ހަމްނާ، ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި ހަމްނާ، ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި

ހަންގޭރީގައި މި ވަގުުތު ޓްރެއިނިން ހަދަމުން އަންނަ ގައުމީ ސްވިމިން ޓީމުގެ ހަމްނާ އަހުމަދު، ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.
އެ ގޮތުން، ހަމްނާ މުގުރާލައިފައި ވަނީ، ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ. މި ރެކޯޑް އެންމެ ފަހުން ހެދީ، އައިޝަތު ސާޖިނާ އެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްގަ އެވެ. އެއީ އެ މުބާރާތުގެ އެ އިވެންޓު، 01:24.65 އިން ނިންމައިގެންނެވެ.
ހަމްނާ، އެ ރެކޯޑް މުގުރާލީ ހަންގޭރީގައި ކުރިއަށްދާ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކޮށްގެންނެވެ. ހަމްނާ ރެކޯޑް އާ ކުރި ޓައިމިން އަކީ، 01:23.38 އެވެ.
މިދިޔަ ޑިސެމްބަރު މަހު ބޭއްވި ގައުމީ ފެތުމުގެ މުބާރާތުގެ އެންމެ މޮޅު އަންހެން ފެތުންތެރިއާގެ މަގާމު ހޯދި ހަމްނާ އެންމެ ފަހުން ވާދަކުރި އިންޓަނޭޝަނަލް މުބާރާތްތަކުގައި ވެސް ވަނީ ގިނަ ގައުމީ ރެކޯޑްތަކެއް އާ ކޮށްފަ އެވެ.
އެ ގޮތުން، ޑިސެމްބަރު މަހު ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް މުބާރާުތުގައި އެއް އިވެންޓެއްގެ ގައުމީ ރެކޯޑް ދެ ފަހަރު އާ ކުރި އެވެ. އެ ގޮތުން، އެ މުބާރާތުގައި ތިން ރެކޯޑެއް ޖުމްލަ އާ ކުރި ހަމްނާ، އެންމެ ފުރަތަމަ އާ ކުރީ، އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ. ޙަމްނާ އެ ރެކޯޑް އާ ކުރީ، 01:20.69 ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޙަމްނާ އެވެ. އެއީ، 2023 ވަނަ އަހަރު ހަންގޭރީގައި ބޭއްވުނު އެ ޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 01:22.65 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
އޭގެ ފަހުން، އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ޙަމްނާ ވަނީ ދެ ފަހަރެއްގެ މަތިން އާ ކޮށްފަ އެވެ. ހަމްނާ މި ރެކޯޑް މި މުބާރާތުގައި ފުރަތަމަ އާ ކުރީ، 100 މީޓަރު ބްރެސްޓްސްޓްރޯކު އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:36.84 އިން ނިންމައިގެންނެވެ. އޭގެ ފަހުން، ހަމްނާ މިރެކޯޑު އާކޮށްފައިވަނީ 00:36.55 އިން ރޭހެއް ނިންމައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ