އެމެރިކާއާއި އިސްރާއީލުން ހީނުކުރާވަރުގެ ރައްދެއް ދޭނަން: އިރާންގެ ސިފައިން

މިއަދު ފަތިހުގެ ވަގުތެއްގައި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގެ ގޮތުގައި އެމެރިކާއާއި އިސްރާއީލުން ހީނުކުރާވަރުގެ ހަމަލާއެއް ދޭނެކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖިސީ)ން ބުނެފިއެވެ. އެ ގައުމުގެ ދައުލަތުގެ ޓީވީން ނެރުނު ބަޔާނެއްގައި އައިއާރުޖީސީއިން ވަނީ ހަމަލާތަކަށް ހިތާމަވެރި ރައްދުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރުމަށް ގޮވައިލައިފައެވެ. އަދި ބަދަލު ހިފުމަކީ އެމީހުންގެ ހައްގެއް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. "އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަށް ހަނގުރާމައިގެ ބިންގަނޑު ރަނގަޅަށް އެނގޭ. އަދި ޓްރަމްޕާއި ވައިޓް ހައުސް އާއި ތެލް އަވީވްގައި ވެރިކަންކުރާ ޖިނާއީ ގޭންގުގެ ހަޅޭކުގެ އަޑުން ދުވަހަކު ވެސް ބިރެއް ނުގަންނާނެ." އައިއާރްޖީސީން ނެރުނު ބަޔާނެއްގައިވެއެވެ. އެމެރިކާއިން އީރާނަށް މިއަދު ދިން ހަމަލާއަކީ ނިއުކްލިއާ ތިން މަރުކަޒަކަށް އަމާޒުކޮށްދިން ހަމަލާއެކެވެ. އެ މަރުކަޒު ކަތަކީ އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގައި ހުންނަ ނިއުކްލިއާ މަރުކަޒެވެ. އެމެރިކާއިން އެ ހަމަލާ ދީފައި ވަނީ މި މަހުގެ 13ވަނަ ދުވަހު އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާ ގުޅިގެން ރައްދުގައި އީރާނުން ވެސް ހަމަލާދީ، ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ، އާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ