ނިއުކްލިޔާ މައްސަލައިގައިނ އިރާގާއި އީރާނާ ދެކޮޅަށް ވެސް އެމެރިކާ ހެދީ ދޮގު: ރަޝިއާ
އދ. މަޖިލިސް (23 ޖޫން 2025): ނިއުކްލިޔާ މައްސަލައިގައި އީރާނާ ދެކޮޅަށް ދޮގު ހަދަމުން ގެންދަނީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ދޮގުތައް ހެދި ގައުމުތަކުން ކަމަށް ރަޝިއާ ބުނެފިއެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ރަޝިއާގެ މަންދޫބު ވެސްލީ ނެޕީޒިޔާ ވިދާޅުވީ އިރާގާއި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ގެންދަނީ ފާޅުގައި ދޮގުހަދައި ބައިނަލްއަގްވާމީ މުޖްތަމައަށް އޮޅުވާލަމުންނެވެ. "އިރާގަށް އަރައިގަނެ އެގައުމު އަތްދަށުލުމަށްޓަކައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ދޮގާއި މަކަރުތައް ހަދައި ދުނިޔެއަށް އޮޅުވާލީވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތައް،" ރަޝިއާގެ މަންދޫބު ވިދާޅުވިއެވެ. އދ.ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށްފަހު އެމެރިކާއިން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެޕީޒިޔާ ވިދާޅުވީ ދޮގާއި މަކަރުތައް ހަދައި ދުނިޔެއަށް އޮޅުވާލުމުގެ އަމަލުތަކަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަބަދުވެސް ކުރާކަމެއްކަމަށާއި އީރާނާ ދެކޮޅަށް އުދުވާން ހިންގުމަށްވެސް އެމެރިކާއާއި އިސްރާއީލު ބޭނުންކުރީ ދޮގާއި މަކަރާއި އޮޅުވާލުން ކަމުގައެވެ. ނެޕީޒިޔާ ވަނީ ނިއުކްލިޔާ ހަތިޔާރު ހުރި ދެ ގައުމު ކަމަށްވާ އިސްރާއީލާއި އެމެރިކާއިން ނިއުކްލިޔާ ހަތިޔާރު ނެތް ގައުމެއްކަމަށްވާ އީރާނުގެ މަދަނީ އަދި ސުލްހަވެރި ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވަރަށް ގޮތެއްފޮތެއް ނެތް ނާތަހުޒީބު އަދި އުދުވާނީ އަމަލެއްކަމަށް ސިފަކުރައްވައި އެ ދެ ގައުމު ކުށްވެރި ކުރައްވާފައެވެ. އެމެރިކާއާއި އިސްރާއީލުގެ އުދުވާނާއި ޣައިރު ގާނޫނީ އަމަލުތަކުގެ ފަހަތުގައި ޔޫރަޕްގެ ގައުމުތައް އޮތް ކަމަށާއި ޔުކްރެއިން ބޭނުންކޮށްގެން ރަޝިއާ ހިސާރު ކުރަން މަސައްކަތް ކުރީ ވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ކަމަށް ނެޕީޒިޔާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި އީރާނުގެ މަންދޫބު އަމީރު ސައީދު އިރުވާނީ ވިދާޅުވީ އެމެރިކާގެ އުދުވާނަށް ރައްދު ދިނުމުގެ ހައްގު އީރާނަށް އޮންނާނެކަމުގައެވެ. "އަމިއްލަ ނަފުސުގެ ދިފާއުގައި އީރާނުން އެމެރިކާ އާ ދެކޮޅަށް ހަމަލާދޭނެ، ނަމަވެސް ހަމަލާދޭނެ ގޮތަކާއި ދޭނެ ތަނަކާއި ދޭނެ ވަގުތު ކަނޑައަޅާނީ އީރާނުން" އީރާނުގެ މަންދޫބު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލާ ދެކޮޅަށް އީރާން ދެމުން ގެންދަނީވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ދޭ ހަމަލާތަކެވެ. އީރާނުގެ ހަމަލާތަކުން އިސްރާއީލަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުގެ އަނިޔާވެރި އަދި ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ޗައިނާވެސްވަނީ އެމެރިކާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އެމެރިކާ އުޅެނީ ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ޗާޓަރަށް ގޮންޖަހާފައި ބުލީ ކުރާ އުސޫލުންކަމަށާއި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އީރާނަށް ލިބިގެންވާކަމަށް ޗައިނާގެ މަންދޫބު ފޯކޮންގް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ އެމެރިކާ އީރާނަށް ދިން ހަމަލާތަކުން ސަރަހައްދުގެ ހަމަޖެހުން ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ހަމަލާތައް އީރާނުގެ ފޯޑޯ ނިއުކްލިޔާ މަރުކަޒަށް އަމާޒު ކުރިނަމަވެސް އީރާން ބުނާގޮތުން އެގައުމުން ފައްކާކޮށްފައިވާ ޔޫރޭނިއަމް އާއި ނިއުކްލިޔާ ހައްސާސް އާލާތްތައް އެމެރިކާގެ ހަމަލާތަކުގެ ކުރިންވަނީ އެތަނުން ނަގާފައެވެ. އެހެންކަމުން އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ނުލިބެއެވެ. އެމެރިކާގެ ބައެއް މަސްދަރުތަކުންވެސްވަނީ އެމެރިކާ އީރާނަށް ދިން ހަަމަލާތަކަކީ ނާކާމިޔާބު ހަަމަލާތަކެއްކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ