އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޖީގައި ޔުވެންޓަސް އާއި ވިދާދް އެތްލެޓިކް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުވެންޓަސް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ޔުވެންޓަސް ގުރޫޕްގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ވިދާދް ކުޅުނު ދެމެޗުން ވެސް ބަލިވެ ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ ޗެންޕިއަން އަލް އައިން އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ވިދާދްގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ އަތުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުވެންޓަސް އިންނެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ވިދާދުގެ ޑިފެންޑަރު އަބްދުލްމޫނައިމް ބުޓޫއިލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ 10 މިނެޓުފަހުން އެޓީމުގެ ޒުވާން ފޯވާޑް ކެނާން ޔިލްޑިޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ވިދާދުން ނަތީޖާގެ ފަރަކު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުތު އެފްރިކާ ފޯވާޑް ތެމްބިންކޮސައި ލޮރްޗް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 69 ވަނަ މިނެޓުގައި ޔިލްޑިޒް ކާމިޔާބުކުރިއިރު މިއީ މިމުބާރާތުގައި އުމުރުން 20 އަހަރުގެ ފޯވާޑް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
މިމެޗުގައި ޔުވެންޓަސްގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ޑުސާން ވްލޮހަވިޗް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުވެންޓަސްގެ ޒުވާން ފޯވާޑް ކެނާން ޔިލްޑިޒް އެވެ.
ކުލަބް ވޯލްޑްކަޕް: ވިދާދް އަތުން ޔުވެންޓަސްއަށް ފަސޭހަ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ