ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) އަމްޕަޔަރު، މުހައްމަދު ޔާމީން އަށް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފައިނަލުން ފުރުސަތު ލިބިިއްޖެ އެވެ.
މި މުބާރާތް ކުރިއަށްދާނީ، ގަތަރުގެ ވެރި ރަށް ދޯހާގައި އަންނަ މަހުގެ 17 އިން 25 އަށެވެ. މި މުބާރާތަށް މުޅި ދުނިޔެއިން ނެގި 22 އަމްޕަޔަރުން ތެރޭގައި، ޔާމީން ހިމެނެ އެވެ. އަދި، މުބާރާތް ނިމެންދެން އިންސާފުކުރުމުގެ ފުރުސަތު ލިބޭ ހަތް އަމްޕަޔަރުންގެ ތެރޭގައި ވެސް ޔާމީން ހިމެނެ އެވެ.
ސ. ފޭދޫ އަށް އުފަން ޔާމީން އަކީ ބްލޫ ބެޖް ހޯދި ރާއްޖޭގެ ފުރަތަމަ އަމްޕަަޔަރެވެ. އައިޓީޓީއެފް އިން ބެޖް ދިނުމުގައި ޓޭބަލް ޓެނިސް އަމްޕަޔަރުން ގިންތި ކޮށްފައިވަނީ ތިން ލެވަލަކަށެވެ. އެ ގޮތުން، ފުރަތަމަ ވައިޓް ބެޖް ދިނުމަށް ފަހު، ދެން އިން ލެވަލަކީ، ބްލޫ ބެޖް އެވެ. ދެން، އެންމެ މަތީ ފަންތި އަށް ގޯލްޑް ބެޖް ދެ އެވެ. ގޯލްޑް ބެޖް ތައާރަފްކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، މި ބެޖް ހާސިލްކުރި އަމްޕަޔަރުން މީގެ ކުރީގައި ތިބީ އިންޑިއާގައި އެކަންޏެވެ. އެކަމަކު، ޔާމީން މި ބެޖް ހާސިލްކުރުމާ އެކު، އޭނާ އަށް ވެސް ފުރުސަތުތައް ފަހިވެގެންދިޔަ އެވެ.
އެ ގޮތުން، ބްލޫ ބެޖް ހާސިލްކުރުމަށް ފަހު ޔާމީން ވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަޒަކްސްތާންގެ ވެރި ރަށް އަސްތާނާގައި ކުރިއަށްދިޔަ އޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތާއި މި އަހަރުގެ ފެބްރުއަރީ މަހު ޗައިިނާގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ޓޭބަލް ޓެނިސް މުބާރާތުގައި ވެސް އިންސާފުކޮށްފަ އެވެ.
އޭޝިއާގެ ވަރުގަދަ ދެ މުބާރާތުގައި އަމްޕަޔަރުކަން ކުރުމަށް ފަހު، ދުނިޔޭގެ މުބާރާތުގައި އިންސާފުކުރުމަށް ތައްޔާރުވަމުން އަންނަ ޔާމީން، "އަދަދު ސްޕޯޓްސް" އަށް ބުނީ، މިއީ އަނެއްކާ ވެސް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.
"މީގެ ކުރިން ހިއެއް ނުވޭ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަމްޕަަޔަރަކަށް ފުރުސަތު ލިބުނުހެން. ދެން، މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ފެށިގެން ނިމުމާ ހަމައަށް މަސައްކަތްކުރާނެ އަމްޕަޔަރެއްގެ ގޮތުގައި ހިމެނިފައިވަނީ،" ޔާމީން ބުންޏެވެ.
އޭޝިއަން ޗެމްޕިއަންޝިޕްގައި އަސްތާނާގައި އެސަސްމަންޓްތަކެއް، ހެދި އޭގެ، ދެން، އެސަސްމަންޓް އަބަދުވެސް ހަދާނެ މުބާރާތްތަކުގައި، ދެން އޭޝިއަން ކަޕްގައި، މެންސް ފައިނަލް ދިން އެސިސްޓަންޓް އަމްޕަޔަރުކަން. ކުރިއެރުން ލިބެމުން މި އަންނަނީ،"
އަމިއްލަ ރަށުގައި ޓީޓީގެ ކުޅުނުއިރު ވެސް އަމްޕަޔަރުކަން ކުރުމުގައި އުޅެފައިވާ، ޔާމީން، މަތީ ތައުލީމު ހާސިލްކުރަން މާލެ ބަދަލުވުމަށް ފަހު، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އާ ގުޅިގެން ގިނަ މަސައްކަތްތަކެއްގައި އުޅުނެވެ.
އޭގެ ތެރެއިން، އަމްޕަޔަރުކަން ކުރަން ރަސްމީކޮށް މަސައްކަތް ފެށުނީ، 2008 ވަނަ އަހަރު ބޭއްވި ބޭސިކް އަމްޕަޔަރު ކޯހާ ހަމައިންނެވެ. އެ ގޮތުން، 2016އާ ހަމައަށް ސަޓިފައިޑް އަމްޕަޔަރެއްގެ ގޮތުގައި ހުރުމަށް ފަހު، އެ އަހަރު ވައިޓް ބެޖް ހޯދި އެވެ. ޔާމީން، ބްލޫ ބެޖާ ހަމައަށް ދާން ކުރި މަސައްކަތް ވެސް ނުހަނު ގިނަ އެވެ.
ކަސްޓަމްސްގައި އިސް ވަޒީފާއެއްގެ ޒިންމާ އަދާކުރަމުން އަންނަ ޔާމީން ވަނީ މަލްޓި ސްޕޯޓްސް ގިނަ ގޭމްސްތަކެއްގައި ވެސް ޓީޓީ އިވެންޓްތަކުގައި އަމްޕަޔަރުކަން ކޮށްފަ އެވެ. އެ ގޮތުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓީޓީގެ ވަރުގަަދަ މެޗުތަކުގައި އިންސާފުކޮށްފައިވެ އެވެ.
ޔާމީން، އަމްޕަޔަރުކަން ކޮށްފައިވާ ބައިނަލްއަގުވާމީ އެހެނިހެން މުބާރާތްތަކަށް ބަލާއިރު، 2017 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕާއި އޭގެ އެއް އަހަރު ފަހުން ރާއްޖޭގައި ބޭއްވި ސައުތު އޭޝިއާ ޖޫނިއާ މުބާރާތާއި ގަތަރުގައި 2021 ވަނަ އަހަރު ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހިމެނެ އެވެ.
ރާއްޖޭގެ ޓީޓީ އަމްޕަޔަރު ޔާމީނަށް މި ފަހަރު ފުރުސަތު ލިބުނީ ދުނިޔޭގެ މުބާރާތުން ރާއްޖޭގެ ޓީޓީ އަމްޕަޔަރު ޔާމީނަށް މި ފަހަރު ފުރުސަތު ލިބުނީ ދުނިޔޭގެ މުބާރާތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ