ސަރުކާރުން މަސައްކަތްކުރަނީ ސްކޫލް ނިންމާ މަރުހަލާއަކީ އޭ ލެވެލް ކަމަށް ހެދުން: މިނިސްޓަރު ޝަފީއު

މި ސަރުކާރުގެ ވިސްނުމަކީ މި ރިޔާސީ ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިއަށް ކޮންމެ ދަރިވަރަކު ވެސް ސްކޫލް ނިންމާ މަރުހަލާއަކީ އޭ ލެވެލްއަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަފީއު މިގޮތަށް ވިދާޅުވީ 2022 އާއި 2023ގެ އޯ ލެވެލް އާއި އޭ ލެވަލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ޝޯޝަލް ސެންޓަރުގައި ތިން ދަންފަޅިއަކަށް ބަހާލައިގެން ބާއްވަމުން ގެންދާ 'އަރުތަވެރިންގެ އިނާމް 2024'ގެ މިރޭގެ ދަންފަޅި ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - އޭ ލެވެލްގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރަން ސަރުކާރުން މިދިޔަ އަހަރު ދެ ނިންމުމެއް ނިންމި ކަން، މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ:
އަތޮޅުތެރޭގެ 23 ސްކޫލެއްގައި މިދިޔަ އަހަރު އަލަށް އޭ ލެވެލް ކިޔަވައިދޭން ފެށުން
ދެ މާއްދާއިން ފާސްވިޔަސް އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ދިނުން
މި ދެ ނިންމުން ހިމެނޭ ގޮތަށް ސަރުކާރުން ހިންގި ޕްރޮގްރާމްގެ ސަބަބުން އޭ ލެވެލް ކިޔެވި ދަރިވަރުންގެ އަދަދު އަދި އޭ ލެވެލްއިން ފާސްވި ދަރިވަރުންގެ އަދަދު ވެސް އެހެން އަހަރުތަކަށް ވުރެ އިތުރުވި ކަން ޝަފީއު ފާހަގަކުރެއްވި އެވެ. އެ ގޮތުން:
ސަރުކާރު ސްކޫލްތަކުގައި އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު %77 އިތުރުވި
ޕްރައިވެޓް ސްކޫލްތައް ހިމެނޭ ގޮތަށް ހުރިހާ ސްކޫލެއްގައި އޭ ލެވެލް ކިޔަވާ ދަރިވަރުންގެ ނިސްބަތް %38 އިތުރުވި
އޭ ލެވެލްއިން ކުރީ އަހަރު ފާސްވި ދަރިވަރުންގެ އަދަދަށް ވުރެ އިތުރަށް މިދިޔަ އަހަރު 106 ދަރިވަރުން ފާސްވި
ޝަފީއު ވިދާޅުވީ މާލޭގެ ސީއެޗްއެސްއީ އާއި ހުޅުމާލޭގެ ސީއެޗްއެސްއީގައި އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރެވޭނެ ޖާގަ އެބަ އޮތް ކަމަށާއި އަންނަ އަހަރު މާލެ ސަރަހައްދުގައި އޭ ލެވެލް ކިޔަވައިދޭ ދަރިވަރުންގެ އަދަދު އިތުރުވާނެ ގޮތަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. 
"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ވެސް ދެވޭ ގޮތަށް، ރާއްޖޭގައި އޭ ލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމިގެންދާއިރު ކަނޑައެޅިގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ