ރޮނާލްޑޯ އަށް ކްލަބް ވޯލްޑް ކަޕްގައި ކުޅެން ރިވަ ޕްލޭޓުން އޮފާކުރި ކަމަށް ބުނެފި ރޮނާލްޑޯ އަށް ކްލަބް ވޯލްޑް ކަޕްގައި ކުޅެން ރިވަ ޕްލޭޓުން އޮފާކުރި ކަމަށް ބުނެފި

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ނަސްރަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅެން ރިވަ ޕްލޭޓުން އޮފާއެއް ކުރި ކަމަށް އެ ޓީމުގެ ކޯޗު، މާސެލޯ ގަލާޑޯ ބުނެފި އެވެ.
ސޯޝަލް މީޑިއާ ތަރި، އައި ޝޯ ސްޕީޑްގެ "ޕޮޑްކާސްޓު" ގައި ވާހަކަ ދައްކަވަމުން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ، ރޮނާލްޑޯ، ކްލަބް ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި ބައެއް ކްލަބްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
އެކަމަކު، އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަށް ގިނަ ކްލަބްތަކެއްގެ އޮފާ ލިބުނު ކަމުގައި ވިޔަސް، އޭނާ އަލް ނަސްރުގައި މަޑުކުރަން ނިންމާފައިވާ ކަމަށް، ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ވަނީ ބުނެފަ އެވެ.
ރިވަ ޕްލޭޓްގެ ކޯޗު ގަލާޑޯ: މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ރަނގަޅު މަސައްކަތެއް އަންނަނީ ކުރަމުން،
އާޖެންޓީނާގެ ގަދަބާރު، ރިވަ ޕްލޭޓުން ކްލަބް ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމުގެ ކޯޗު ގަލާޑޯ ބުނީ، އެ ޓީމުން ކްލަބް ވޯލްޑް ކަޕްގައި ރޮނާލްޑޯ ލައްވައި ކުޅުވަން މަސައްކަތް ކުރި ކަމަށެވެ.
"މިދިޔަ މާޗް މަސް ތެރޭގައި ހެން ހަނދާން ވަނީ، އަހަރެން ގާތް މީހެއް މެދުވެރިކޮށް، އަހަރެން ރޮނާލްޑޯ ގެންނަން ހުށަހެޅިން ކްލަބް ވޯލްޑް ކަޕްގައި ކުޅެން، އެކަމަކު، އެ އަށް ވިސްނާފައި ވެސް ރޮނާލްޑޯ ބުނެފައިވަނީ، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން މަޑުކުރާނީ ކަމަށް،" ގަލާޑޯ ބުންޏެވެ.
އޭނާ ބުނީ، ފަހުން ރޮނާލްޑޯއާ އެކު، ސައުދީ އަރަބިއްޔާގައި ބައްދަލުކުރަން ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އަދި، ރޮނާލްޑޯ އަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން، ވަރަށް ފުރިހަމަ ސަހުސިއްޔަތެއްކަން އެ ބައްދަލުވުމުން ވެސް އެނގިގެންދިޔަކަން ގަލާޑޯ ފާހަގަކުރި އެވެ.
ޕޯޗުގަލްއާ އެކު، ދެ ވަނަ ފަަހަރަށް ނޭޝަންސް ލީގު ކާމިޔާބުކުރުމަށް ފަހު، ރޮނާލްޑޯ ބުނީ، މުސްތަގުބަލާ ގުޅޭގޮތުން، ނިންމަން ޖެހޭ ކަންކަން ހުރީ ނިމިފައި ކަމަށެވެ. އެއީ، އަލް ނަސްރުގައި މަޑުކުރާ ގޮތަށްތޯ އެހުމުން، ރޮނާލްޑޯ ވަނީ އެއީ ނިންމުން ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ