ފުރިހަމަ ވަސީލަތްތަކާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި

މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ގާއިމުކޮށް މިއަދު ހުޅުވައިފިއެވެ. ހެންވޭރު ލިލީމަގުގައި ހުންނަ އެ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މި ސެންޓަރު ހުޅުވާފައި ވަނީ ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާއެކުގައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި: އެ ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް -- ސަން ފޮޓޯ/ މޫސާ ނަދީމް މި ސެންޓަރުން ރާއްޖެއިން އާންމުކޮށް ފެންނަ ހައިޕަޓެންޝަން، އޮބެސިޓީ، ޑައިބެޓީސް، ޕީސީއޯއެސް އަދި ޑިސްލިޕިޑެމިއާ ފަދަ މެޓަބޮލިކް ބަލިތަކަށް ފަރުވާ ދޭނެއެވެ. އެގޮތުން އެކަމަށްޓަކައި ޚާއްސަ ލެބޯޓްރީއާއި ޑައިގްނޯސްޓިކް އިކުއިޕްމަންޓްތައް މި ސެންޓަރުގައި ވަނީ ގާއިމުކޮށްފައެވެ. އެ ސެންޓަރު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ކޮންޓިނިއުއަސް ގްލޫކޯޒް މޮނިޓާސް ސިސްޓަމްސް (ސީޖީއެމްއެސް)ގެ ޚިދުމަތް ފުރަތަމަ ފަހަރަށް ރާއްޖޭގައި ވަނީ ތައާރަފު ކޮށްފައެވެ. މިއީ ހަށިގަނޑުގައި މޮނީޓަރެއް ތަތްކޮށްގެން ދޭ ޚިދުމަތެކެވެ. އެންމެ ފަހުގެ މި ނިޒާމު ބޭނުންކޮށްގެން ލޭގައި ހަކުރު ހުންނަ މިންވަރު ރިއަލް ޓައިމްގައި މޮނިޓާކޮށް، ފަރުވާތަކުގައި ރަނގަޅު ބޭހާއި ޑޯޒްތައް ފޯރުކޮށްދިނުމުގައި ޑޮކްޓަރުންނަށް އެހީތެރިވެދޭނެއެވެ. ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި، މެޓަބޮލިކް ސެންޓަރުގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. މުހައްމަދު ވިޝާމް -- ސަން ފޮޓޯ/ މޫސާ ނަދީމް ސީޖީއެމްއެސްއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މެޓަބޮލިކް ސެންޓަރުގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. މުހައްމަދު ވިޝާމް ވިދާޅުވީ ސީޖީއެމްއެސް ސިސްޓަމްތަކަކީ ޑައިބެޓީސްގެ އެންމެ އުނދަގޫ ހާލަތްތައް ދިމާވެފައި ތިބޭ މީހުންނަށް ފަރުވާ ދޭން ވަރަށް ފަސޭހަ ސިސްޓަމަކަށް ވާނެ ކަމަށެވެ. އޭނާ ވަނީ އެ ސިސްޓަމް ބޭނުންކުރާ ގޮތް ކިޔައިދެއްވައިފައެވެ. ހަށިގަނޑުގެ މައިގަނޑު ލޭ ހޮޅިތައް ނުހުންނަ ތަންތަނަށް އޭތި ހިއްޕަން މި ޓާގެޓްކުރަނީ. ބޮޑަށް ހިއްޕަނީ އަތުގެ އެތެރެ ފަރާތުގަ. ހިއްޕާފަ ސައުވީސް ގަޑިއިރު ލޭ އަދި ގުލްކޯޒް މޮނިޓާކުރަމުންދާނެ 15 ދުވަސް ވަންދެން. އޭގެން ފެންނާނެ ކެއުމަށް އަންނަ ބަދަލުތައް ވެސް. އެއަށް ބަލާފަ ބޭސްތަކަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެންނަށް ގެނެވޭނެ، ޑރ. މުހައްމަދު ވިޝާމް ވިޝާމް ވިދާޅުވި ގޮތުގައި އެ ސެންޓަރުން މެޓަބޮލިކް ބަލިތަކަށް އެކަށީގެންވާ ފަރުވާދެވޭނެ މާހައުލެއް ގާއިމުކުރުމަށް މަަސއްކަތް ކުރާނެއެވެ. އެގޮތުން އެ ސެންޓަރުން ބަލި މީހުންނަށް ޚާއްސަ ރަޖިސްޓްރީއެއް ވެސް ގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި: ކޮންޓިނިއުއަސް ގްލޫކޯޒް މޮނިޓާސް ސިސްޓަމްސް (ސީޖީއެމްއެސް)ގެ ޚިދުމަތް ފުރަތަމަ ފަހަރަށް ރާއްޖޭގައި ވަނީ ތައާރަފު ކޮށްފަ -- ސަން ފޮޓޯ/ މޫސާ ނަދީމް އަދި އުންމީދަކީ ސަރުކާރު ހޮސްޕިޓަލްތަކުގައި ވެސް ކުރިއަށް އޮތް ތަނުގައި އެފަދަ މެޓަބޮލިކް ސެންޓަރުތައް ގާއިމުކުރުން ކަމަށް ވިޝާމް ވިދާޅުވިއެވެ. މެޓަބޮލިކް ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ތަޖުރިބާކާރު އެންޑޮކްރިނޮލޮޖިސްޓުން ކަމަށްވާ ޑރ. ވިޝާމް އަދި ޑރ. މާރިޔާ ރުސާލެންކޯ ލިޔުއްވާފައިވާ ފޮތެއް ވެސް މިނިސްޓަރު ނާޒިމް ވަނީ ނެރެދެއްވައިފައެވެ. "ޑައިބެޓީސް އެންޑް މެޓަބޮލިކް ޑިސްއޯޑާސް ޕޭޝަންޓް އެޑިއުކޭޝަން ގައިޑް" ގެ ނަމުގައި ނެރުނު އެ ފޮތަކީ ރާއްޖޭގައި އާންމު މެޓަބޮލިކް ޑިސްއޯޑާތަކާ ބެހޭ ގޮތުން އަމިއްލައަށް ތައުލީމު ދިނުމަށް އަމާޒުކޮށްގެން ލިޔެފައިވާ ޕޭޝަންޓް އެޑިއުކޭޝަންގެ ދެވަނަ ފޮތެވެ. މިނިސްޓަރު ވަނީ އެތަން ހުޅުވައިދެއްވުމަށްފަހު، އެ ސެންޓަރުގައި ގާއިމުކޮށްފައިވާ ޚިދުމަތްތައް ބައްލަވައިލައްވާފައެވެ. މި ސެންޓަރުން ހުރިހައި އުމުރެއްގެ މީހުންނަށް ވެސް ޚިދުމަތް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ