މެދުއިރުމަތީގައި އުޅޭ ދިވެހިންގެ ހާލަތު ގާތުން އެބަ ބަލަން: ހަލީލް

މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވެ، މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިޒްރޭލުން އީރާނަށް ހަފްތާއެއްހާ ދުވަސް ކުރިން ދިން ހަމަލާތަކާ ގުޅިގެން އެ ދެ ގައުމުގެ ދެމެދު ހަމަލާތައް ބަދަލުކޮށް، އެމެރިކާ އިން ވެސް ވަނީ އީރާނަށް ހަމަލާއެއް ދީފަ އެވެ. އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު މިއަދު ހެނދުނާ ޖެހެންދެން ބަންްދުކުރި އެވެ.
އެ ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރޭ ފަތިހު އިއުލާނުކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - ރޭ ފަތިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މެދުއިރުމަތީގެ ހާލަތު ގޯސްވަމުންދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފޮރިން މިނިސްޓްރީން ވަރަށް ބޮޑަށް ސަމާލުކަން ދެމުން އަންނަ ކަމަށެވެ.
"... [އެ] ގައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި އެ ގައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން،" ހަލީލްގެ ޕޯސްޓުގައިވެ އެވެ.
އެނގުން މުހިންމު - އިޒްރޭލާއި އީރާނުގެ ހަމަލާތަކުގެ އިތުރަށް، އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި އަދިވެސް ލާއިންސާނީ އަމަލުތައް ކުރިއަށް އެބަގެންދެ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުވެފަ އެވެ. އަދި ވައިގެ ދަތުރުފަތުރަށް އަސަރުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރުކޮށްފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ