އިރާނުން ކުރިއަށްގެންދާ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރުގެ ކުރިން ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން އިރާނަށް ވަޑައިގެން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.
މި ދަތުރަކީ އެމެރިކާ އާއި އިރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ޑިޕްލޮމެޓިކް މަސައްކަތްތަކުން ހައްލެއް ނުލިބިއްޖެނަމަ މެދުއިރުމަތީގައި ހަމަނުޖެހުން އުފެދިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ ޕްރިންސް ހާލިދު ކުރައްވާ ދަތުރެކެވެ. އެގޮތުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އެމެރިކާ އާއެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެ ގައުމަށް ބޮން އަޅާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕު ތަކުރާރުކޮށް ވަނީ ދެއްވާފަ އެވެ.
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ތެހެރާންގައި ޕްރިންސް ހާލިދު ވަނީ އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުالله އަލީ ހާމަނާއީއާ ބައްދަލުކުރައްވައި ސައުދީގެ ރަސްގެފާނު ސަލްމާންގެ ހާއްސަ މެސެޖެއް ރައްދު ކުރައްވާފަ އެވެ. ދެ ގައުމުގެ މެދުގައި ބަދަހި ގުޅުމެއް ބޭއްވުމަކީ ދެ ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ހާމަނާއީ ވިދާޅުވި ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ޕްރިންސް ހާލިދު ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގެރީއާ ވެސް ބައްދަލުކުރައްވާފަ އެވެ.
ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެ، ޔަމަނުން ފެށިގެން ސީރިއާއާ ހަމައަށް މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް މަގުފަހިވި އެތައް އަހަރެއްގެ ދެކޮޅުވެރިކަމަށް ފަހު އަލުން ގުޅުން ގާއިމުކުރުމަށް ޗައިނާ މެދުވެރިޔަކަށް ވެގެން ސައުދީ އަދި އިރާނުން ވަނީ 2023 ގައި އެއްބަސްވެފަ އެވެ.
އެމެރިކާ އާއި އިރާނާ ދެމެދު ކުރަމުންދާ މަޝްވަރާތަކަށް ސައުދީއިން ވަނީ މަރުހަބާ ކިޔާފަ އެވެ. މިފަހަރުގެ މަޝްވަރާތަކުގައި މެދުވެރިޔެއްގެ ރޯލު އަދާކުރަނީ އޮމާނުންނެވެ.
ސައުދީގެ ޑިފެންސް މިނިސްޓަރު އިރާނަށް ވަޑައިގެންފި ސައުދީގެ ޑިފެންސް މިނިސްޓަރު އިރާނަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ