އަންނަ ރިޔާސީ އިންތިހާބުގައި ސޯލިހު ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފި

ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ ޓިކެޓަށް ވާދަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަން މިރޭ ރަސްމީކޮށް އިއުލާންކޮށްފި އެވެ.މިކަން ހާމަކުރައްވާފައި ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެން ފަރީއްކޮޅެއްގައެވެ.  މި ފަރީއްކޮޅުގައި ބައިވެރިވެ، ސޯލިހުގެ ނިންމެވުމަށް ތާއިދުކުރާ ކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސޯލިހު ނިންމެވިއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. މި ދަނޑިވަޅަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ދަނޑިވަޅެކެވެ. އެގޮތުން، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް މާދަމާ ރޭ އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ އިރު، އެމަނިކުފާނު ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ