ރެޝްފޯޑްގެ ދައުވަތެއް ބާސެލޯނާ އަށް ރެޝްފޯޑްގެ ދައުވަތެއް ބާސެލޯނާ އަށް

މައިކޯނޯސް، ގްރީސް (ޖޫން 23) - ސަތާރަ އަހަރުގެ ތަރި، ލަމީން ޔަމާލާ އެކު، ބާސެލޯނާ އަށް ކުޅެން ބޭނުންވާ ކަމަށް ބުނެ، މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް، ބާސެލޯނާ އަށް ދައުވަތެއް ދީފި އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި، ލޯނު އެއްބަސްވުމެއްގެ ދަށުން ރެޝްފޯޑް، 27، އެސްޓަން ވިލާ އަށް ބަދަލުވީ، ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމްރޮމްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. ޔުނައިޓެޑާ އެކު ރެޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. ޖެނުއަރީގައި ވެސް ބާސެލޯނާ އަށް ދެވޭތޯ މަސައްކަތް ކުރި ރެޝްފޯޑަށް، އެ ކްލަބުން ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯ ވަނީ ބުނެފަ އެވެ.
ވިލާގެ ލޯން އެއްބަސްވުން ނިންމާލައިފައިވާއިރު، ރެޝްފޯޑް އެނބުރި ޔުނައިޓެޑަށް ގޮސް އަމޮރިމްގެ ކޯޗުކަމުގައި ކުޅުމުގެ ފުރުސަތެއް ނެތްއިރު، ރެޝްފޯޑްގެ އޭޖެންޓް ބާސެލޯނާއާ މަޝްވަރާ ކުރި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ސްޕެއިނުގެ އިންފްލުއެންސަރު، ޖަވީ ރުއިޒް އަށް ދިން އިންޓަވިއުއެއްގައި، ރެޝްފޯޑް ބުނީ، އުމުރުން 17 އަހަރުގައި ޔަމާލްގެ ފަރާތުން ފެންނަނީ އެ އުމުރަށް ވުރެ މާ މޮޅު ކުޅުމެއް ކަމަށެވެ. އަދި، ޔަމާލް ފަދަ އާދަޔާހިލާފު މޮޅު ކުޅުންތެރިއަކާ އެކު، ބާސެލޯނާ އަށް ކުޅެން ބޭނުންވާ ކަމަށް ރެޝްފޯޑް ވަނީ ބުނެފަ އެވެ.
"އެ އުމުރުގައި (ޔަމާލް) އެހާ ތަފާތު ކުޅުމެއް އެ ގޮތަށް ދެއްކުމަކީ ވެސް ހުނަރެއް. އެ ވިސްނުމާ އެކު ކުރިއަށްދިއުމަކީ ވެސް ކެރުމާއި ފުޓްބޯޅައިގެ ގާބިލުކަން ހުރުން، އެންމެން ވެސް ބޭނުންވަނީ އެންމެ މޮޅު ކުޅުންތެރިންނާ އެކު ކުޅެން، އަހަރެންގެ ވެސް މި ހުރީ އެ ވިސްނުން،" ރެޝްފޯޑް ބުންޏެވެ.
އަންނަ މަހު ޕްރީ ސީޒަން ފެށުމުގެ ކުރިން، ޔުނައިޓެޑްގެ މެނޭޖްމަންޓުން އެ ކްލަބްގައި ތިބި ބައެއް ކުޅުންތެރިންނާ މެދު ގޮތެއް ނިންމަން އެ ޓީމުގެ ކޯޗު އަމޮރިމް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ރެޝްފޯޑް ހިމެނޭއިރު، އަމޮރިމް ޕްރީ ސީޒަން ޕްލޭން ހަދަނީ ރެޝްފޯޑް ނުހިމަނައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ