ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އިރާނަށް ހަމަަލާ ދިނުމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
"ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" ސިފަކޮށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި، އެތަކެއް ދުވަސްތަކެއް ދިގުލައިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް ބަޔާންކުރައްވާފައި ވެ އެވެ.
ރާއްޖެއަކީ ގިނަ މުދާ އިމްޕޯޓުކޮށް، ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވާތީ، މި ފަދަ ހާލަތްތަކުގައި އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައި ވެ އެވެ.
މެދު އިރުމަތީގައި ހަނގުރާމަ ދިގުލައިގެން ދާނަމަ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ ގަތަރު އެއާވޭސް އާއި އެމިރޭޓްސް އެއާވޭސްގެ ދަތުރުތައް މަޑުޖެހުމުގެ ފުުރުސަތު ވެސް ބޮޑު ކަމަށް މީކައިލްގެ ގަރާރުގައި ވެ އެވެ.
މި ދެ އެއާލައިނު މަރުކަޒު ވެފައިވާ ދޯހާ އާއި ދުބާއީއަކީ ދުނިޔޭގެ މަޝްހޫރު ޓްރާންސިޓު މަންޒިލުތައް ކަން ފާހަގަކުރައްވައި، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުގެ ގަރާރުގައި ފާހަގަކުރެއްވި އެވެ.
މީގެ ސަބުން ދައުލަތުގެ އާމްދަނީ ދަށް ވުމާއި ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ، ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއް ކަމަށް ވެސް މެންބަރު ފާހަގަކުރެއްވި އެވެ.
މީކާއިލް މި ގަރާރު ހުށަހެޅިއިރު، އިޒްރޭލުން ދިން ހަމަލާތަކަށް ބާރު ދޭން އެމެރިކާއިން ވެސް ވަނީ އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަކަށް ބޮން އަޅާފަ އެވެ. ރައްދުގައި އިރާނުން ވަނީ އިޒްރޭލަށް ހަމަލާތަކެއް ފޮނުވާލާފަ އެވެ. އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ތެލާއި ގޭސް ބޭރުކުރަން މުހިންމު ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން ރުހުން ދީފަ އެވެ.
އިޒްރޭލު-އިރާނު ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް އަޅާ ފިޔަވަޅުތައް ދެނެގަންނަން ގަރާރެއް އިޒްރޭލު-އިރާނު ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް އަޅާ ފިޔަވަޅުތައް ދެނެގަންނަން ގަރާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ