ވަކިވެގެން ދިޔައީ މުހިއްމު މުވައްޒަފެއް؛ ހުނަރުވެރި ފުޓްސަލް ކުޅުންތެރިއެއް: ބީއެމްއެލް

އއ. ރަސްދޫގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ރޭ މަރުވި އަލީ ސާމިން އަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުހިއްމު މުވައްޒަފެއް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ ރަސްދޫ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ ސާމިން މަރުވީ އަލިފާނުގެ ހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އިންޑިއާގަ އެވެ. އެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ %78 ވަނީ ފިހިފަ އެވެ.
ތަފްސީލް - ސާމިންގެ ވަކިވުމާ ގުޅިގެން ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށްފަ އެވެ.
ބޭންކުން ބުނީ ސާމިން މަސައްކަތަށް ބެހެއްޓި ފަރުވާ އާއި ދިން އަހަންމިއްޔަތުކަމާ އެއްވަރަށް އޭނާ އަކީ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށެވެ. ބީއެމްއެލްގެ ފުޓްސަލް ޓީމުގައި ސާމިން މުހިއްމު ދައުރެއް އަދާކުރި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ވަނީ ބޭންކުގެ މުވައްޒަފުގެ ވަކިވުމާ އެކު އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާއަށް ތައުޒިޔާ ކިޔައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ