްލިމުންގެ އަދުއްވުންނާ ދެކޮޅަށް އެއްބައިވެ، އިސްލާމްދީން މަތިވެރިކުރުމަށް މަސައްކަތް ކުރުމަށް އެންމެހާ ދިވެހީންނަށް، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ. ހިޖުރީ އައު އަހަރުގެ ތަހުނިޔާ ދިވެހީންނާއި، އެންމެހާ މުސްލިމުންނަށް ފޮނުއްވައި ސިޔާމް ނެރުއްވި ޚިޠާބުގައި ވިދާޅުވީ، މިއަދު، ދުނިޔޭގައި މުސްލިމުންގެ އަދަދު ގިނަ ނަމަވެސް މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ. ޚާއްސަކޮށް ދީނަށް ނަފްރަތުކުރާ އަދުއްވުން އަޑީގައި ތިބެ، އިސްލާމްދީނުގެ އުސޫލުތައް މުގުރާލައި، ފިތުރަތުގެ ގާނޫނާ ޚިލާފަށް ހަރާމް ކަންކަން ހަލާލުކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ލާދީީނީ ފިކުރުތައް ފަތުރައި، ދީނީ އިލްމުވެރިންނަށް ބަދުބަސް ބުނެ އަނިޔާކޮށް، ހަރުކަށިކަމުގެ ޓެގު އިލްމުވެރިންގެ ބޮލުގައި އެޅުވުމަށް މަސައްކަތްކުރާ ބަޔަކު މިއަދު ވެސް އުޅޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއާއެކު އެ މަނިކުފާނު ވަނީ އެ ފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެންމެން އެއްބައިވެ މަސައްކަތް ކުރުމަށް ގޮވައިލައްވައިފައެވެ. އެ މަނިކުފާނު ވަނީ އިލްތިމާސަކީ މި ފެށުނު ހިޖުރީ އައު އަހަރާއެކު ހުރިހާ ރައްޔިތުން ވެސް އިސްލާމްދީން މަތިވެރިކުރުމަށް މަސައްކަތްކޮށް، ދީނީ އަޅުކަންތައް އަދައިކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުން ކަމަށެވެ. ޚާއްސަކޮށް ފަރުޟު ނަމާދުތަކަށް ރައްކާތެރިވެ، ގުރުއާން ކިޔަވައި، ޒަކާތްދީ، ސަދަޤާތްކުރުމަށް ވަސިއްޔަތް ކުރެއްވިއެވެ. ހިޖުރައިގެ ފިލާވަޅުތަކަށް އަލިއަޅުއްވައިލައްވަމުން ސިޔާމް ވިދާޅުވީ، ކީރިތި ރަސޫލާގެ ހިޖުރައަކީ، ސަބަބުތަކުގައި ހިފައި، ކޮންމެ ކަމެއް ވެސް މާތްﷲއާ ވަކީލުކުރުމުގެ މުހިންމުކަން ދަސްކޮށްދޭ މުހިންމު ފިލާވަޅެއް ކަމަށެވެ. އަދި ކިތަންމެ އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެކަން ދަސްކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. މި ޚިޠާބުގައި ވެސް ސިޔާމް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލުން އެ މީހުން ސަލާމަތްކޮށްދިނުމަށް އެދި ގިނަގިނައިން ދުއާކުރުމަށް ސިޔާމް އިލްތިމާސްކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ މި ފެށުނު ހިޖުރީ އައު އަހަރަކީ، ނިމުނު ހިޖުރީ އަހަރަށްވުރެ ހުރިހާ ގޮތަކުން ވެސް ފާގަތި، އުފާވެރި، އަދި ނިއުމަތްތަކުން ފުރިގެންވާ އަހަރެއް ކަމުގައި ލެއްވުން އެދި ދުއާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ